ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓުވަން ޔޫރަޕިއަން ޔޫނިއަނުން ކުރަނީ ކޮން ކަމެއްތޯ މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ ސުވާލުކުރައްވައިފި އެވެ.
ސީސީ ވިދާޅުވި ގޮތުގައި އެކަށީގެންވާ ވަރަށް މުޅި ޔޫރަޕުން އިޒުރޭލަށް ޕްރެޝަރުކުރާ ނަމަ ހަނގުރާމަ ހުއްޓުވަން ބާރަކަށް ވީހެވެ. އެކަމަކު ފެނިވަޑައިގަންނަވަނީ ބަސްހުއްޓިފައި އޮތް ޔޫރަޕެއް ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
އިޒުރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅުތަކެއް އަޅާ ނަމަ އަދި ސުލްހައިގެ އެއްބަސްވުމަކީ މުހިންމު ކަމެއް ކަމަށް ޔޫރަޕިއަން ޔޫނިއަނުން ދެކޭ ނަމަ މަސްރަހު ފިނިވުން ގާތް ކަމަށް ވެސް މިސްރުގެ ރައީސް ވިދާޅުވި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި، ޖަރުމަނުގެ ރައީސް ފްރާންކް ވޯލްޓާ ސްޓެއިންމާގެ އަރިހުގައި ނޫސްވެރިންނަށް ވާހަކަދައްކަވަމުން ސީސީ ވިދާޅުވީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އިޒުރޭލަށް އެންމެ ބޮޑަށް ޕްރެޝަރުކުރެވޭނެ އެއް ގައުމަކީ ޖަރުމަނު ކަމަށެވެ.
ޣައްޒާގެ އާންމުން މިއަދު އެ ތިބީ ގޮތެއް ނެތިގައި ކަމަށް ސީސީ ވިދާޅުވި އެވެ. އެ ހާލަތުގައި އެ މީހުން ބަނޑަށް ޖައްސައި -- އަދި ބަނޑުހައިހޫނުކަމުން ފައިދާ ނެގުމަކީ މިސްރު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިސްރާއި ގަތަރު މެދުވެރިވެގެން ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވޭތޯ ލައްކަ މަސައްކަތް ވަނީ ކޮށްފަ އެވެ. ނަމަވެސް، ކުރި އެއްވެސް މަސައްކަތަކުން ރާހަތެއް ނުކުރި އެވެ.
އިޒުރޭލާއި ހަމާސްއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާ ސަރުކާރުން ހުށަހެޅި މާއްދާތަކަށް ވެސް ޒަޔަނިސްޓުން ތާއީދެއް ނުކުރި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޒައާމަތުގައި ސުލްހަ ގާޢިމުކުރުން މިހާރު އޮތީ ނުވާވަރުގެ ކަމަކަށް ވެފަ އެވެ.
ސީސީ ވިދާޅުވި ގޮތުގައި ދުނިޔެއަށް ލައިގަންނަ ބައެއެް ކަންތައްތަކުގައި ޔޫރަޕުން އޮޅުލައިގަންނަނީ އަންބާކިޔާފައި -- އެންމެން އެކުގަ އެވެ.
ފަލަސްތީންގެ މައްސަލަ އަކީ މުސްލިމުންނާ ގުޅުން ހުރި ކަމަކަށް ވާތީ ޔޫރަޕުގެ ސަމާލުކަން ނުލިބެނީ ކަމަށް ވެސް މިސްރުގެ ރައީސް ވިދާޅުވި އެވެ.
ޖަރުމަނުގެ ރައީސް މިސްރަށް ވަޑައިގެން މިއުޅުއްވަނީ އެ ގައުމުގެ ރައީސަކު މިސްރަށް ވަޑައިނުގެން 25 އަހަރު ފާއިތުވުމަށް ފަހު އެވެ.
ޖަރުމަނުގެ ރައިސްގެ މި ދަތުރުގައި މިސްރުގެ ތަރައްގީއަށް ކުރެވޭ ބައެއް މަސައްކަތްތައް ބައްލަވާލެއްވި އެވެ.