އިމްތިޔާޒު ފަހުމީ

ވޯޓު ދޭންވީ އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދޭން: އިންތި

May 13, 2022

އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ނިކުމެ ވޯޓު ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ އިމްތިޔާޒު ފަހްމީ (އިންތި) އެދިވަޑައިގެންފި އެވެ.

އިންތި މިކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ މެންބަރުންނަށް އަމާޒުކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެމްޑީޕީއަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓްގައި އިމްތިޔާޒު ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ އަދި ވަރަށް ގިނަ ދުވަހުގެ ވަރަށް ގިނަ މަސައްކަތާ ގުރުބާނީން ނަގާ ކޮޅަށް ޖެހުނު އިސްލާހީ ހަރަކާތެއް ކަމަށެވެ.

"މި ރީތި އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ނުކުންނަވާ ވޯޓު ދެއްވާ." އިމްތިޔާޒު ވިދާޅުވެފައިވެ އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފަސް އަހަރުގެ ދައުރަކަށް ހޮވަނީ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހާއި ޔޫތު ވިންގުގެ މަގާމުތަކެވެ. އެންމެ ފޯރިގަދައީ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ޗެއާޕާސަން ހޮވުމަށް 94،211 މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު އަންހެނުންގެ ރޫހުގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ޔޫތު ވިންގަށް ބޭފުޅުން ހޮވުމަށް 32،057 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިހާބާ ގުޅޭ ޝަކުވާ ބަލާ ކޮމިޓީގެ ގޮތުގައި ތިން ބޭފުޅުން ހިމެނޭ ކޮމިޓީއެއް ވެސް އެމްޑީޕީން މިހާރު ވަނީ އެކުލަވާލާފަ އެވެ. ކޮމިޓީގެ މެންބަރުންނަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާ އަދި ޝާތިރު އަބްދުއްރަހްމާން އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 194 ރަށުގައި ވޯޓު ފޮށި ބަހައްޓާއިރު އޭގެތެރެއިން 87 ފޮށި ހުންނާނީ މާލޭގަ އެވެ.