ލައިފްސްޓައިލް

ފެނަށް އެލާޖިކް ކުއްޖަކަށް ކަރުނައަކީ ވެސް އެސިޑެ

ފެނާ ނުލާ އިންސާނުންނަށް ދިރި ނޫޅެވޭނެކަމަށް ކުޑަ އިރުއްސުރެ އޮންނަނީ އެނގިފަ އެވެ. ނަމަވެސް ފެނަށް އެލާޖިކް ވާނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އެމެރިކާގެ ޓަސްކަންގެ 15 އަހަރުގެ މި އަންހެންކުއްޖާ އަކީ މިފަދަ ހާލަތެއް ދިމާވެފައިވާ ކުއްޖެކެވެ. އޭނާގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ފެނަށް އޭނާ އެލާޖިކެވެ. ފެން ވެރުން ފަދަ ކަމެއް ނުކުރެވޭއިރު ކިތަންމެ ތަދުވިޔަސް ރޮވޭ ކަށް ވެސް އޭނާއަކަށް ނެތެވެ. އަމިއްލަ ލޮލުން ވެއްޓޭ ކަރުނަ ތިކި ވެސް އެސިޑް ފަދަ އެއްޗަކަށް ވާތީ އެވެ.

އަބިގެއިލް ބެކް އަށް މިކަން ފުރަތަމަ ތަޖުރިބާ ކުރެވުނީ 2019 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 13 އަހަރެވެ. އޭރުއްސުރެ މި ކުއްޖާ އުޅެނީ ވަރަށް ހާލުގައި އުޅުނަސް އޭނާގެ އަސްލު ބަލި ދެނެގަނެވުނީ މިދިޔަ މަހު އެވެ. އެއީ އަކުއާޓިކް އާޓިކޭރިއާ ކިޔާ ބައްޔެކެވެ.

އަބިގެއިލްގެ ބަލީގެ ގޮތުން އާދައިގެ ފެނުން ފެންވެރުމެކޭ އެސިޑުން ފެން ވެރުމަކީ ތަފާތެއް ނެތެވެ. ފެންކޮޅެއް ގަޔަށް އަޅާލާއިރު މުޅި ހަންގަނޑު އަނދަ އެވެ. އެހެންވެ ފެން ވަރަނީ ވަރަށް މަދުންނެވެ. އަދި މި ކުއްޖާ ފެން ތައްޓެއް ނުބޯތާ އަހަރެއް ވެއްޖެ އެވެ. ފެން ބޮއިފިނަމަ ވަގުތުން ހޮޑުލެވޭތީ އެވެ.

ފެނުގެ ބަދަލުގައި އަބިގެއިލް ބޮނީ އަންނާރު ދިޔަޔާއި އެނާޖީ ޑްރިންކެވެ. މި އެއްޗެތީގައި ފެން އެކުލެވޭ މިންވަރު މަދުވީމަ އެވެ. ނަމަވެސް މި އެއްޗެތި ބޮއިގެން އޭނާގެ ހަށިގަނޑަށް އެކަށީގެންވާ ވަރަކަށް ފެނެއް ނުލިބެ އެވެ. އެހެންވެ ޑޮކްޓަރުންނަށް ޖެހެނީ އޭނާއަށް ޑިހައިޑްރޭޝަނަށް ދޭ ބޭސް ދޭށެވެ.

އަބިގެއިލް ބުނި ގޮތުގައި ފެން ޖެހުމުން ހަށިގަނޑަށް އުނގޫތައް ވިޔަސް މޮޔައެކޭ ހީކޮށްފާނެތީ އޭނާ ޑޮކްޓަރަށް ދައްކަން ވެސް ނުކުރެވިފައި ވަރަށް ގިނަ ދުވަހު ހުއްޓެވެ. އެހެންވެ ބަލި މަޑުމަޑުން ގޯސް ވަމުން ދިޔައީ އެވެ. އޭނަގެ ބަލި ދެނެގަންނަން އެހާ ގިނަ ދުވަސް ނެގީ އެހެންވެ އެވެ.

މި މައްސަލަ ފުރަތަމަ ދިމާވާން ފެށުމުން އަބިގެއިލް ހީކުރީ އޭނާގެ ގޭގައި ހުރި ވޯޓާ ސަޕްލައި ހޮޅިތަކުގެ މައްސަލައެއް ކަމަށެވެ. ގައިގައި ލީ ލޯޝަނެއް ސަބަބުން ވީ ގޮތެއް ކަމަށް ހިތާ ވެސް އޭނާ އޭގެ ފަހުން އުޅުނެވެ.

އަބިގެއިލް ބުނި ގޮތުގައި ބަލީގެ ހާލަތު ގޯސްވަމުން ގޮސް މިހާރު އޭނާއަށް ކަސްރަތު ކުރުމާއި ފެންވެރުމަކީ ވެސް ވޭން ހުރި ކަމެކެވެ.

"އަމިއްލަ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަސް އޭގެން އެލާޖިކް ރިއެކްޝަނެއް އައިސް މުޅި މޫނު ރަތްވެ އަނދާ. އަދި ކަރުހިއްކައިގެން ގޮސް ކެތް ނުކުރެވިގެން ފެންފޮދެއް ބޯލިޔަސް މޭގައި ވަރަށް ގަދަޔަށް ރިއްސަން ފަށާ،" އަބިގެއިލް ބުންޏެވެ.

އަބިގެއިލް އޭނާގެ ހާލަތު ކިޔައިދީފައިވަނީ ސޯޝަލް މީޑިއާގަ އެވެ. އަދި މި ވާހަކަ ކިޔާފައި އޭނާ އާ ސުވާލުކުރަން ބޭނުން މީހުންގެ ސުވާލުތަކަށް ޖަވާބު ދޭނެކަމަށް އަބިގެއިލް ބުނެފައި ވެއެވެ.