އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލާގައި ނިކަރާގުއާއިން ޖަރުމަނުގައި ގޮވައިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހިނގައްޖެ އެވެ.
ނިކަރާގުއާއިން އައިސީޖޭއަށް ގޮވާލާފައި ވަނީ ބާލިންއިން ތެލްއަވީވަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވައި ދިނުމެވެ.
ޖަރުމަނުން އިޒުރޭލަށް ފޯރުކޮށްދޭ ހަތިޔާރު ޒަޔަނިސްޓުން ބޭނުންކުރަނީ ގައުމީ ދިފާއީ ބޭނުމުގައި ނޫން ކަމަށް ނިކަރާގުއާ ބުނެ އެވެ.
ޖަރުމަނުން ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށްގެން ޒަޔަނިސްޓުން ކުރާ ކަމަކީ ފަލަސްތީންގެ އަވަށްތަކުގައި -- ޚާއްސަކޮށް ޣައްޒާ އާއި ޚާން ޔޫނިސްގައި، ޖަރީމާތައް ހިންގައި ނަސްލު ނައްތާލުން ކަމަށް ވެސް ނިކަރާގުއާއިން ވަނީ އައިސީޖޭގައި ބުނެފަ އެވެ.
ޣައްޒާގައި އަަމަލުކުރެވެން ޖެހޭ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް އިޒުރޭލު ކިޔަމަން ނުވަނީ ޖަރުމަނު ކަހަލަ ވަކި އަަތަކަށް ޖެހިފައި ތިބި ގައުމުތަކުން ޒަޔަނިސްޓުންނަށް ބާރުވެރިކަން ދޭތީ ކަމަށް ވެސް ނިކަރާގުއާއިން ބުންޏެވެ.
ޖަރުމަނުން ހަތިޔާރު ފޯރުކޮށްދޭއިރު އެ ހަތިޔާރުގެ ބޭނުންހިފަނީ ކޮން ގޮތަކަށްތޯ ބާލިން ނުބަލާ ކަމަށް -- ނެދަލޭންޑްސްގައި ހުންނަވާ ނިކަރާގުއާގެ ސަފީރު، ކާލޮސް ޖޯޒް އާގެއްލޯ ވިދާޅުވި އެވެ.
ހަތިޔާރު ފޯރުކޮށްދިނުމުގެ ކުރިން އެ ހަތިޔާރަކީ ކީއްކުރަން ބޭނުންކުރާ ހަތިޔާރެއްތޯ ބެލުމަކީ ހަތިޔާރު އުފައްދައި ވިއްކާ ގައުމުތަކަށް ބައިނަލްއަގްވާމީ ގޮތުން ކޮށްފައި އޮންނަ ޝަރުތެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރު އަދި ވިދާޅުވީ އިޒުރޭލު އޮތީ ބަޔަކާ އެކު ހަނގުރާމާގައި ކަމަށެެވެ. އަދި އަނެއްކޮޅުގައި އޮތީ އެއްވެސް އާރެއް ބާރެއް ނެތް ފަލަސްތީން ކަމަށާއި އެ މީހުންނާ ދެކޮޅަށް އަސްކަރީ ގަދަފަދަ ހަމަލާތަކެއް އިޒުރޭލުން ދެމުން ގެންދާކަން ޖަރުމަނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ޖަރުމަނުން ކަންކުރާ ގޮތުން ބާލިންއަށް އެ އެހީތެރިވެވެނީ އިޒުރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަށް ކަމަށާއި ޖަރުމަނުގެ ވިސްނުން ބަދަލުކުރަން އައިސީޖޭއިން އަމުރުކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށްދާ މި އަޑުއެހުންތަކުގައި ޖަރުމަނު ވަނީ އެއްވެސް ގޯހެއް ނުހަދާ ކަމަށް ބުނެ ނިކަރާގުއާ ކުރާ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ޖަރުމަނު ބުނާ ގޮތުން ބައިނަލްއަގުވާމީ އެއްވެސް މުއާހަދާއަކާ އެ ގައުމުން ޚިލާފެއް ނުވެ އެވެ. އިންސާނީ ހައްގުތަށް ހިފަހައްޓައި ހުރުމަތްތެރިކޮށް ހިތަން އޮންނަ ހުރިހާ ގާނޫނަކަށް ބާލިން ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށް ވެސް ޖަރުމަނުން ބުންޏެވެ.