ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ތިން ވަނަ ދައުރަށްފަހު އިންތި އާއި އީވާއަށް ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރަށްފަހު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ގޮނޑި ގެއްލިއްޖެ އެވެ.

އީވާ އާއި އިމްތިޔާޒް ދަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މެންބަރުކަން ކުރައްވަމުންނެވެ. އީވާ އާއި އިމްތިޔާޒް މި އިންތިޔާބުގައި ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އީވާއާ ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހީމް އެވެ.

މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އީވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު އިބްރާހީމަށް މަރުހަބާ ދަންނަވާފަ އެވެ.

އިމްތިޔާޒް ފަހުމީއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އެވެ.

އިމްތިޔާޒްވެސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނާޒިމަށް މަރުހަބާ ދަންނަވާފަ އެވެ.