ދުނިޔެ

ޔުކްރޭންގައި ރަޝިއާ ލޭޒާ ހަތިޔާރު ބޭނުން ކުރާކަން އެނގޭކަށް ނެތް: ޕެންޓަގަން

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭންގެ އަމާޒުތަކަށް ހަމަލާ ދޭން ލޭޒާ ހަތިޔާރު ބޭނުންކުރާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ހަބަރުތަކުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެމެރިކާގެ ޕެންޓަގަނުން ބުނީ ޔުކްރޭންގައި ލޭޒާ ހަތިޔާރު ބޭނުން ކުރާކަން ނުވަތަ ކޮށްފައި ހުރިކަން އެނގެން ނެތް ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުގައި ލޭޒާ ހަތިޔާރުން ތަނެއް އަންދާލައިފި ނަމަ އަނދާފައި ހުރި ގޮތުން ވެސް އެއީ ލޭޒާކަން އެނގޭނެ އެވެ. އޭނާ ވިދާޅުވީ އެފަދަ ނިޝާނެއް ވެސް ޔުކްރޭނުން ފެންނަން ނެތް ކަމަށެވެ.

ރަޝިއާގެ މިނިސްޓްރީ އޮފް ޑިފެންސްއާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން ޔުކްރޭން ސިފައިން ބޭނުންކުރާ ޑްރޯން އާއި ތިރިން ދަތުރުކުރާ އަސްކަރީ އުޅަނދުތަކަށް ހަމަލާދޭން ލޭޒާ ހަތިޔާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ.

ފައިޓަރު ޖެޓްތަކަށް އަދި ރޮކެޓާއި މިސައިލް ނައްތާލަން ވެސް ލޭޒާ ބޭނުން ކުރެވޭ ކަމަށް ރަޝިއާ ވަނީ ބުނެފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ރަޝިއާ އުޅެނީ ވާހަކަ ދައްކާ ވަރަށް ވުރެ ފަހަތުގަ އެވެ. އެ މީހުންގެ ޕްލޭނާ އެއްގޮތަށް ޔުކްރޭންގައި ކަމެއް ކުރިއަށް ނުދާ ކަމަށް ވެސް ޖޯން ކާބީ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް ހަމަލާ ދެންފެށި ފަހުން ދެ ގައުމަށް ވެސް ވަރަށް ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ. ސިފައިންގެ ތެރެއިން އެތައް ބަޔަކު މަރުވެ ޔުކްރޭންގެ އުމްރާނީ ތަރައްގީ މުޅިންހެން ވަނީ ވީރާނާވެފަ އެވެ.

ޕެންޓަގަނުން ކުރިން ބުނި ގޮތުން ރަޝިއާ ސިފައިންނާ ކުރިމަތިލުމަށް ޔުކްރޭން ސިފައިން ތަމްރީންކޮށް ޒަމާނަށް ފެއްތުމުގެ ހުރިހާ ޒިންމާއެއް އެމެރިކާ ނަގާނެ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކާއި އިނގިރޭސިވިލާތުން ވެސް ވަސް އަސްކަރިއްޔާއަށް ބޭނުންވާ ތަމްރީން ދޭނެ ކަމަށް ބުނެފަ އެވެ.