ދުނިޔެ

ޖަރުމަނުގައި އިޒުރޭލުގެ ކޮންސިއުލޭޓަށް ބަޑިޖަހައިފި

ޖަރުމަނުގެ މިއުނިކްގައި ހުންނަ އިޒުރޭލު ކޮންސިއުލޭޓް ކައިރީގައި މީހަކު ބަޑިޖަހަފި އެވެ. މިއީ ކޮން ބޭނުމަކު ކުރި ކަމެއްކަން ޖަރުމަނުގެ ފުލުހުން އަދި އާންމެއް ނުކުރެ އެވެ.

މި ހާދިސާގައި ބަޑިޖެހި މިހާ މިހާރު ވަނީ މަރާލާފަ އެވެ. އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުންގެ ފަރާތުން ނޫސްތަކަށް ދިން މައުލޫމާތުގައި ބަޑިޖެހީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުހިމެނެ އެވެ. ފުލުހުން ބުނާ ގޮތުން އެއީ ކާކުކަން އަދި ކަށަވަރުކުރެވިފައި ނުވަނީ އެވެ.

މި ހަމަލާގައި އިތުރު މީހަކު ބައިވެރިވެދާނެ ކަމަށް ބަލައި ފުލުހުން މިހާރު ވަނީ އަސްކަރިއްޔާގެ އެހީއަށް އެދިފަ އެވެ. އަދި ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން މުޅި ސަރަހައްދު ހޯދަމުންދާ ކަމަށް ވެސް ޚަބަރު ލިބެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިއީ އިޒުރޭލާ ދެކޮޅު ހަރަކާތްތައް ގިނަ ދުވަސްކޮޅެކެވެ. މައިގަނޑު ސަބަބަކީ ޣައްޒާގެ ނިކަމެތި އާންމު ރައްޔިތުންނަށް ޒަޔަނިސްޓުން ދެމުންދާ ރަހުމެއް ނެތް އަނިޔާ އެވެ.

ފަލަސްތީންގެ ރައްޔިތުންނާ އެކުގައި ތިބިކަން ބަހާއި އަމަލުން ދެއްކުމަށްޓަކައި ޖަރުމަނާއި ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގައި ވެސް އާންމުން ދަނީ މަގުތަކަށް ނުކުމެ ޝުއޫރުފާޅުކުރަމުންނެވެ.

އަދި އިޒުރޭލުގެ ޝައުގުވެރިކަން އޮންނަ އިމާރާތްކަށާއި އުޅަނދުފަހަރަށް ގެއްލުން ދިނުމާއި ގެއްލުވާލުން ފަދަ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ.

ޖަރުމަނަކީ އިޒުރޭލަށް ވަރަށް ބޮޑަށް އަޅާލާ ގައުމެވެ. މިހެންކަމުން އިޒުރޭލުގެ ކޮންސިއުލޭޓަށް ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ދެކޭނެ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަނެ އަސީރުކުރި ޔަހޫދިންގެ އެތައް ބަޔަކު އަދިވެސް ތިބީ ހަމާސްގެ ހިމާޔަތުގަ އެވެ.

ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަންކުރުމަށް ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ގޮވާލިއެއް ކަމަކު އިޒުރޭލަށް މި އަޑެއް ނުއިވެ އެވެ.

އިޒުރޭލުން ޣާއްޒާއަށް ދެމުންދާ ހަމަލާތަކަކީ އެމެރިކާ ސްޕޮންސާރުކޮށްގެން ދޭ ހަމަލާތަކެކެވެ. މިހެން ކަން އޮތުމުން ހަމަލާތައް ހުއްޓާލެވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.