އިންޑިއާގެ ނާގްޕޫރުގައި ދިރިއުޅޭ މި "ކުއްޖާ" ފެނުމުން ކޮންމެ މީހަކު ވެސް ހީކުރާނީ މިއީ ތުއްތު ކުއްޖެއް ކަމަށެވެ. ނަމަވެސް އަބޯލީ ޖަރިޓް ނަމަކަށް ކިޔާ މި ޒުވާނާއަށް މިހާރު 19 އަހަރު ފުރިއްޖެ އެވެ. ބައްޔެއްގެ ސަބަބުން އޭނާގެ ހެދިބޮޑުވުމުން ހުއްޓިފައިވާތީ އޭނަގެ އިސްކޮޅުގައި އަދިވެސް ހުންނަނީ 3 ފޫޓު 4 އިންޗި އެވެ.
އިނގިރޭސި ވިލާތުގެ "ދަ މިރާ" ގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އަބޯލީ ވަރަށް ތުއްތުއިރު ކިޑްނިގެ މައްސަލަތަކެއް ހުރިކަން އެނގުނެވެ. އަދި ކަށިތަކުގައި ވެސް ބޮޑެތި އައިބުތަކެއް ހުރުމުން އާދައިގެ ދިރިއުޅުމެއް އުޅެން އެނާއަށް ތުއްތު އިރުއްސުރެ ފަސޭހައެއް ނޫނެވެ.
އަބޯލީ އުފަންވީއިރު ވެސް ޔޫރިނަރީ ބްލެޑާ އެއް ނެތެވެ. ނަމަވެސް އޭނާއަށް އަބަދުވެސް ޑައިޕާ ޖަހަން ޖެހެ އެވެ. އުނަގަނޑާ ދިމާލުން ކުޑަކަމުދާ އެއްޗެތި ނުކުންނާތީ އެވެ. އޭނާގެ ޔޫރިނަރީ ބްލެޑާ ނެތްކަން އެނގުމުން ޑޮކްޓަރުން އޭނާގެ އުނަގަނޑުގައި ލޯވަޅެއް އަޅާފައިވާތީ އެވެ. އެއީ ހަށިގަނޑުގައި ކުޑަކަމުދާ އެއްޗެތި ޖަމާވިޔަ ނުދިނުމަށް ކޮށްފައިވާ ކަމެކެވެ.
މިހާ ތަކުލީފުގައި އުޅެމުންދާއިރު ވެސް އަބޯލީ އަށް ބައެއް މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. ޚާއްސަކޮށް ސޯޝަލް މިޑީއާގައި ބައެއް މީހުން އޭނާ ވަރަށް ދެރަވާ ކަހަލަ އެއްޗެތި ބުނެ އެވެ. އޭނާގެ އިސްކޮޅު ކުރުކަމުންނާއި ކުޑަ ކުއްޖެއްގެ ސިފަ ޖަހާތީ އެވެ.
ނަމަވެސް މީހުން ކުރާ މަލާމާތަކީ އަބޯލީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމެއް ކަމަށް އޭނާ ނުދެކެ އެވެ. އަބޯލީ އަކީ ލަވަކިޔުންތެރިއެކެވެ މޮޑެލް އެކެވެ. ވީމާ މި ރޮނގު ރޮނގުން އޭނާ ދަނީ ހިތްވަރާއެކު ކުރިއަރަން މަސައްކަތް ކުރަމުންނެވެ.
ކުޑައިރު އޭނާ ނަށާވެސް އުޅުނެވެ. ނަމަވެސް ބަލި ބޮޑުވެ މިހާރު އަމިއްލައަށް ހިނގާލުމުގެ ކުޅަދާނަކަން ވެސް އަބޯލީގެ ނެތެވެ. އަބޯލީ ނަށަނިކޮށް އެއް ފަހަރަކު އޭނާގެ ފައި ވެސް ބިންދައިގެން ދިޔަ އެވެ. އެހެންވެ މިހާރު އޭނާ ނަށަނީ އިށީނދެ އިނދެގެންނެވެ.
އިންޑިއަން އައިޑަލް ޝޯގައި ވެސް އަބޯލީ އެއްފަހަރު ބައިވެރިވި އެވެ. އަދި "މިސިޒް ވީލް ޗެއާ" މުބާރާތުގައި ބައިވެރިވެ ފައިނަލަށް ދަތުރުކޮށްފައި ވެއެވެ.
މިހަރު އޭނާގެ އަމާޒަކީ ބޮލީވުޑާއި ހޮލީވުޑް ފިލްމުތަކުގައި މަސައްކަތްކޮށް މަޝްހޫރު އެކްޓަރަކަށް ވުމެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އަބޯލީގެ ބައްޔަކީ ފަސޭހަ ކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ޑޮކްޓަރުންގެ މި ފަދަ ވާހަކަތަކުން އަބޯލީގެ ހިތް މަރެއް ނުވެ އެވެ. އޭނާއަކީ އެއަށްވުރެ ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭ މީހަކަށް ވާތީ އެވެ.
އަބޯލީ ބުނި ގޮތުގައި އޭނާއަށް ޖެހިފައިވާ ބަލި ހުރި ގިނަ ބަޔަކަށް މާ ގިނަ ދުވަހު ދުނިޔޭގައި އުޅުމުގެ ނަސީބެއް ވެސް ލިބިފައެއް ނުވެ އެވެ. އެހެންވީމާ އޭނާއަށް 19 އަހަރު ވެސް ދުނިޔޭގައި ހުރެވުމަކީ ލިބުނު ބޮޑު ނިއުމަތެއްގެ ގޮތުގައި އޭނާ ދެކެ އެވެ.