ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ކުޑަކަމު ނުދެވި 14 މަސް ދުވަސް

ކުޑަކަމުދާ ނިޒާމުގެ ސިއްހަތު ރަނގަޅުވުމަކީ ކޮންމެ އިންސާނަކު ވެސް ސަލާމަތުން ދިރިހުރުމަށް މުހިއްމު ކަމެކެވެ. ސަބަބަކީ އިންސާނާގެ ހަށިގަނޑުން އުކާލަން ޖެހޭ ކުޑަކަމުދާ އެއްޗެތި އުކާލުމުގެ ޒިންމާ އުފުލަނީ މި ބައިން ކަމަށް ވާތީ އެވެ. ނަމަވެސް އަންހެނަކަށް ޖެހުނު ބައްޔެއްގެ ސަބަބުން އެއްގޮތަކަށް ވެސް ކުޑަކަމު ނުދެވި 14 މަސް ދުވަސް ދިޔަ އެވެ. އަދި އެ ދުވަސްވަރު ވަރަށް ވޭނީ ތަޖުރިބާތަކެއް އަންހެން މީހާއަށް ކުރަން ޖެހުނެވެ.

ލަންޑަންގެ އިރުމަތީގައި ދިރިއުޅޭ އެލީ އެޑަމްސް އަކީ 30 އަހަރުގެ އަންހެނެކެވެ. އެއް ދުވަހަކު ކުއްލިއަކަށް އޭނާއަށް ކަޑަކަމު ނުދެވެން ފެށީ އެވެ. ކިތަންމެ ވަރަކަށް ފެން ބުޔަސް އޭނާއަށް މި ފެންތައް ބޭރު ކުރުމުގެ ގާބިލްކަން ގެއްލުނީ އެވެ.

ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށް އެތައް ފަހަރަކު ގޮސް އެތައް ޑޮކްޓަރުންނަކަށް ދައްކައިގެން އެލީ އަށް އޭނާގެ ބަލި ދެނެގަނެވުނެވެ. އެލީ އަށް ޖެހިފައިވަނީ ފޯލާޒް ސިންޑްރޯމް އެވެ.

އެލީ އޭނާ ތަހައްމަލުކުރަމުންދާ މި ވޭނުގެ ވަހަކަތައް ކިޔައިދީފައިވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އަދި ފަހުން ނިއު ޔޯކް ޕޯސްޓަށް ދިން އިންޓަވިއު އެއްގައި ވެސް މި ވާހަކައިގެ ތަފްސީލު ދިނެވެ.

ފޯލާޒް ސިންޑްރޯމް އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ އުމުރުން 20 ގެ އަހަރު ތަކުގެ ނުވަތަ 30 ގެ އަހަރު ތަކުގެ ޒުވާން އަންހެނުންނަށެވެ. މި ބަލި ދެނެގަންނަން ވަރަށް އުނދަގުލެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމު ނުދެވުން، ބުރަކަށީގައި ރިއްސުން، ބްލެޑާ އާ ދިމާލުން ބަނޑުގައި ރިއްސުން އަދި އެތައް ގަޑިއެއް ފާއިތުވާއިރުވެސް ކުޑަކަމު ނުދެވުން ހިމެނެ އެވެ.

މިއީ ނިއުރޮލޮޖިކަލް ޑީސްއޯޑާއެއްގެ ސަބަބުން ވާ ކަމެއް ނޫނެވެ. ނަމަވެސް މި ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންގެ އޯވަރީގައި ސިސްޓް ހުރެ އެވެ.

އެލީ ބުނި ގޮތުގައި 2020ގެ ދުވަހަކު އޭނާ ހެނދުނު ހޭލައިގެން ކުޑަކަމުދާން އުޅެ އުޅެ ނުދެވުނީ އެވެ. ދެން މާ ގަދަޔަށް ބަނޑުގައި ރިއްސަން ފެށުމުން ހޮސްޕިޓަލް އިމަޖެންސީ އަށް ދިއުމުން ޑޮކްޓަރުންނަށް ހީވީ އޭނާ އެއްފަހަރާ މަ ގިނަ ފެން ބޮއިގެން އުޅެނީ ކަމަށެވެ.

"އަހަރެން ބުނިން ވަރަށް ކުޑަކޮންނޭ އަހަރެންނަށް ފެން ބޮވުނީ. ބްލެޑާ ފުލްވެފައި ހުރި ވަރުން ފެނެއް ނުބޮވެޔޭ. އެވަރުން ވެސް ޑޮކްޓަރުންނަކަށް އަހަރެންނަށް ވާ ގޮތެއް ނޭނގުނު. އެއް ޑޮކްޓަރަކު ބުނި އަހަރެން މާ ބޮޑަށް ހާސްވަނިއްޔޭ. އެއްވެސް ކަމެއް ނޫނޭ. ދުވަސްކޮޅަކުން ރަނގަޅު ވެދާނެ. ނަމަވެސް އޭގެ ފަހުން 14 މަސް ދުވަހު އަހަރެން އުޅުނީ މި ވޭނުގައި. އިރުއިރުކޮޅާ ހޮސްޕިޓަލުގެ އީމަޖެންސީ އަށް ދަން. ޑޮކްޓަރުންނަށް ވެސް އެ ވަރަށް ދެއްކިން،" އެލީ ބުންޏެވެ.

އެ ދުވަސްތަކުގެ ތެރޭގައި އެލީ އަށް ކުޑަކަމު ދެވެނީ މުޅިން ވެސް ކެތީޓާ (ހޮޅި) ލައްވައިގެންނެވެ. ނަމަވެސް އެ ކެތީޓާގައި ވެސް މައްސަލަތައް ޖެހި އެކަން ވެސް ވީ ބޮޑު ވޭނަކަށެވެ. އޭނާގެ ބަލި ދެނެގަނެވުނީ އެފަދަ ގޮތަކަށް 14 މަސް ދުވަސް ފާއިތުވީ ފަހުންނެވެ.

އެންމެ ފަހުން ޖެނުއަރީ 2023ގައި އެލީ ވަނީ ސެކްރަލް ނާވް ސްޓިމިއުލޭޝަން (އެސްއެންއެސް) ކިޔާ ސާޖަރީއެއް ހަދާފަ އެވެ. އަދި އޭގެ ފަހުން ކެތީޓާ ލައްވަން ޖެހޭ ފަހަރު މަދު ވެއްޖެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ފަރުވާ އިން ރަނގަޅުވީ އެލީ އަށް ދިމާވި މައްސަލައިގެ 50 ޕަސެންޓެވެ. އަދިވެސް އޭނާއަށް މުޅިން މިކަމުން އަރައެއް ނުގަނެވެ އެވެ.