އުމުރުން ދުވަސްވީ މީހަކަށް ކެންސަރު ޖެހި އޭނާގެ މުޅި ހަށިގަނޑަށް ބަލި ފެތުރިފައި ވަނިކޮށް ކީމޯތެރަޕީގެ ފަރުވާ އާ ނުލައި މުޅިން ބަލި ފަސޭހަ ވެއްޖެއެވެ. މިހާރު އެމީހާގެ ހަށިގަނޑުގައި ކެންސަރުގެ އަސަރެއް އެއްގޮތަކަށް ވެސް ނެތެވެ.
ސްޓެފަން ކޮސިންސް، 71، އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2016 ގައެވެ. އޭނާއަށް ޖެހުނީ ކްރޮނިކް ލިމްފޮސައިޓިކް ލިއުކީމިއާ (ސީއެލްއެލް) އެވެ. އަދި ބަލި މިހުން މަރުގެ ނިޔާ އޭނާގެ މައްޗަށް އިއްވުމުން ކުރެވޭނެ ފަދަ އިހްސާސެއް ކުރެވުނު ކަމަށް ކޮސިންސް ބުންޏެވެ.
ސީއެލްއެލް އަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ވަރަށް މަދު މީހެއްގެ ގައިން ނޫނީ ފެންނަ ބާވަތެއް ނޫނެވެ. މި ވައްތަރުގެ ކެންސަރު ޖެހެނީ ލެޔަށާއި ބޯން މެރޯ އަށެވެ. އަދި ވަރަށް އަވަހަށް މުޅި ހަށިގަނޑަށް ފެތުރިގަނެ އެވެ.
އިނގިރޭސި ވިލާތުގެ ބާމިންހަމްޝަޔާގެ އެމާޝަމްގައި ދިރިއުޅޭ ސްޓެފަން ބުނި ގޮތުގައި ފުރަތަމަ ކެންސަރަށް ޑައިގްނޯސް ވުމުން ދެން މި ދުވަސް ދިޔައީ ކަމަށް ހީވި ކަމަށެވެ. އަދި ދަރިން ވެސް ހިތާމައިން ގޮސް ހަލާކުވި ކަމަށާއި އެންމެ ބޮޑު އަސަރެއް ކުރީ އަންހެނުންނަށް ކަމަށް ވެސް ސްޓެފަން ބުންޏެވެ.
ކާފަ ކިޔާ ކުޑަ ތިން ކުދިން ސްޓެފަންގެ އެބަ ތިއްބެވެ. އޭނާ ބުނީ އެ ޚަބަރު ކާފަދަރިންނަށް ނުދޭ ކަމަށެވެ. ސަބަބަކީ އެކުދިން ކުޑަކަމުން އެފަދަ ޚަބަރަކުން އެކުދިން ދެރަވެ ހާސްވާން ބޭނުން ނުވާތީ ކަމަށެވެ.
ސްޓެފަން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް 2019ވަނަ އަހަރު އޭނާގެ މުޅި ހަށިގަނޑަށް ބަލި ފެތުރުނެވެ. އަދި މީހާ ހިކި އަނަރޫފަވެ ކަށިކޮޅަކަށް ވުމުގެ އިތުރުން ވަރަށް ބޮޑަށް ވަރުބަލިވެ ތެދުވެ ހިނގާލާނެހާ ހިތްވަރު ވެސް ނުލިބެން ފެށި އެވެ.
"އަހަރެންގެ ގައިގައި ކެންސަރު ހުއްޓަސް ބަލީގެ އެއްވެސް ނިޝާނެއް ނުފެނި ހުރީ. އަހަންނަކީ އެހާ އަވަސް އަވަހަށް ބަލިވާ މީހެއް ނޫން. އަހަރެން 20 އަހަރު ވަންދެން ވަޒީފާ އަދާ ކުރީ ބަލިވެގެން އެންމެ ސަލާމެއް ވެސް ނުބުނެ،" ސްޓެފަން ބުންޏެވެ.
ސްޓެފަން އަކީ މިއަދު ކެންސަރު ބަލިން މުޅިން ރަނގަޅުވެފައިވާ މީހެކެވެ. އޭނާގެ ހަށިގަނޑުގައި ބަލީގެ އެއްވެސް ނިޝާނެއް ނެތެވެ. އޭނާގެ ބަލި ފަސޭހަވީ އެކްސްޕެރިމެންޓަލް ތެރަޕީ އަކުންނެވެ. މާނައަކީ އޭނާ ހޯދީ އަޖުމަ ބެލުމުގެ ގޮތުން ދިން ފަރުވާ އެކެވެ.
ކެންސަރު މުޅި ހަށިގަނޑަށް ފެތުރި އުންމީދު ކެނޑޭ ހިސާބަށް ދިއުމުން ކްލިނިކަލް ޓްރައަލް އެއްގައި ބައިވެރިވާން ސްޓެފަން ނިންމި އެވެ. މި ފަރުވާގައި ދޭ ބޭހަކީ ކެންސަރު އުފެދުން ހުއްޓުވަން ދޭ އެއްޗެކެވެ.
މި ބޭސް އޭނާ ބޭނުންކުރީ އާއްމުކޮށް ކެންސަރު ހުއްޓުވަން ދޭ ކީމޯތެރަޕީގެ ބަދަލުގަ އެވެ.
ކްލިނިކަލް ޓްރައަލްގައި އޭނާއަށް ދުވާލަކު އެތައް ބޭހެއް ކާން ޖެހުނެވެ. އަދި މިގޮތަށް ބޭސް ކަމުން ގޮސް ދެ އަހަރު ފާއިތުވީއިރު އޭނާގެ ގައިން ކެންސަރު ފިލައި މުޅީން ބަލި ފަސޭހަ ވެފައި ވެއެވެ.
ސްޓެފަން ބުނި ގޮތުގައި އެ ޓްރައަލްގައި ބައިވެރިވުމަކީ އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ.
"ތިން އަހަރު ކުރިން އަހަރެން އެ ޓްރަޔަލްގައި ބައިވެރިވީ. އަދި އޭގެ ދެ އަހަރު ފަހުން ބަލި މުޅިން ފަސޭހަ ވެއްޖެ،" ސްޓެފަން ބުންޏެވެ.
ސްޓެފަން ބުނި ގޮތުގައި ޓްރައަލްގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ނަސީބުގަދަ މީހަކަށް އޭނާ ވަނީ ވެފަ އެވެ. މި ޓްރައަލް އިން ކާމިޔާބުވީ މީހުންގެ ތެރޭގައި އޭނާ ހިމެނޭތީ އެވެ. އަދި އޭނާއަށް ދިން ފަރުވާއަށް ބަލައި މި ބަލި ޖެހިފައިވާ އެހެން މީހުންނަށް ފަރުވާ ކުރަން އެހީތެރިކަން ލިބޭނެކަމަށް ސްޓެފަން ބުންޏެވެ.
"ރިސާޗް ސްޓަޑީއެއްގައި ބައިވެރިވާން ދައުވަތު ލިބިއްޖެނަމަ އަހަރެން ބުނާނީ ޑޮކްޓަރުންނާއި ނަރުހުންނަށް އިތުބާރު ކޮށްފައި އެ ސްޓަޑީއެއްގައި ބައިވެރިވުމަކީ މުހިއްމު ކަމެކޭ. އެމީހުންނަށް އެނގޭނެ އެމީހުންނަށް މި ކުރެވެނީ ކޮން ކަމެއްކަން،" ސްޓެފަން ބުންޏެވެ.
ސްޓެފަން ބުނި ގޮތުގައި މިފަދަ ސްޓަޑީތަކުގައި ބައިވެރިވާ މީހުންނަކީ އެނޫން އެހެން އެއްވެސް ގޮތެއް ނެތިފައި ތިބޭ ބައެކެވެ. މިފަދަ ސްޓަޑީތަކުގައި ބައިވެރިވެ ކެންސަރު ޖެހޭ ބަލި މީހުންނަށް ތިމާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ސްޓެފަން ބުންޏެވެ.
މި ސްޓަޑީއަށް ފަންޑުކުރީ ދަ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ކެއާ ރިސާޗް (އެންއައިއެޗްއާރް) އިންނެވެ. އެ ފަރާތުން މިހާރު ވަނީ 'ޝޭޕް ދަ ފިއުޗާ'ގެ ނަމުގައި އާ ކެމްޕޭނެއް ފަށައި މި ރިސާޗްގައި ބައިވެރިވާނެ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
މިހާރުވެސް މި ރިސާޗްގައި 150،000 މީހުން ވަނީ ބައިވެރިވެފަ އެވެ. ސްޓެފަން އަށް މި ރިސާޗްގައި ބައިވެރިވުމުގެ ދައުވަތު ދިނީ ކޮންސަލްޓަންޓެކެވެ. އޭނާ އެ ދައުވަތު ގަބޫލުކުރި 2019ގައި މި ރިސާޗްގައި ބޭނުންކުރާ ބޭސްތައް ބޭނުންކުރަން ފެށި އެވެ.
"އެންމެ ކުރިން އަހަރެން ހިތަށް އެރި މިފަދަ ޓްރައަލް ތަކުގައި ބައިވެރިވުމަކީ އަހަރެން ކަހަލަ މީހުން ކުރާ ކަހަލަ ކަމެއް ނޫނޭ. އާއްމުކޮށް އެންމެން ވެސް ނަގާ ކީމޯތެރަޕީ ނަގައިގެން ފަރުވާ ހޯދޭތޯ އޭ ބަލާނީ. އާ ބޭސްތަކެއް އަޖުމަ ބަލަން ދޭ "ގުރުބާންކުރާ ކަންބަޅިއަކަށް އަހަރެން ނުވާނަމޭ،" ސްޓެފަން ބުންޏެވެ.
ނަމަވެސް އެ ޓްރަޔަލްގެ މުހިއްމުކަމާއި އޭގައި ދޭ ބޭސްތަކުގެ މައުލޫމާތުތައް ޑޮކްޓަރުންނާއި ނަރުހުން އޭނާ އަށް ކިޔައިދިނުން ޓްރައަލްގައި ބައިވެރިވާން ސްޓެފަން ނިންމީ އެވެ. މި ބޭސްތައް ބޭނުންކޮށްގެން ދެ އަހަރު ތެރޭގައި ކެންސަރު މުޅިން ނެތް މީހަކަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޑޮކްޓަރުން ވިސްނައިދިނީމަ އެވެ.
"އަހަރެން ހިތަށް އެރި މިއީ ރަނގަޅު ކަމެކޭ އަޖުމަ ބަލަން،" ސްޓެފަން ބުންޏެވެ.
ކަން ދިމާކުރި ގޮތުން މި ޓްރަޔަލްގައި ބައިވެރިވި ވޮލަންޓިއަރުންގެ ތެރެއިން ބަލި ފަސޭހަވެފައިވަނީ ހަމައެކަނި ސްޓެފަންގެ އެވެ. ވީމާ އިތުރު ރިސާޗްތަކަށް ސައިންސްވެރިން އޭނާގެ ބޭނުންކޮށް ބަލި ޖެހޭ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯދަން މަސައްކަތް ކުރާނެ އެވެ.