އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިމްތިޔާޒު ފަހްމީ ކެމްޕޭންގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށްފި އެވެ.
އިންތިގެ ކެމްޕޭންގައި އެންމެ ފަހުން ވަޑައިގަތީ ރާއްޖޭގެ އެންމެ ހުޅަނގުގައި މުޅިން ވަކިން އޮންނަ ހދ. މަކުނުދޫ އަށެވެ.
ކެމްޕޭން ދަތުރުތައް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންތި ފެއްޓެވީ ފުވައްމުލަކު ސިޓީންނެވެ.
މަކުނުދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިންތި ވިދާޅުވީ މަކުނުދޫއާ އެކު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކެމްޕޭންގައި ދަތުރުކުރެވި ސަޕޯޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
އިންތި ވިދާޅުވީ އޭނާ އަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެމްޑީޕީގެ އަސްލު އުސޫލުތައް ނަގަހައްޓައި ޕާޓީ އަލުން ވަރުގަދަކޮށް ޕާޓީގެ އާންމު މެންބަރުން ބޭނުންވާ ގޮތަށް ޕާޓީއާ ގުޅޭ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކެމްޕޭންގައި އިންތި ވަނީ ރަށްރަށަށް ވަޑައިގެން ޖަލްސާތައް ބޭއްވުމުގެ އިތުރުން ވަކިވަކި ގެތަކަށް ދޮރުން ދޮރަށް ހިންގަވާ އޭނާގެ ސިޔާސަތުތައް ޕާޓީގެ މެންބަރުންނަށް އޮޅުންފިލުއްވައިދީފަ އެވެ.
ރޯދަ މަހުގެ ކުރިން އިންތި ކެމްޕޭން ފެއްޓެވުމަށްފަހު ރޯދަ މަހުގެ ތެރޭގައި ވެސް ވަރަށް ގިނަ ރަށްތަކަކަށް ޒިޔާރާތް ކުރައްވާ ކެމްޕޭން ހަރަކާތްތައް ވަރުގަދައަށް ކުރިއަށް ގެންދެވި އެވެ.
އިންތިގެ ކެމްޕޭން ޓީމުގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އަރިސް ބޭފުޅުންނެވެ. އެގޮތުން އިންތިގެ ކެމްޕޭން ދަތުރުތަކުގައި ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ބުރަކޮށް މަސައްކަތް ކުރައްވާފައިވެ އެެވެ. މީގެއިތުރުން އިންތިގެ ކެމްޕޭން މެނޭޖަރަކީ ވެސް އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮތީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި އެންމެ ފޯރިގަދައީ ޗެއާޕާސަން ހޮވުމެވެ.
އިންތިއާ އެކު ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އިންތިހާބުގެ ފޯރިގަދަވެ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތައްކޮށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.