ޖޭއެސްސީ

ޖޭއެސްސީގެ މެންބަރު އަލީ ޝަރީފްގެ މައްސަލަ ޖޭއެސްސީއަށް

May 13, 2022
1

ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

އަލީ ޝަރީފަކީ ދަށު ކޯޓުތައް ތަމްސީލް ކުރުމަށް ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ އެ ކޮމިޝަންގެ މެންބަރެކެވެ.

އަލީ ޝަރީފްގެ މައްސަލަ ޖޭއެސްސީ އަށް ހުށަަހަޅާފައި މިވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް މީހަކު ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް އޮތް އިރުވެސް އެމީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް އަލީ ޝަރީފް ހުކުމްކުރައްވާފައި ވަނިކޮށެވެ.

މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އެޑްވޮކަސީ ޗެމްބާސްގެ ފަރާތުންނެވެ.

މައްސަލަ ސާބިތުކުރުމަށް ވީޑިއޯގެ އިތުރުން 11 ހެއްކެއް ވެސް ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހެޅި އެވެ.

މަސްއޫދަށް ހަމަލާދިނީ އޭނާގެ އަންހެނުންނާ އެކު މިދިޔަ އަހަރުގެ އޮގަސްޓް ތިންވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ ބޯޅަދަނޑު ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ.

މަސްއޫދުގެ އެކި ވިޔަފާރިތައް ފޮނަދޫގައި ހިންގަމުންދާއިރު އޭނާގެ ކާރުގައި 2020 ވަނަ އަހަރު ވަނީ ރޯކޮށްލާފަ އެވެ. މަސްއޫދު ތުހުމަތުކުރާ ގޮތުގައި ކާރުގައިވެސް ރޯކޮށްލީ އޭނާ އަށް ހަމަލާދިން މީހާ އެވެ.