ރަމަޟާންމަހަކީ ކީރިތި ޤުރްއާން ކިޔެވުމުގެ މައްސަރެވެ. މި މައްސަރުގައި ގިނަ ބަޔަކު ކީރިތި ޤުރްއާން ޚަޠިމު ކުރުމަށް ކިޔަވައެވެ. އަދި ތަރާވީޙު ނަމާދުގައި ކީރިތި ޤުރްއާން ޚަތިމު ކުރެއެވެ. ބައެއް މީހުން ޤުރްއާންގެ މާނައާއެކުވެސް ކިޔައިހަދައެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި މި ބަރަކާތްތެރި މައްސަރަކީ މުސްލިމުންނާއި ކީރިތި ޤުރްއާނާ އޮތް ގުޅުން އިތުރަށް ވަރަގަދަވެގެންދާ މައްސަރެކެވެ. މި ގުޅުން ވަރުގަދަ ވުމުގެ އެއް ސަބަބަކީ، ރަމަޟާންމަހަކީ ފަރުޟު ރޯދައިގެ އަޅުކަން އަދާކުރެވޭ މައްސަރު ކަމުގައިވާތީ އެވެ. އަދި އެ މައްސަރުގެ ރޭތަކަކީ ބަރަކާތްތެރި ރޭތަކެއް ކަމުގައިވާ ކަމައްޓަކައެވެ. އަދި ރަމަޟާން މަސް އަތުވެއްޖެނަމަ ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވޭތީއެވެ. އަދި އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭތީއެވެ. މިފަދަ އެތައް ސަބަބަކަށްޓަކައި ރަމަޟާންމަހަކީ އަޅުކަމުގެ މޫސުމެކެވެ.
ރަމަޟާންމަހާ ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ފާޅުކަން ބޮޑު ގުޅުމެކެވެ. ރަމަޟާންމަހީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރެވެ. ޤުރްއާން ބާވައިލެއްވުނު ރެޔަކީ ޤަދަރު އުފުލިގެންވާ ބަރަކާތްތެރި ރެއެއްވެސްމެއެވެ. އަދި އެ މައްސަރުގެ ރޭތަކުގައި ޖިބްރީލްގެފާނު ވަޑައިގެން ކީރިތި ރަސޫލާ صلى الله عليه وسلم އާއެކުގައި ކީރިތި ޤުރްއާން ކިޔަވައި ޚަތިމު ކުރައްވާކަމުގައި ރިވާވެގެންވެއެވެ.
މާތް ﷲ ބާވައިލެއްވި ހުރިހާ ފޮތްތަކެއްވެސް ބާވައިލެއްވުނީ ރަމަޟާންމަހުގައި ކަމަށް ރިވާވެގެންވެއެވެ. އެގޮތުން އިބްރާހީމް ޢަލައިހިއްސަލާމްގެ މައްޗަށް ބާވައިލެއްވުނު ޞުޙުފްތައް (ފަތްފުއްތައް) ތަކާއި، މޫސާގެފާނަށް ބާވައިލެއްވުނު ތައުރާތާއި ޢީސާގެފާނަށް ބާވައިލެއްވުނު އިންޖީލް ވެސް ބާވައިލެއްވުނީ ރަމަޟާންމަހުގެ ތެރޭގައި ކަމުގައި ރިވާވެގެންވެއެވެ. އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޤުރްއާން ބާވައިލެއްވުނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކުގެ ތެރެއިން ރެއެއްގައި ކަމަށްވެސް ވަނީ ޙަދީޘް ކުރައްވާފައެވެ.
ރަމަޟާންމަހާއި ކީރިތި ޤުރްއާނާ އޮތް ގުޅުން ހާމަވެގެންދާ އަނެއް ކަމަކީ، ރޯދައިގެ އަޅުކަމާއި ކީރިތި ޤުރްއާން ގިޔާމަތް ދުވަހުގައި މުއުމިނުތަކުންނަށް ޝަފާޢަތްތެރިވާނޭ ކަމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ، يَقُولُ الصِّيَامُ: أَيْ رَبِّ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ الْقُرْآنُ: مَنَعْتُهُ النَّوْمَ بِاللَّيْلِ، فَشَفِّعْنِي فِيهِ "، قَالَ: " فَيُشَفَّعَانِ" – رواه أحمد މާނައީ: "ރޯދައިގެ އަޅުކަމާއި ކީރިތި ޤުރްއާން (ކިޔެވުމުގެ އަޅުކަން) ޤިޔާމަތް ދުވަހުގައި އަޅުތަކުންނަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެތެވެ. "އަޅުގެ ވެރި ރައްބެވެ! ތިމަން އޭނާއަށް ރޯދައަށް ހުނަ ވަގުތުތަކުގައި ކާނާއާއި ޝަހުވަތްތައް މަނާ ކުރީމެވެ. ފަހެ އޭނާއަށް ތިމަންގެ ސަބަބުން ޝަފާޢަތް ލައްވާނދޭވެ." ޤުރްއާން ބުނާނެތެވެ. "ރޭގަނޑު (ނަމާދުގައްޔާއި އެނޫން ވަގުތުތަކުގައިވެސް ޤުރްއާން ކިޔެވުމަށް) އޭނާގެ ނިދި ނަގައިލިއެވެ. ވީމާ އަހުރެންނަށްޓަކައި އޭނާއަށް ޝަފާޢަތްތެރިވެދެއްވާށެވެ. ދެން އެދެ އަޅުކަމުގެ ޝަފާޢަތްތެރިވުން ޤަބޫލު ކުރައްވާނެތެވެ."
ކީރިތި ޤުރްއާނާއި ރަމާޟާންމަހާ އޮތް ގުޅުން އެންމެ ބޮޑަށް ހާމަވެގެންދަނީ، ތަރާވީޙު ނަމާދުގައި ދިގުކޮށް ޤުރްއާން ކިޔެވުމުގައި މީސްތަކުން ވަގުތު ހޭދަކުރާތީއެވެ. އަދި އެއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ސާބިވާ ކަމެއްވެސް މެއެވެ. އިތުރު އެކަލޭގެފާނު ރަމަޟާންމަހުގެ ރޭ އަޅުކަމުގައި ވަރަށް ދިގުކޮށް ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވާކަމުގައި ވާރިދުވެފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ރަމަޟާންމަހުގެ ރޭ އަޅުކަމުގައި އެއް ރަކުޢަތުގައި، ބަޤަރާ ސޫރަތާއި، ނިސާ ސޫރަތާއި ޢާލް އިމްރާން ސޫރަތް ފެށިގެން ނިޔަށް ކިޔަވައި ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. އިތުރު އެކަލޭގެފާނު ރޯދަމަހުގެ ރޭގަނޑުގެ ނަމާދު ކުރެއްވުމުގައި މުޅި ރޭ ހޭދަކުރައްވާކަމުގައިވެސް ވެއެވެ.
ޢުމަރުގެފާނުގެ ޚިލާފަތުގައި ޢުބައްޔު ބުނު ކަޢްބު رضي الله عنه އާއި ތަމީމުއް ދާރީ رضي الله عنه ، މީސްތަކުންނާއިގެން އިމާމުވެ ތަރާވީޙު ނަމާދު ކުރައްވަން، ޢުމަރުގެފާނު އަމުރު ކުރައްވާކަމުގައި ވެއެވެ. އެބޭކަލުން ކޮންމެ ރަކުޢަތެއްގައި ދުވިސައްތަ އާޔަތް ކިޔަވާކަމުގައި ވެއެވެ. އެބޭކަލުންގެ ތަރާވީޙު ނަމާދުގެ ދިގުކަމައްޓަކައި އެނަމާދު ނިމެނީ ފަތިސް ނަމާދުގެ ކުޑަ ހިނދުކޮޅެއްގެ ކުރީންކަމުގައިވެއެވެ.
އުއްމަތުގެ އިސްވެދިޔަ ޞާލިޙު ބޭކަލުން، ރަމަޟާންމަހުގެ ތަރާވީޙު ނަމާދުގައި ކޮންމެ ތިން ރެއަކުން ޚަތިމު ކުރައްވާކަމުގައިވެއެވެ. އަދި ބައެއް ބޭކަލުން ހަތް ރެއިން ޚަތިމު ކުރައްވާކަމުގައިވެސްވެ ވެއެވެ. މިފަދައިން ދިގުކޮށް، ގިނަ ވަގުތު ނަމާދުގައި ޤުރްއާން ކިޔެވުމުގައި އެބޭކަލުން ވަގުތު ހޭދަކުރެއްވިއެވެ.
މި ހުރިހާ ކަމަކުން ދޭހަވަނީ ރަމަޟާންމަހަކީ ކީރިތި ޤުރްއާންގެ މައްސަރެއް ކަމެވެ. ޤުރްއާން ކިޔެވުމާއި، އެޤްރާންގައިވާ ޙުކުމްތައް އުނގެނި ދަސްކުރުމާއި، އެއާ އެއްގޮތަށް ޢަމަލު ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ރަމަޟާންމަހު ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ، އަދި ގިނަ ގިނައިން ޤުރްއާން ކިޔެވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ހަމައެއާއެކު ޤުރްއާންގެ މާނައާއެމެދު ފުންކޮށް ވިސްނައި، އަޅުގަނޑުމެންގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާ އަޅުގަނޑުމެންނަށް އަންގަވާ އެންގެވުންތައް ދެނެގަނެ ފުރިހަމަ އަށް ބޯލަނބާ ކިމަންތެރިވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ.