އަބްދުﷲ ޝާހިދު

މިއީ އެމްޑީޕީ އެއްބައިވާންވީ ވަގުތު: ޝާހިދު

May 15, 2022
2

އެމްޑީޕީގެ އަސާސްތަކުގައި ހިފައިގެން މިއީ އެއްބައިވާންވީ ވަގުތު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވުނު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝާހިދުގެ ޓްވީޓްގައި ވަނީ އެމްޑީޕީގެ އިންތިހާބު މިހާރު ނިމިފައިވާ ކަމަށް އެޕާޓީގެ މެންބަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ.

އޭގެފަހުގައި ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ދިވެހިރާއްޖެ ކުރިއަށް ގެންދެވޭނެ ހަމައެކަނި ޕާޓީ ކަމަށެވެ. އަދި މިވަގުތަކީ އެމްޑީޕީގެ އަސާސްތަކުގައި ހިފައިގެން އެއްބައިވާންވީ ވަގުތު ކަމުގައިވެސް ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ އެމްޑީޕީއަށް އަދިވެސް އިތުރު ކާމިޔާބީތައް ލިބޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރައްވާ އެކަން ޝާހިދު ހާމަކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު މިނިސްޓަރު ފައްޔާޒު ކާމިޔާބު ކުރެއްވީ 28،000 އަށް ވުރެ ގިނަ ވޯޓުންނެވެ. ފައްޔާޒުގެ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒު ފަހްމީ އަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ. ވޯޓްލީ މީހުންގެ 58 ޕަސެންޓް ފައްޔާޒު ހޯއްދެވިއިރު އިމްތިޔާޒަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.