ދުނިޔެ

ޔޫރަޕިއަން ޔޫނިއަނުން ޓެކްސް ނަގާނަށް: ޓްރަމްޕް

އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ރައީސްގެ މަގާމު ލިބިވަޑައިގެންފި ނަމަ ޖަރުމަނުން އަދި މުޅި ޔޫރަޕިއަން ޔޫނިއަނުން ވަރުގަދަ ޓެކުހެއް ނަންގަވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޔޫރަޕަކީ އެއްގޮތަކަށްވެސް އެމެރިކާއަށް ހެޔޮއެދޭ ބައެއް ނޫނެވެ. އެމެރިކާއާ މެދު ޔޫރަޕިއަން ޔޫނިއަނުން ދެކެނީ ވަރަށް އިހްތިރާމު ކުޑަކޮށް ކަމަށް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އޭނާ މީގެ ކުރިންވެސް އެމެރިކާގެ ރައީސްކަން އެއް ދައުރު ވަނީ ފުރިހަމަކުރައްވާފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކީ އެމެރިކާގައި މިހާރު އޮއް ޖޯ ބައިޑަން ސަރުކާރުގެ ނައިބް ރައީސް ކަމަލާ ހެރިސް އެވެ.

ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއަށް ދެރަ ހާލަތެއް ޖެހިއްޖެނަމަ އެއީ ޔޫރަޕިއަން ޔޫނިއަންއާ ހެދި ޖެހުނު ކަމަކަށް އޮންނަނީ ވެފަ އެވެ.

ޔޫރަޕިއަން ޔޫނިއަނަކީ އެމެރިކާއާ އެކު ވިޔަފާރިކުރާ ބައެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގައި އުފައްދާ މުހިއްމު އުފެއްދުމެއް ޔޫރަޕްގައި ނުވިއްކާ ކަމަށާއި އެމީހުން ބަރޯސާކުރަނީ އަމިއްލަ އުފެއްދުންތަކަށް ކަމަށެވެ. ޔޫރަޕާ ހެދި އެމެރިކާގެ އިގުތިސާދު ވަރަށް ބޮޑަށް ދައްވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ޔޫރަޕިއަން ޔޫނިއަނާ އެކު އެމެރިކާ ވިޔފާރިކުރާކަށް ނޫޅޭނެ ކަމަށެވެ. އޭގެ ބަދަލުގައި ބޮޑު ޓެކުހަކުން ބައިގަނޑު ސައިޒުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް މިހާރުވެސް ގެންދަވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކަންކަން ކުރައްވާނެ ގޮތް ވަރަށް ފާޅުގައި އިއުލާންކުރައްވަމުންނެވެ. އެއްވެސް ކަމެއް ފޮރުވާފައި ނުބާއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާ، ޗައިނާ އަދި އުތުރު ކޮރެއާ އަކީ އެކުވެރިން ކަމަށް ހައްދަވާނެ ކަމަށާއި އެ ނޫން ގޮތެއްގައި ޑޮލަރު ޣަރަގުވުމުން ސަލާމަތް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.