ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ހޫނު ރައްދެއް ފައްޔާޒުގެ މެނޭޖަރަށް

Mar 3, 2022
5

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކުރެވޭ ތުހުމަތުތައް ދިފާއުކުރައްވާ އޭނާގެ ކެމްޕޭން މެނޭޖަރު އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އިބްރޭ) ވާހަަކަދެއްކެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. އިމްތިޔާޒަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ސަރުކާރުގައި މަސައްކަތް ކުރާ އަދި އިމްތިޔާޒަށް ތާއީދު ކުރާ ބައެއް މީހުން ވަޒީފާތަކުން ވަކިކޮށް ބައެއް މީހުންނަށް އެކި ކަހަލަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އަދި ފައްޔާޒު ގެންދަވަނީ ބައެއް މީހުންނަށް ފައިސާ ބައްސަވަމުން ކަމަށްވެސް އިމްތިޔާޒުގެ ބައެއް ސަޕޯޓަރުން ތުހުމަތު ކުރެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިބޭ ގުރޫޕެއްގައި ރޭ އެ މައްސަލަ ހޫނުވުމުން އިބްރޭ ވަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވާ، އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި އެއްވެސް މުވައްޒަފަކަށް ފައްޔާޒު ބިރު ދައްކަވާފައެއް ނުވެ އެވެ. އަދި އެމްޑީޕީގެ މެންބަރުންނަކީ މީހަކު ދައްކާ ބިރަކަށް އެމީހުންގެ ވިސްނުން ބަދަލުކުރާ ކަހަލަ ބައެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އިބްރޭ އެގޮތަށް ވާހަކަދައްކަވަން ފެއްޓެވުމުން އޭނާ އަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ "މީހެއްގެ ވިއްޔާ ގޮތެއްވެސް ހުންނަން ވާނެ" ކަމަށެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު "ބަތިބިކަން ބަލާ ނުލަނީބާ"އޭ ވެސް އެއްސެވި އެވެ. އަދި އެމަނިކުފާނު ވެސް ހިތު ހުރިހާ އެއްޗެއް ގޮވަމުން ނިކުންނަންވީތޯ" އެއްސެވި އެވެ.

ނަޝީދު ހިތްހަމަޖެހިވަޑައިނުގަތުމުން އިބްރޭ ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ "ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަސްކޮށްދެއްވީ ރައީސް ނަޝީދު" ކަމަށެވެ. ރައީސް ނަޝީދު މިއަދުވެސް އިންތިހާބެއްގައި ވާދަކުރައްވައިފިނަމަ އެމަނިކުފާނަށް ކެމްޕޭން ކޮށްދިނުމާއި ވޯޓުލުމުގައި ހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އޭގެފަހުން އިބްރޭ ސާފުކޮށްދެއްވީ މާޒީގައި އޭނާ އަށް އެމްޑީޕީން ތެރޭ ދިމާކުރި ބައެއްގެ އަމަލުތައް ހުރި ގޮތާއި، ފައްޔާޒު ހިޔާރުކުރެއްވި ސަބަބެވެ.

އެގޮތުން އިބްރޭ ވިދާޅުވީ 2017 ވަނަ އަހަރު އޭނާ އެމްޑީޕީގެ އިންތިހާބެއްގައި ވާދަކުރެއްވުމާ ގުޅިގެން "އަސްލު އެމްޑީޕީ" ކަމަށް ބުނާ ޓީމަކުން އޭނާ "ކޮށާލައި" އެންޓި ކެމްޕޭން ކުރި ކަމަށެވެ. އެކަމުގެ ތެރޭގައި އޭނާގެ ދިފާއުގައި ނިކުމެ އެހީތެރިވެ ދެއްވީ މިނިސްޓަރު ފައްޔާޒާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ރޮޒެއިނާ އާދަމް ކަމުގައި ވިދާޅުވި އެވެ. އެހެންވެ އޭނާ އެކަންވެސް އަބަދުވެސް ދަންނާނެ ކަންވެސް ރައީސް ނަޝީދަށް ހަނދާންކޮށްދެއްވި އެވެ. އަދި އޭނާ އަކީ މިސަރުކާރުގައި ހުރި މީހެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"ނަމަވެސް ފަރުދީ ގޮތުން އަޅުގަނޑު ބޭނުންވާ މީހާއަށް ތާއީދުކޮށްގެން މަނިކުފާނު އަޅުގަނޑު ދެކެ ރުޅި ނާންނާނެ ކަން ޔަގީންކުރަން،" އިބްރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބުގައި އެންމެ ފޯރިގަދައީ ޗެއާޕަސަންގެ މަގާމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މީހުން ފައްޔާޒުގެ ފަހަތުގައި ތިބިއިރު މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން ވެސް ތިއްބެވީ ފައްޔާޒާ އެކު އެވެ. ރައީސް ނަޝީދަށް ތާއީދުކުރާ މީހުންނާއި އެމަނިކުފާނު އާއިލީ ބޭފުޅުން ތިއްބެވީ އިމްތިޔާޒާ އެކު އެވެ.