ލައިފްސްޓައިލް

ކޮންމެ 30 ސިކުންތަކުން ހުރިހާ ހަނދާންތައް ފޮހެވޭ މީހެއް

ހަނދާން ނެތިފައި ތިބޭ މީހުން އުޅޭގޮތް އަހަރެމެންނަށް އާންމުކޮށް ފެންނަނީ ފިލްމު ފިލްމުންނެވެ. މިފަދަ ގޮތަކަށް އެއްވެސް ހަނދާނެއް ނެތި އުޅޭތާ 40 އަހަރުވީ މީހަކު މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ.

އެއީ ކްލައިވް ވެއަރިންގް ކިޔާ އިނގިރޭސި ވިލާތު މީހެކެވެ. އުމުރުން 84ގެ ކްލައިވް އަށް ޖެހިފައިވާ އެމްނީޝިއާ (ހަނދާން ނެތޭ ބައްޔަކީ) މިހާތަނަށް ދުނިޔޭގައި ފެނިފައިވާ މީގެ އެންމެ ގޯސް ވައްތަރެވެ. ދުނިޔޭގެ ތާރީޚުގައި ވެސް މިފަދަ އެމްނީޝިއާ އެއް ޖެހުނު މީހަކު ހުރި ކަމަކަށް މެޑިކަލް ފޮތްތަކުގައި ވެސް ނެތް ކަމަށް ވެއެވެ.

މި ބަލީގެ ސަބަބުން ކްލައިވް އަށް އެއްގޮތަކަށް ވެސް އެއްވެސް ކަމެއް ހަނދާނުގައި ނުބެހެއްޓެ އެވެ. ކޮންމެ ފަހަރަކު ނިދާ ހޭލާއިރު އޭނާއަށް ހީވަނީ އެތައް އަހަރެއް ވަންދެން ނިދާފައި އޮވެފައި ހޭލެވުނު ހެންނެވެ. އޭނާއަށް އެންމެ ގިނަ ވެގެން ވެސް ކަމެއް ހަނދާން ބެހެއްޓެނީ އެންމެ 30 ސިކުންތު އެވެ. އެހިސާބުން އަނެއްކާވެސް އޭނާގެ ހަނދާންތައް ފޮހެވެ އެވެ.

ކްލައިވް އަށް މިހެން ދިމާވީ 1985ގައި ހާޕްސް ކިޔާ ބައްޔެއް ޖެހިގެންނެވެ. ހާޕްސް ލެޔާއި ސިކުނޑީގެ ބެރިއާ ފޫއަޅުވާލާލުމުގެ ސަބަބުން އެންޓެރޮގްރާޑް އާއި ރެޓްރޮގްރޭޑް އެމްނީޝިއާ އޭނާ އަށް ޖެހުނީ އެވެ.

ނަތީޖާއެއްގެ ގޮތުން މާޒީގެ އެއްވެސް ކަމެއް ކްލައިވްސް ހަނދާނެއް ނެތެވެ. އަދި މިހާރު ވާ ކަންތައްތައް ވެސް ހަނދާނަކު ނުބެހެއްޓެ އެވެ. ހާޕްސް ވައިރަހުގެ ސަބަބުން އޭނާގެ ހިޕޮކެމްޕަސް އަށް ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުންނެވެ. ހިޕޮކެމްޕަސް އަކީ ސިކުނޑީގެ އެކި ބައިތަކުގެ ތެރެއިން ދުރުހަނދާނާއި ފަހުގެ ހަނދާންތައް ޓްރާންސްފާ ކުރުމުގެ ޒިންމާ އުފުލާ ބައެވެ.

މި މައްސަލަ ދިމާވުމުގެ ކުރިން ކްލައިވް އަކީ ޕިއާނޯ ކުޅުމަށް ވަރަށް ހުނަރުވެރި މިއުޒީޝަނެކެވެ. އެ ރޮނގުން ކާމިޔާބު ކެރިއަރެއް ބިނާ ކުރުމުގެ ގާބިލްކަން އޭނާގެ ހުއްޓެވެ. ނަމަވެސް މިހާރު އޭނާގެ ސިކުނޑީގައި އެކައްޗެއް ވެސް ނެތެވެ. ޚުދް އޭނާއަށް ކިޔާ ނަން ވެސް އޭނާއަށް ނޭނގެ އެވެ.

ކުޑައިރުގެ އެއްވެސް ހަނދާނެއް ނެތްއިރު އަންހެނުންނާއި ދަރިން މަތިން ވެސް ހަނދާނެއް ނެތެވެ. ކޮންމެ ފަހަރަކު ވެސް ކްލައިވް އޭނާގެ އަންހެނުންނާ ބައްދަލުކުރަނީ އަލަށް މީހަކު ފެނުމުން އެމީހަކާ ބައްދަލުކުރާ ގޮތަށެވެ.

ނަމަވެސް އަޖައިބެއް ކަހަލަ ކަމެއް ކްލައިވްގެ ފަރާތުން ފާހަގަ ކުރެވެ އެވެ. އޭނާއަށް މިއުޒިކް ކުޅޭ ހަނދާން ނެތަސް މިއުޒިކް ކުޅެން އެނގެ އެވެ. އޭނާއަށް އަންހެނުން މަތިން ހަނދާން ނެތަސް އަންހެނުން ދެކެ ލޯބިވަނީ ކިހާ ވަރަކަށް ކަން އޭނާގެ ހިއްސުތައް އޭނާއަށް ބުނެދެ އެވެ.
އޭނާގެ އަންހެނުން ވަނީ އޭނާގެ މި ހާލަތާ ގުޅޭ ގޮތުން ފޮތެއް ލިޔެ ޑޮކިއުމެންޓްރީ އެއް ވެސް ހަދާފަ އެވެ. އެ ފޮތަށް ކިޔަނީ "ފޯއެވާ ޓުޑޭ" އެވެ. އަދި ޑޮކިއުމެންޓްރީ އަށް ކިޔަނީ "ޕްރިޒްނާ އޮފް ކޮންޝަސްނަސް" އެވެ.