ދުނިޔެ

ޖަރުމަނަށް ގޭސް ސަޕްލައި ކޮށްދެވިދާނެ: ގަތަރު

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ ޖަރުމަނަށް ވަޑައިގެން ޗާންސެލަރު އޯލަފް ޝޯލްޒްއާ ބައްދަލު ކުރައްވައިފި އެވެ.

ދެ ލީޑަރުން އެއް މޭޒުދޮށަށް ވަޑައިގެން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ޖަރުމަނަށް ބޭނުންވާ ހަކަތަ، ގުދުރަތީ ގޭސް ސަޕްލައި ކުރުމާ ބެހޭ ގޮތުންނެވެ. އަދި އީރާންގެ ނިއުކްލިއާ އެއްބަސްވުމަށް ވެސް އަލިއަޅުވާލެއްވި އެވެ.

ޝެއިޚް ތަމީމް ވިދާޅުވި ގޮތުގައި، ލިކްއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތަރުގައި ރައްކާކޮށް ސަޕްލައި ކުރުމަށް ވަރަށް ބޮޑު ޚަރަދެއް ވަނީ ކުރެވިފަ އެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތުގައި ދުނިޔޭގެ ހަކަތަ މާކެޓަށް ސަޕްލައި ކުރުމުގެ ގާބިލުކަން ގަތަރުގައި އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ދުނިޔޭގެ ހަކަތަ މާކެޓަށް ގުދުރަތީ ގޭސް ސަޕްލައިކުރާ ނިސްބަތް ގަތަރުން ވަރަށް ބޮޑަށް އިތުރު ކުރައްވާނެ ކަމަށާއި ޔޫރަޕަށް ބޭނުންވާ ހަކަތަ ލިއްބައި ދިނުމަށް ގަތަރުން އެހީތެރިވެ ދެއްވާނެ ކަމަށެވެ.

ޔޫރަޕަށް މިހާރުން މިހާރަށް ވެސް އެހީތެރިވެ ދެއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. ގަތަރަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްގައި ވަރަށް ލުއި ގޮތްތަކެއް ހަައްދަވައި ދެއްވާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ޖަރުމަނުގެ ޗާންސެލަރު ވިދާޅުވި ގޮތުގައި ޖަރުމަނަށް ބޭނުންވާ ގުދުރަތީ ގޭސް މިވަގުތު އުފުލެން އޮތީ ކަނޑު ބޯޓުފަހަރުގަ އެވެ. ގަތަރުން ގޭސް ސަޕްލައިކުރަން ތައްޔާރު ނަމަވެސް، ކަނޑު ބޯޓުން އުފުލާ ގޭސް ބާލައި ރައްކާކުރަން އެކަށީގެންވާ ވަސީލަތްތައް އަދި ގާއިމު ކުރެވިފައި ނުވެ އެވެ.

ޖަރުމަނަށް ބޭނުންވާ ވަރަށް ގުރުދަތީ ގޭސް ގަތަރަށް ސަޕްލައި ކުރެވޭ ވަރުވާނީ 2024 ގައި ކަމަށް ވެސް އަމީރު ޝެއިޚް ތަމީމް ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ ޑީލް

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ބެހޭ ގޮތުން ދެ ލީޑަރުން ދެއްކެވި ވާހަކަތަކުގައި ޝެއިޚް ތަމީމް ވިދާޅުވީ އެމެރިކާ އާއި އީރާނަށް ޝަރުތުތަކަކަށް އެއްބަސް ވެވިދާނެ ކަމަށެވެ. އަމީރު އަދި ވިދާޅުވީ 2015 ގައި އީރާނާއެކު އެއްބަސްވި ފަދައިން ނިއުކްލިއާ ޑީލަކަށް ދިއުމަށް މެދުވެރިއެއްގެ ދައުރު ގަތަރަށް އަދާ ކުރެވިދާނެ ކަމަށެވެ.

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކަށް ދިއުމަށް ދުނިޔޭގެ ނުފޫޒޫގަދަ ގައުމުތަކުން މިއަހަރު ފެށި މަޝްވަރާތައް މިހާރު އޮތީ ހުއްޓިފަ އެވެ. އެއީ އީރާންގެ "އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް" ޓެރަރިސްޓުންގެ ލިސްޓުން ނެގުމާ މެދު އެމެރިކާ ވަކި ގޮތަކަށް އެއްބަސްނުމުގެ ސަބަބުންނެވެ.

އީރާނާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް ދެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގަތަރުގެ އަމީރު ވިދާޅުވި އެވެ. އަދި މަޝްވަރާކުރުމުގައި ގައުމުތަކުން ސީރިއަސް ނިންމުންތަކެއް ނިންމަން ޖެހިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.