ޔޫރަޕިއަން ޔޫނިންގައި މިހާރު އޮތް ހިޔާލުތަފާތުވުންތައް އުފެދުމުގެ އަސްލަކީ ޔުކްރޭން ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.
ގައުމުތަކުގެ މެދުގައި ނުތަނަސްކަން އުފެދި ޔޫރަޕިއަން ޔޫނިއަންގައި ރެނދުލުމުގެ ސަބަބަކީ ވެސް ޔުކްރޭން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޗާންސެލަރު ވިދާޅުވި ގޮތުގައި ޔުކްރޭންއާ މެދު ޔޫރަޕްގެ ހުރިހާ ގައުމަކުން ދެކެނީ އެއްގޮތަކަށް ނޫނެވެ. ޔުކްރޭނާ މެދު ޖަރުމަނު ދެކޭ ގޮތާއި ހަންގޭރީ ދެކޭ ގޮތް ވަރަށް ތަފާތު ކަމަށްވެސް ވިދާޅުވި އެވެ.
ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ގެންގުޅުއްވަނީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ރުހެވޭ ފިކުރެއް ނޫން ކަމަށް ޝޯލްޒް ވިދާޅުވި އެވެ.
އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި ޔުކްރޭނާ ނުލައި ޔުކްރޭނާ ބެހޭ އެއްވެސް ކަމެއް ނިންމައިގެން ނުވާނެ އެވެ. އެއީ ސުލްހައަށް ކުރާ މަޝްވަރާއެއް ނަމަވެސް އެކަމުގައި ޔުކްރޭން ޝާމިލްވާން ޖެހޭނެ ކަަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޗާންސެލަރު ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭން އަކީ ޔޫރަޕްގެ ބައެކެވެ. އޭނާ ވިދާޅުވީ ޔުކްރޭން ހިމާޔަތްކުރުން ޔޫރަޕަށް ލާޒިމު ވަނީ އެ ސަބަބަށްޓަކައެވެ.
ވިކްތަރު އޯބަން ދެކެވަޑައިގަންނަވާ ގޮތުގުގައި ޔޫރަޕަށް އެޅުނު އެންމެ ބޮޑު ޅައެއްޗަކީ -- ޔުކްރޭން މެދުވެރިކޮށް ރަޝިއާއަށް ދަތިކުރުމެވެ. އަދި ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރުމަށް ޔުކްރޭނަށް މަދަދުވެރިވުމެވެ.
އޯބަން ވިދާޅުވީ ޔުކްރޭން ހަނގުރާމާގައި ޔޫރަޕިއަން ޔޫނިއަން ބައިވެރިވާން ނުޖެހޭ ކަމަށެވެ. ހަނގުރާމަ ހުއްޓާލައި މަޝްވަރާކުރުމަށް އެއްބާރުލުން ދޭ ބަޔަކަށް ޔޫރަޕް ވުމަށްވެސް ގޮވާލެއްވި އެވެ.
ޔޫރަޕަށް މިހާރު ބިރުހީވެގެން އުޅެނީ އެމެރިކާގައި އޮތް ޑިމޮކްރެޓިކް ސަރުކާރު -- ޖޯ ބައިޑަންގެ ވެރިކަން ހަމަވުމަކަށް އަންނާތީ އެވެ. ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަކީ ޔުކްރޭން ހަނގުރާމައާ ދެކޮޅު ލީޑަރެކެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ވެރިކަން ލިބިވަޑައިގަންނަވާތާ 24 ގައިޑިއިރު ތެރޭގައި ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ އެވެ. އަދި އެ ހަނގުރާމަ މިހާރު އެކުރާ ގޮތަށް ކުރަން ފުރުސަތު ނުދެއްވާނެ އެވެ.
ހަނގުރާމައަށް ގޮސް ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެނައުމަކީވެސް ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ޓްރަމްޕް ވިދާޅުވީ ހަނގުރާމަތައް ހުއްޓުވައި -- ބޮޑު ތަޅާފޮޅުމަކުން ގައުމުތައް ދުރުކުރައްވާނެ ކަމަށެވެ.