ކުށުގެ ވެށިން ސަލާމަތްކުރުމަށްޓަކައި ފަރުވާ ދޭންޖެހިފައިވާ 200 އެއްހާ ކުޑަކުދިން އެބަތިބި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރަމުން ދިޔަ ވީޑިއޯއެއް އާންމުވުމާ އެކު އެކަމާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް މިރޭ ފުލުހުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ކަމާ ގުޅޭ އެހެން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އާންމުވެގެން އުޅޭ ވީޑިއޯ އިން ފެންނަނީ ހިތްދަތި އުނދަގޫ މަންޒަރުތަކެއް ކަމަށާއި ކުޑަކުއްޖާއަށް އަނިޔާކުރަމުން ދަނީވެސް ކުޑަކުދިންތަކަކަށް ވާތީ އެ ކުދިންނާ ގުޅޭ ގާނޫނުތައް ހުރި ގޮތުން ކުޑަކުދިންނަށް ފަރުވާދެވެން އޮތީ ވަކި ގޮތްތަކެއްގެ ތެރެއިން ކަމަށެވެ. ކަމާ ގުޅޭ ގާނޫނުތަކުގައި އިސްލާހުކުރަންޖެހޭ އަދި ހައްލުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ކުޑަކުދިންނަށް ފަރުވާ ދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ވަކި ހާއްސަ ސެންޓަރުތަކެއް ގާއިމުކުރަން ލާޒިމުކޮށްފައިވީ ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެފަދަ ސެންޓަރުތަކެއް ހަދާ ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ދ. ކުޑަހުވަދޫއާއި ހއ. ހޯރަފުށީގައި މިފަދަ މަރުކަޒުތަކެއް އެޅުމުގެ މަސައްކަތްތަކެއް ނިމިދިޔަ ސަރުކާރުގައި ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ކުޑަހުވަދޫ މަރުކަޒު މިހާރުން މިހާރަށް ބޭނުންކުރެވެން ނެތް ކަމަށާއި ނަމަވެސް ހޯރަފުށީގައި ހުރި ކުޑަކުދިންގެ ރިހިބިލިޓޭޝަން ސެންޓަރު ފުރިހަމަކުރުމަށްފަހު އަންނަ ހަފްތާ ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކަމާ ގުޅޭ އިދާރާތާކުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު ކުށުގެ ވެށީގައި ފަރުވާ ދޭންޖެހޭ 200 އެއްހާ ކުދިން ތިބިއިރު އެ ކުދިންނަށް ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަމާގުޅޭ ސެންޓަރުތަކާއި ވަސީލަތްތައް ފުރިހަމަކުރެވިފައި ނުވުން ކަމަށެވެ. އަދި ކުޑަކުއްޖަކު ކުށެއް ކުރި ނަމަވެސް ކަމާ ގުޅޭ ގާނޫނުތައް ހުރި ގޮތުން އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ޖިނާއީ ކުށަކަށް ޒިންމާކުރެވެން އޮތީ 15 އަހަރުވުމުން ކަމަށްވާތީ އެއީވެސް މިވަގުތަށް އޮތް ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުކޮށް ޖިނާއީ ކުށަކަށް ކުޑަކުއްޖަކު ޒިންމާކުރެވޭ އުމުރު 12 އަހަރުން މައްޗަށް ބަދަލުކުރުމަށް ގާނޫނު އިސްލާހުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް "ކެއާ ފެސިލިޓީ"އެއް ވަކި ރަށެއްގައި ގާއިމުކުރުމަށް ކެބިނެޓުން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ފެސިލިޓީ އަކީ ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ތައުލީމާއި ތަރުބިއްޔާ ދޭނެ މަރުކަޒަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވީ ކުށް ކުރާ ކުޑަކުދިންނަށް 15 އަހަރު ނުވަނީސް ޖިނާއީ ހުކުމެއް ނުކުރެވޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެފައިވީ ނަމަވެސް ކުށްކުރާ ކުޑަކުދިންނަށް ގާނޫނީ ގޮތުން އެޅެންހުރި އެހެން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ކުށްކުރާ ކުދިން ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށް ދާންޖެހޭ ކޯޓެއް ގާނޫނުން ސާފުނުވާތީ އެއީ ކުޑަކުދިންގެ މައްސަލަތައް ހައްލުކުރުމަށް އޮތް ދައްޗެއް ކަމަށްވެސް ވިދާޅުވި އެވެ.
ކުޑަކުދިންނާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ބަލައި ދިރާސާކުރުމަށްފަހު އީދު ބަންދަށްފަހު މަޖިލީހަށް އެ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށާއި މަޖިލީހުން އިސްލާހުތައް ފާސްކޮށްދީފި ނަމަ ގިނަވެގެން މަހެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މިހާރަށް ވުރެ ރަނގަޅަށް ފިޔަވަޅު އެޅޭނެ ކަމުގައިވެސް އުޝާމް ވިދާޅުވި އެވެ.