އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއްވެސް ގޮތަކަށް އާންމުނުކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ބުނީ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ބުލީ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލާ އަދި ރަށުގެ އިޖުތިމާއީ ބަދަހި މަދަދުވެރިން -- އިބަމަ މެމްބަރުންނާއި އެކު މިނިސްޓްރީން އެ ވީޑިއޯއާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް އެ ވީޑިއޯގެ ސަބަބުން ގެއްލުންވާތީ މީސްމީޑިއާ އަދި އެހެނިހެން ވަސީލަތްތަކުގައި ވެސް އެ ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ވީޑިއޯގައި ފެންނަ އަނިޔާ ލިބޭ ކުއްޖާ އަކީ ގުރޭޑް ހަތެއްގައި ކިޔަވާ ފިރިހެން ކުއްޖެކެވެ. އޭނާ އަށް އަނިޔާ ކުރަނީ ގުރޭޑް ހައެއްގައި ކިޔަވާ ފިރިހެން ކުއްޖެކެވެ.
ކުއްޖާ އަށް އަނިޔާ ކުރީ އަންހެން ކުއްޖެއްގެ މައްސަލަގައި ކަމަށް މައުލޫމާތު ލިބެ އެެވެ.
ރަށުގެ ވަލުތެރެއަށް ވެއްދުމަށްފަހު ކުއްޖާއަށް އަނިޔާކުރަމުން ދިޔައީ އެތައް ބައެއްގެ ހާޒިރުގައި ކަމަށް ވީޑިއޯ އިން އެނގެ އެވެ.
ދަނޑިބުރިއަކުން ކުއްޖާގެ ގައިގައި ދެ ފަހަރަކު ޖަހަމުންދާ މަންޒަރު ފެނުނު ނަމަވެސް ރުއިން ފިޔަވާ އަނިޔާ ލިބޭ ކުއްޖާ ދިފާއުގައި އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ.
ކުއްޖާ އަށް އަނިޔާކުރުމަށްފަހު އެ ކުއްޖާ ފޮނުވާލަން އުޅުމުން ކައިރީގައި ހުރި އެހެން ކުއްޖަކު އިތުރަށް އަނިޔާކުރަން ބުނާ އަޑުވެސް އިވެ އެވެ. ނަމަވެސް ދެން ބަހައްޓާށޭ ބުނުމަށްފަހު އަނިޔާކުރުމުގެ ބަދަލުގައި ކުއްޖާއަށް ބުލީކުރުމުގެ ގޮތުން ތަފާތު އެއްޗެތި ކިޔާ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.
ފުލުހުން ވެސް ބުނީ މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ މައްސަލަ ބަލަމުންދާ ކަމަށެވެ.