އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ އިމްތިޔާޒް ފަހްމީ ކެމްޕޭން ދަތުރުތަކުގައި ތިލަދުންމައްޗަށް ވަޑައިގެންފި އެވެ.
އިމްތިޔާޒު މިއަދު ހެނދުނު ފެއްޓެވި މިދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ތަކަންދޫ އަށެވެ. އޭނާގެ މިދަތުރުގައި ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާނެ އެވެ.
ތަކަންދޫން އިމްތިޔާޒުގެ ސަޕޯޓަރުން ވަނީ އޭނާ އަށް މަރުހަބާ ކިޔާފަ އެވެ. އިމްތިޔާޒުގެ ކެމްޕޭންގައި އަރިހުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަޅޮލު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ރައީސް އޮފީހުގެ ވަޒީރު އަދި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އެވެ.
އިމްތިޔާޒު މީގެކުރިން ވަނީ ފުވައްމުލައް އަދި އައްޑޫ ސިޓީ އަށް ވެސް ކެމްޕޭންގައި ދަތުރުކުރައްވާފަ އެވެ. މީގެއިތުރުން ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންނެވި އެވެ.
ކެމްޕޭން ދަތުރެގައި އިމްތިޔާޒު ތިލަދުންމައްޗަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނިކޮށެވެ.
ކުރިން އަންނަ މަހުގެ 16 ވަނަ ދުވަހު އޮތް އިންތިހާބު ފަސްކުރީ ރޯދަ މަހާ ދިމާވާތީ މެއި 14 އަށެވެ.
އިންތިހާބު ފަސްކުރަން ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އިމްތިޔާޒުއާ ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ވަހީދު (އިބްރޭ) އެވެ. ގައުމީ މަޖިލީހުގައި އެވަގުތު ތިއްބެވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ. އިމްތިޔާޒުގެ ޓީމުން ވޯޓު ދިނީ އިންތިހާބު ފަސްކުރަން ނުފެންނަށެވެ.
އިންތިހާބު ފަސްކުރަން ހުށަހެޅީ އިންތިހާބުން ބަލިވުމުން ކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ.