ލައިފްސްޓައިލް

އިމާރާތަކުން ބޭރަށް އެލިފައި އޮތް ކުއްޖެއް ސަލާމަތްކޮށްފި

ކަޒަކަސްތާނުގެ އުސް އިމާރާތެއްގެ އަށް ވަނަ ބުރީގެ ކުޑަ ދޮރަކުން ބޭރަށް އެލިފައި އޮތް ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކު ނުވެއްޓެނީސް ސަލާމަތް ކޮށްފި އެވެ. މި ކުއްޖާ ސަލާމަތްކުރީ އެ މަންޒަރު ފެނުނު މީހެކެވެ.

ސާބިތު ޝޮންޓަކްބައޭވް ނަމަކަށް ކިޔާ 37 އަހަރުގެ މި މީހާ ރައްޓެއްސަކާއެކު އޮފީހަށް ދަނިކޮށް ކުއްލިއަކަށް ކުޑަ އަންހެންކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އޭނާ ވަށައިގެން ބަލާލިއިރު އުސް އިމާރާތެއްގެ ވަރަށް މަތީ ބުރިއެއްގެ ކުޑަ ދޮރަކުން ކުޑަ ކުއްޖަކު އެލިފައި ދެންމެ ދެންމެ ނުވެއްޓި އޮއްވާ ފެނުނެވެ.

ބަލާކަށް ނުހުރެ އޭނާ ވަގުތުން ދުއްވައިގަތެވެ. އަދި ދިޔަ ގޮތަށް ގޮސް ކުއްޖާ ސަލާމަތްކުރަން މަސައްކަތް ފެށި އެވެ.

ސާބިތު އެރީ ކުއްޖާ އެލިފައި އޮތް ފަންގިފިލާގެ ތިރީ ފަންގިފިލާ އަށެވެ. އެ ކުއްޖާ އެލިފައި އޮތް ދިމާލުން ތިރީގައި ހުރި ކުޑަދޮރުން އޭނާ ބޭރަށް ނުކުމެ ކުއްޖާގެ ފައިގައި ހިފި އެވެ. ކުއްޖާ ހިފާއިރު އަރާ ލޮޅުމުގައި ސާބިތު ވެއްޓިދާނެތީ އޭނާގެ އެކުވެރިޔާ ހުރީ ވަރަށް ބާރަށް އޭނާގެ ދެ ފައިގައި ހިފަހައްޓައިގެންނެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ތިން އަހަރުގެ ކުއްޖާ އެ ވަގުތު ހުރީ ގޭގައި އެކަނި މާއެކަންޏެވެ. އޭނާގެ މަންމަ ވީ ވިޔަފާރިކުރަން ބޭރަށް ގޮހެވެ. އެހެންވެ ދަނޑިވަޅު ބަލާފައި ކުއްޖާ ކުޝަން ތަކަކާއި ކުޅޭ އެއްޗެހިތަކެއް ކުޑަ ދޮރު ކައިރިގައި ފުންޏަކަށް ޖަހައިގެން އެ އެއްޗިއްސަށް އަރައިގެން ކުޑަދޮރުމައްޗަށް އެރީ އެވެ. ކުޑަ ދޮރު މައްޗަށް އަރައިގެން އުޅެނިކޮށް ބެލެންސް ގެއްލިގެން ބޭރަށް އެލި ކިރިޔާ ކިރޔާ ނުވެއްޓި އޮއްވާ ސަލާމަތްވީ ސާބިތުގެ އަވަސް އަދި ދުރުވިސްނުމުގެ ސަބަބުންނެވެ. އަދި އޭނާގެ ފުރާނައަށް ގެއްލުން ވެދާނެކަމަށް ނުބަލާ ކުއްޖާއަށް އެހީތެރިވާން ކުރި މަސައްކަތުންނެވެ.

ކުއްޖާ ކުޑަދޮރުން އަތް ދޫކޮށްލުމުން ވެއްޓުނުއިރު އޭނާ ސާބިތު ވަނީ އެ ކުއްޖާ ހިފާފަ އެވެ. އެހެންވެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވީ އެވެ.

މި ކަން ވީގޮތް ކިޔައިދެމުން ސާބިތު ބުނީ އޭނާ އާއި އެކުވެރިޔަކު އޮފީހަށް ދާން ހިނގާފައި ދަނިކޮށް ބަޔަކު މީހުން އެއްވެ އެއް ދިމާލަކަށް ބަލާތަން ފެނިގެން އޭނާއަށް ވެސް އެ ދިމާލަށް ބަލާލެވުނީ އެވެ. އެ ވަގުތު ކުޑަ ކުއްޖާ ކުޑަދޮރުން ބޭރަށް އެލިފައި އޮއްވާ އޭނާ އަށް ފެނުމުން ދުވެފައި ގޮސް ހަތްވަނަ ބުރިއަށް އަރައި އެ ދިމާލަށް ހުރި އެޕާޓްމަންޓުގެ ދޮރުގައި ޓަކި ޖެހީ އެވެ.

ނަސީބަކުން އެ އެޕާޓްމަންޓުގައި ދިރިއުޅޭ މީހުން ވަގުތުން ދޮރު ހުޅުވި ކަމަށާއި އޭރު ކުއްޖާ ކުޑަދޮރުގައި އެލިގެން އޮންނަތާ 15 ވަރަކަށް މިނިޓް ވެދާނެކަމަށް ލަފާ ކުރެވޭ ކަމަށް ސާބިތު ބުންޏެވެ.

ސާބިތު މި ކުޑަ ކުއްޖާ ސަލާމަތްކުރާ މަންޒަރުގެ ވީޑީއޯ މިހާރު އާންމު ވެފައިވާއިރު ވީޑިއޯއިން ފެންނަނީ ސާބިތު ކުޑަ ދޮރުން ބޭރަށް ނުކުމެ ކުއްޖާގެ ގައިގައި ހިފޭތޯ މަސައްކަތް ކުރާ ތަނެވެ. ނަމަވެސް ދެ ކުޑަދޮރު ދޭތެރޭގައި ފުދޭވަރެއްގެ ދުރުމިނެއް ހުރުމުން ސާބިތު އަށް ހިފުނީ ކުއްޖާގެ ފައިގެ ތަންކޮޅެއްގަ އެވެ. މަޑުމަޑުން ކުއްޖާގެ އަތް ދޫވުމުން ސާބިތުގެ އަތަށް ވެއްޓޭ ތަނާއި އޭނާ ވަރަށް ބާރަށް ކުއްޖާގެ ގައިގައި ހިފަހައްޓާތަން މި ވީޑީއޯގައި ފެނެ އެވެ.

ސާބިތު އަށް ވަގުތުން ކުއްޖާ ސަލާމަތް ނުކުރެވުނުނަމަ އޭނާ ވެއްޓި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވީޑިއޯ ބެލި އެންމެން ވެސް އެއްބަސްވެ އެވެ.

ހަތަރު ދަރިންގެ ބައްޕަ ސާބިތު ބުނީ އެ ވަގުތު އެ ކުއްޖާ ސަލާމަތްކުރުން ނޫން އެހެން އެއްވެސް ކަމެއް އޭނާގެ ހިތަށް ނޭރި ކަމަށެވެ. އަދި އޮފީހަށް ގަޑި ޖެހިފައިވާތީ ކުއްޖާގެ މަންމަ ޝުކުރު އަދާކުރަން ދެން ވެސް މަޑުނުކޮށް ސާބިތު އޮފީހަށް ދިޔައީ އެވެ.

ސާބިތުގެ ހިތްވަރުގަދަ ކަމުން އެކަން ކަޒަކަސްތާނުގެ ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން "ފޯ ކަރޭޖް އޮފް އިމަޖެންސީ ސިޗުއޭޝަން" ބެޖް ސާބިތު އަށް ދީފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަޒަކަސްތާނުގެ ފުރަތަމަ ވައިސް ޕްރެޒިޑެންޓް އޮފް އިމަޖެންސީ ސިޗުއޭޝަންސް، މޭޖާ ޖެނެރަލް ކުލްޝިމްބައޭވް އެވެ.

މި ބެޖާއެކު ހަދިޔާއެއްގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަކާއި ޓީވީ އެއް ވެސް ސާބިތު އަށް ދީފައި ވެއެވެ.