ދީން

ރޯދަމަހު ކުރާނީ ކިތައް ހަތިމު

ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރްއާނު ބާވައިލެއްވުނު މައްސަރެވެ. އަދި އެ ޤުރްއާން ބާވައިލައްވަން ފެއްޓެވުނު ރޭގެ ދަރުމަ އެއް ހާސް މައްސަރުގެ ދަރުމަޔަށްވުރެން މަތިވެރިވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ކޮންމެ ރަމަޟާން މަހެއްގައި ޖިބްރީލްގެ ފާނާއެކު ކީރިތި ޤުރްއާން ޚަތިމު ކުރައްވަ އެވެ. އަދި އެކަލޭގެފާނު ދުނިޔެ ދޫކުރެއްވި އަހަރުގެ ރަމަޟާން މަހު، ދެފަހަރު ޤުރްއާން ޚަތިމު ކުރެއްވިކަމުގައި ރިވާވެގެން ވެއެވެ. ވީމާ، ރަމަޟާން މަހު ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމާއި، ޚަތިމުކުރުން އެދެވިގެން ވެއެވެ.

އުއްމަތުގެ އިސްވެދިޔަ ދަންނަބޭކަލުން ވެސް ރޯދަމަހު ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުން ގިނަކުރައްވައި ޚަތިމުކުރެއްވުން ވެސް ގިނަ ކުރެއްވިއެވެ. އެގޮތުން އަލްއިމާމުއްޝާފިޢީ رحمه الله ރަމަޟާންމަހުގެ ކޮންމެ ރެޔަކާއި ދުވާލު ދެ ޚަތިމު ކުރައްވާކަމުގައި ވެއެވެ. މުޖާހިދު رحمه الله ކޮންމެ ދުވަހަކު ޚަތިމެއް ކުރައްވައެވެ. އަދި އަލްޙާފިޒު އިބްނުލް ޢަސާކިރު رحمه الله ވެސް ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ޚަތިމެއް ކުރައްވާ ކަމުގައި ވެއެވެ. އެފަދައިން ކޮންމެ ރެޔަކާއި ދުވާލު ޚަތިމު ކުރެއްވި ބޭކަލުން ވަރަށް ގިނައެވެ. އިބަރާހީމުއް ނަޚަޢީ رحمه الله ކޮންމެ ދެދުވަހަކުން ޚަތިމެއް ކުރެއްވިކަމުގައިވެއެވެ. ޤަތާދާ رحمه الله ކޮންމެ ހަފްތާއަކުން ޚަޠިމެއް ކުރައްވާކަމުގައިވެއެވެ. ބައެއް ބޭކަލުން ކޮންމެ ދިހައަކުން ޚަތިމެއް ކުރެއްވިއެވެ.

މި ބޭބޭކަލުން ރެޔަކާއި ދުވާލު ދެ ޚަތިމު ކުރައްވަނީ ކިހިނަކުންތޯ ސުވާލު ކުރެވިއްޖެނަމަ އޭގެ ޖަވާބަކީ، އެބޭކަލުންގެ ވަގުތުގައި މާތް ﷲ ބަރަކާތް ލައްވާފައިވުމެވެ. އެހެންކަމުން އެވަގުތު ތަކުގެ ނަފާ ނުހަނު ބޮޑުވުމެވެ. އަދި ޤުރްއާން ކިޔެވުމާއި، އޭގެ މާނަ އުނގެނުމާއި އުނގަންނައި ދެއްވުމުގައި އެބޭކަލުނާއި ކީރިތި ޤުރްއާނާ އޮތް ގުޅުން ބަދަހިކަމެވެ. އަދި އެކަމަކީ އެބޭކަލުންނަށް ޚާއްޞަ ކަމެއްކަމުގައިވެސް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ.

ކޮންމެ މީހެއްގެ ކުޅަދާނަކަމާއި ޤާބިލުކަން ތަފާތުވާފަދައިން، ޤުރްއާން ކިޔެވުމުގައިވެސް އެކި މީހުން ތަފާތުވާނެއެވެ. މި ސަބަބައްޓަކައި ތިންރެޔާއި ތިންދުވަހަށްވުރެ އަވަހަށް ޚަތިމު ނުކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. ނުވަތަ ހަފްތާއަކުން ޚަތިމެއް ކުރުމަށްވަނީ އަންގަވާފައެވެ. އަދި މަހަކު ޚަތިމެއް ކުރުމަށްވެސް އިތުރު އެކަލޭގެފާނުވަނީ އިރުޝާދު ދެއްވާފައިވެއެވެ. ވީމާ، އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ތިމާއަށް ކުޅަދާނަވީ މިންވަރަކުން، ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ.

މި މައްސަރުގައި އެއްފަހަރު ޚަތިމެއް ކުރަން އެދޭ މީހާއަށް އެކަން ކުރުމަށް ވަރަށް ފަސޭހަ މަގެއް އެބައޮތެވެ. އެއީ ކޮންމެ ނަމާދަކަށްފަހު 4 ސަފުހާ ކިޔަވައިލުމެވެ. އޭރުން ރެޔަކާއިދުވާލުގެ ތެރޭގައި 20 ސަފަހާ ކިޔެވުނީ އެވެ. ކީރިތި ޤްރާނުން އެއްފޮތަކީ ގާތްގަނޑަކަށް 20 ސަފުހާއެވެ. ވީމާ، ރަމަޟާންމަހު ދެ ޚަޠިމު ކުރަން އެދޭ މީހަކު ކޮންމެ ނަމާދެއްގެ ކުރިން 4 ސަފުހާ އަދި ފަހުން 4 ސަފުހާ ކިޔަވައިލުމުން، ރެޔަކާއި ދުވާލު 2 ފޮތް ކިޔެވުނީއެވެ. މިގޮތަށް ކިޔަވަނީ ނަމަ ރަމަޟާންމަހުގެ ތެރޭގައި 2 ޚަތިމު ކުރެވޭނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު ޤުރްއާން ކިޔެވުމާއި، ޤުރްއާން ކިޔެވުމަކީ އަޅުކަމެއްކަން ދަނެ، ޤުރްއާން ކިޔަވާހިނދު، އެކިޔެވޭ އާޔަތްތަކާމެދު ވިސްނުމާއި، ތިމާގެ ހިތާއި ޖިސްމު ޙާޟިރުކޮށްގެން ކިޔެވުމަށް ސަމާލަކަން ދޭންވާނެއެވެ.

އަދި ކީރިތި ޤުރްއާން ކިޔެވުމުގައި ޠަހާރަތުގެ މަތީގައި ހުރުމާއި ވުޟޫމަތީގައި ހުރުން އެދެވިގެން ވެއެވެ. ޖުނުބުވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް ޙައިޟުވެރިން ކީރިތި ޤުރްއާނުގައި ބީހުމަކާ ނުލައި ކިޔެވުން ހުއްދަވެގެން ވެއެވެ. އެގޮތުން ފޯނުން ނުވަތަ ލެޕްޓޮޕް އައިޕެޑްފަދަ އެއްޗަކުން ބަލައިގެން ކިޔެވުން އެންމެ ރަނގަޅުވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގައި ތަޖުވީދު މަގުން އާޔަތްތަކުގެ މަޚްރަޖުން ކިޔެވުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އެގޮތަށް ކިޔަވަން ނޭނގުމަކީ ޤުރްއާން ނުކިޔެވުމަށް އޮތް ޢުޒުރެއް ނޫނެވެ. އެހެނީ ބުރަކަމާއެކު ކޮށަކޮށައިގެން ޤުރްއާން ކިޔަވާ މީހަކަށް ދެގުނައަށް ދަރުމަޔާއި ސަވާބު ދެއްވާނޭކަމުގައި ކީރިތި ރާސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. މި ޒަމާނުގައި، ކޮންޕިޔުޓަރާއި ފޯނުފަދަ ތަކެތީން، މަޝްހޫރު ޤާރީންގެ ކިޔެވުން އަޑުއަހައިގެން ރަނގަޅަށް ކިޔެވުމުގައި އެހީތެރިކަން ލިބިގަތުމަކީވެސް ދާދި ފަސޭހަކަމެކެވެ.

ޤުރްއާނުގެ އަހުލުވެރިންނަކީ ބިންމަތީގައިވާ، މާތް ﷲ ގެ ޚާއްޞަ މީހުންނެވެ. އަދި އާޚިރަތުގައި ތިމާގެ މަންޒިލަކީ ކީރިތި ޤުރްއާން ކިޔަވަމުން ސުވަރުގޭގެ ދަރަޖަތަކަށް އަރަމުންގޮސް އެންމެ ފަހުން ކިޔެވޭ އާޔަތާ ހަމައަށް ކަމުގައިވެސް ޙަދީޘްތަކުގައިވެއެވެ. ވީމާ މި ބަރަކާތްތެރި ރަމަޟާންމަހު ގިނަގިނައިން ޤުރްއާން ކިޔެވުމަށް ފަރުވާތެރިވާށެވެ.