މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު، ރަމަޟާން މަސް ފިޔަވައި އަހަރުގެ ބާކީ އޮތް އެގާރަ މަހުގައި ކީރިތި ޤުރްއާން ކިޔެވުމާއި އަދި ޤުރްއާން ޚަތިމު ކުރުމާ އެކަހެރިވެ އެއްކިބާވެއެވެ. އެހެނަސް ރަމަޟާން މަސް އައުމާއެކު ކީރިތި ޤުރްއާން ޚަތިމު ކުރުމަށް އަވަސްވެގަނެއެވެ. އެ މާތް ފޮތުގައިވާ، ބަސްފުޅުތަކުގެ މާނަ ދެނެގަތުމަކަށް، ނުވަތަ ތިމާމެންގެ ވެރި އިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތަކާމެދު ވިސްނައި އެއަށް ޢަމަލު ކުރުމަކަށް އެއްވެސް މަސައްކަތެއް ކުރުމެއްނެތި، އަވަސް އަވަހަށް ކީރިތި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވައި ނިއްމާލެވޭތޯ ބަލައެވެ. އަދި ރަމަޟާން މަސް ނިމުމާއެކު ބާއްވާ ޚަތިމު، ދެން އަނެއްކާވެސް ހުޅުވައިލަނީ އަނެއް ރަމަޟާންމަހުގައެވެ.
ކީރިތި ޤުރްއާން ބާވައިލެއްވުނީ ރަމަޟާން މަހުގައެވެ. އެ މައްސަރަކީ ޤުރްއާންގެ މައްސަރެވެ. ނަވެސް ރަމަޟާން މަސް ނިމުމަކީ ޤުރްއާނަށް ފުރަގަސްދޭންޖެހޭ ސަބަބެއް ނޫނެވެ. އެ ޤުރްއާން ބާވައިލެއްވުނީ، ދިރިއުޅުމުގެ ފުރިހަމަ "ޔޫޒާ މެނުއަލް" އެއްގެ ގޮތުގައެވެ. އިންސާނާ ޚަލްޤު ކުރެއްވި އިލާހު، އެ އިންސާނާ ވުޖޫދުގައި ލައްވާފައިވާ ބޭނުމާއި، އެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނޭ ގޮތްތަކާއި އުސޫލުތައްވަނީ އެ ފޮތުގައި ބަޔާން ކުރައްވާފައެވެ. ނަމަވެސް ހިތާމައަކީ ޤުރްއާން ކިޔަވާ މީހުން މަދުވުމެވެ. ނުވަތަ ޤުރްއާން ކިޔެވިއެއްކަމަކު އެޤުރްއާނުގައިވާ ބަސްފުޅުތަކާމެދު ވިސްނާބަޔަކު ނެތީމެވެ. އަދި ޤުރްއާނުގެ މާނަ އަޑު އިވުނަސް އެބަސްފުޅުތަކުގެ ވެރި އިލާހު އަމުރު ކުރައްވާ ކަންކަމަށް ބޯލަނބައި، ނަހީކުރެއްވި ކަންކަމުން އެއްކިބާވާވުމުގެ ވިސްނުން ނެތީމައެވެ.
ޤުރްއާނަށް ފުރަގަސްދިނުމަކީ ދެދުނިޔޭގެ އަބާއްޖަވެރިކަން ލިއްބައިދޭ ކަމެކެވެ. ދިރިއުޅުމުގެ ޙަޔާތުން ޤުރްއާނަށް ޖާގަ ނުދީ އެއްކިބާ ކޮށްލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ޤުރްއާން އެއްކިބާ ކޮށްލުމަށް ޢަރަބި ބަހުގައި هَجْرُ القرآن އޭ ކިޔެވެ. ޢަރިބި ބަހުގައި "ހަޖުރު" ކުރުމަކީ އެއްޗަކަށް ފުރަގަސްދިނުމެވެ. އެއްކިބާ ކޮށްލައި އެއިން ދުރުހެލިވެ ގަތުމެވެ. ކީރިތި ޤުރްއާން ހަޖުރު ކުރުމަކީ، އެ ޤުރްއާން ދޫކޮށްލައި އެއްކިބާވެގަތުމެވެ. އެޤުރްއާނާމެދު ވިސްނުމައި، ދެނެގަތުމާއި ޢަމަލުކުރުމުން އެއްކިބާވެ ފުރަގަސް ދިނުމެވެ.
މައްކާގެ މުޝްރިކުން ޤުރްއާން އަޑު އިވުމުން ހަޅޭފަޅޭ ލަވައި، އެޤުރްއާނަށް ފުރަގަސްދީ ހެދިއެވެ. އެކަމުގެ ޝަކުވާ މާތް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ވެރި އިލާހުގެ ހަޒުރަތުގައި ދެންނެވިއެވެ. އެކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُوراً ﴾ (الفرقان: 30) މާނައީ: "ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެ މީހުން، މި ޤުރްއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ."
މައްކާގެ މުޝްރިކުން ނޫނަސް، އަދުގެ މުސްލިމުންވެސްގެ ތެރެއިންވެސް ގިނަބަޔަކުވަނީ ޤުރްއާނަށް ފުރަގަސްދީ، އެޤުރްއާން އެއްކިބާ ކޮށްލާފައެވެ. ޤުރްއާނަކީ ހަމައެކަނި ކިޔެވޭ ލަފުޒުތަކެއް ކަމުގައި ހަނދާފައެވެ. ނުވަތަ ޤުރްއާނަކީ ހަމައެކަނި ރަމަޟާންމަހު ކިވަޔަން އޮންނަ ފޮތެއްކަމުގައި ހަދާފައެވެ. މިއީ ޤުރްއާނުން އެކިބާވެ، ޤުރްއާން ހަޖަރު ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އަލްއިމާމު އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނުގެ "އަލްފަވާއިދު"ގައި ކީރިތި ޤުރްއާން ހަޖުރު ކުރެވޭ ފަސް ގޮތެއް ވަނީ ބަޔާން ކުރައްވާފައެވެ. މި ފަސްކަމުން އަހަރެމެން އެއްކިބާވުމަށް މަސައްކަތް ކުރަން ވާނެއެވެ. އިބްނުލް ޤައްޔިމު رحمه الله ބަޔާންކުރައްވާފައިވާ ފަސް ކަންތަކާއި، އެކަންކަމާ ބެހޭގޮތުން އެކަލޭގެފާނު ގެންނަވައިފަވާ ކުރު ބަސްކޮޅެއް ތިރީގައި ހިމަނައިލާނަމެވެ.
* ޤުރްއާން އަނޑު އެހުމާއި، އެ ޤުރްއާނަށް އީމާންވުމާއި، އެޤުރްއާން ކިޔެވޭ އަޑު އިވުމުން ކަނުލާ އަޑު އެހުމުން އެއްކިބާވުން
ޤުރްއާން ކިޔެވޭ އަޑު އިވެންފެށުމުން އެ އަޑު އެހުމުން އެކިބާވުމާއި، ޤުރްއާން ކިޔެވޭ އަޑު އިވުމުން ހިތް ނުތަނަވަސްވުމަކީ ޤުރްއާން ހަޖުރު ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަޅަމެން އެކަމުން ރައްކާތެރިކޮށްދެއްވުން އެދި މާތް ﷲ އަށް ދަންނަވަމެވެ. މިފަދައިން ޤުރްއާން ހަޖުރު ކުރުން، ނުވަތަ ޤުރްއާނުން އެކިބާވުމަކީ އެމީހެއްގެ ހިތް ފާސިދުވެފައިވާކަމުގެ ހެއްކެވެ. އަދި ޝައިޠާނާ އެ ހިތަށް ވެރިވެގެންފައިވާކަމުގެ އަލާމާތެކެވެ. އެހެނީ ޞާލިޙު މުއުމިނުންގެ ގޮތަކީ، ޤުރްއާން އަޑު އެހުމަށް ފޫހި ނުވުމާއި، ތާއަބަދު ޤުރްއާން އަނޑުއަހާ ހިތްވުމެވެ.
* ޤުރްއާނަށް ޢަމަލު ކުރުމުން އެއްކިބާވުމާއި، ޤުރްއާނުގައިވާ ޙަލާލު ޙަރާމުން އެކިބާވެ އެއަށް އީމާންވުމުންނުވުން
ޤުރްއާން އެއްކިބައިކޮށްލުން ނުވަތަ ހަޖުރު ކުރުމުގެ އަނެއް ގޮތަކީ، ކީރިތި ޤުރްއާނަކީ ހަމައެކަނި ކިޔަވައިލެވޭ ލަފުޒުތަކެއް ކަމުގައި ހެދުމެވެ. އެ ޤުރްއާނުގައިވާ އެއްވެސް އެއްޗެއް އަރުތެރެއިން އެތެރެވެގެން ހިތާ ހަމައަށް ވާޞިލު ނުވުމެވެ. އަދި ޤުރްއާނުގައި އަމުރު ކުރައްވާފައިވާ ކަންކަން ކުރުމުން އެކިބާވުމާއި، ޤުރްއާނުގައި ނަހީކުރައްވާފައިވާ ކަންކަން ހުއްޓާނުލުމާއި އެކަންކަމުން ދުރުހެލި ނުވުމެވެ. ބައެއް މީހުން ޤުރްއާނުގައިވާ ޙަރާމް ކަންކަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމުގައި ޤަބޫލު ކުރިޔަސް އެކަންކަމަށް އަރައިގަތުމުން ދުރުހެލި ނުވެއެވެ. މިއީ ޤުރްއާން ހަޖުރު ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
* ޤުރްއާންގައިވާ ޙުކުމްތަކަށް ޢަމަލު ކުރުމާއި، ދީނުގެ އަޞްލުތަކާއި ފަރުޢުތަކުގައިވެސް ޤުރްއާނުގައިވާ ގޮތުގެ މަތީން ނިޔާ ކަނޑައެޅުމުން އެއްކިބާވުމާއި، ޤުރްއާނުގައިވާ ބަސްފުޅުތަކަކީ އެއަށް ޢަމަލުކުރެވޭފަދަ ޔަޤީންކަމުގެ ޢިލްމެއް އޮތް އެއްޗެއް ކަމުގައި ނުދެކުން
އެބަހީ، ޤުރްއާނުގައިވާ ޝަރުޢީ ޙުކުމްތަކަށް ޢަމަލު ކުރުން ދޫކޮށްލުމާއި، އަދި މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވާ މައްސަލަތަކުގައި ޤުރްއާނުގައިވާ ނިޔާފުޅުތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ނުރުހުމާއި، އެޤުރްއާނުގެ ޙުކުމްފުޅުތަކަށް ބަރޯސާވުމަށް ނޭދުމެވެ. އޭގެ ބަދަލުގައި އިންސާނުގެ އަމިއްލައަށް ހަދާފައިވާ ވަޟުޢީ ޤާނޫތަކަށް ޢަމަލު ކުރުމާއި، ޤުރްއާނުގައި ބާވައިލެއްވުނު ޙުކުމްފުޅުތަކުން އެއްކިބާވުމެވެ.
* ޤުރްއާނާމެދު ފުންކޮށް ވިސްނުމުން އެއްކިބާވުމާއި، އެ ޤުރްއާންގައިވާ ބަސްފުޅުތައް ފަހުމުކޮށްގަތުމުން ދުރު ހެލިވުމާއި، އެ ޤުރްއާން ބާވައިލެއްވި އިލާހު އެބަސްފުޅުތަކުން އަންގަވާ މުރާދާމެދު ނުވިސްނުން
އެބަހީ: ކީރިތި ޤުރްއާން ކިޔަވާހިނދު، ހަމައެކަނި ދުލުން ކިޔަވައިލެވޭ ބަސްފުޅުތަކެއްކަމުގައި ހެދުމެވެ. އަދި އެޤުރްއާނުގެ ބަސްފުޅުތަކުން އެ ކިޔަވާމީހާގެ ހިތަށް އެއްވެސް އަސަރެއް ނުކުރުމެވެ. މިއީވެސް ޤުރްއާން އެއްކިބާކޮށްލައި ހަޖުރު ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބުވެގެންވަނީ، ޤުރްއާން ކިޔަވާހިނދު، އެޤުރްއާނުގައި އަންގަވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ހެދުމަށެވެ. ޤުރްއާނުގައި އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާއި ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުމެވެ. ޤުރްއާން ބާވައިލެއްވުމުގެ އަސާސީ މަޤްޞަދީ އެ ޤުރްއާންގައިވާ ބަސްފުޅުތައް ފަހުމުވެ، އެއަށް ޢަމަލު ކުރުމެވެ. ވިސްނުމެއްނެތި ހަމައެކަނި ކިޔަވާލުމެއް ނޫނެވެ.
* ހިތުގެ އެންމެހާ ބަލިތަކަށް ޤުރްއާނުން ޝިފާ ލިބިގަތުމުން އެއްކިބާވުން
ޤުރްއާން ބާވައިލެއްވުނީ އެކިޔަވާ މީހުންނަށް ހުރި ޝިފާއެއްގެ ގޮތުގައެވެ. އަދި އެ ބަސްފުޅުތަކަކީ ހިތުގެ ބަލިތަކަށް ޝިފާއެއް ކަމުގައިވަނީ ވަޙީކުރައްގވާފައެވެ. (يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ) (يونس : 57 ) މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ."
ދަންނަބޭކަލުންގެ ބަސްފުޅުތަކުގައިވެއެވެ. "ޤުރްއާން ނުކިޔަވާ މީހާ އެ ޤުރްއާން އެއްކިބާ ކޮށްލައިފިއެވެ. އަދި ޤުރްއާން ކިޔެވިއެއްކަމަކު، އެ ކިޔެވޭ ބަސްފުޅުތަކާމެދު ނުވިންނާނަމަ އެއީވެސް އެޤުރްއާން އެއްކިބާ ކޮށްލުމެވެ. އަދި ޤުރްއާން ކިޔަވައި، އެ ބަސްފުޅުގެ މާނަތައް ވިސްނައިހެދިޔަސް އެއާ އެއްގޮތަށް ޢަމަލު ނުކުރުމަކީވެސް ޤުރްއާން އެއްކިބާ ކޮށްލުމެވެ."
އަލްއިމާމުލް ޣަޒާރީ رحمه الله ވިދާޅުވެފައިވެއެވެ. "ޙައްޤުވެގެންވަ ގޮތުގައި ކީރިތި ޤުރްއާން ކިޔެވުމަކީ، އެ ކިޔެވުމުގައި ދުލާއި، ހިތާއި ބުއްދި ބޭނުންކޮށްގެން ކިޔެވުމެވެ. ދުލުން އެ ޤުރްއާނުގެ ލަފްޒުތައް ކިޔަވަންޖެހޭ ގޮތަށް ކިޔެވުމެވެ. ބުއްދިން އެ ލަފްޒުތަކުގެ މާނަ ވިސްނައި ދެނެގަތުމެވެ. ހިތުން އެ ބަސްފުޅުތަކުން އިބްރަތާއި ނަސޭހަތް ލިބިގަނެ، އެއިން ހިތަށް އަސަރުކުރުވައި ނަހީކުރެއްވިކަންކަމުން އެކިބާވެ، އަމުރުފުޅުތަކަށް ރުހުމެވެ. އޭރުން ދުލުން، ކިޔަވައި ބުއްދިން ފަހުމެވެ، ހިތުން ފިލާވަޅު ލިބިގަންނަހުއްޓެވެ."
ކީރިތި ޤުރްއާނަކީ ދިރިއުޅުމުގެ މަންހަޖެވެ. އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައިވެސް އެ ޤުރްއާނަށް ބަރޯސާވުމަކީ ދިރިއުޅުން ބާއްޖަވެރިކުރުވާ ކަމެކެވެ. ހިތާމައާއި މޮޅިވެރިކަމުގެ ހާލަތުގައި ޤުރްއާން ކިޔެވުން ގިނަކުރުމަކީ ހިތާމަތައް ފިއްލަވާދެއްވާ ކަމެކެވެ. އަދި ތެދުމަގުގައި ދެމިހުންނަން އެދޭމީހާ ޤުރްއާން އުނގެނި ދަސްކޮށް، އެޤުރްއާނުގެ މާނަތަކާމެދު ފުންކޮށްވިސްނައި، ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރުތައް ކިޔައި ހަނދެމަކީ، ދީންމަތީގައި ސާބިތުކޮށްދޭ ކަމެކެވެ. ޙަޔާތުގެ ވަގުތުތައް އަވަދިނެތި އެކިކަންކަމުގައި ހޭދަކޮށްލާހިނދު، ޤުރްއާނުން ކިޔެވުމަށް ވަގުތުކޮޅެއް ހޭދަކޮށްލައިފިނަމަ އޭގެ ހެޔޮކަން އެތައް ގޮތަކުން ފެނިގެންދާނެއެވެ.