ލައިފްސްޓައިލް

ބަނޑުގައި ރިހޭތީ އުޅުނު މީހެއްގެ ކިޑްނީގައި 206 ހިލަކޮޅު

ކިޑްނީގައި ހިލަ ހުރުމަކީ ވަރަށް ވޭން ހުރި އަދި ދިރިއުޅުމަށް ބުރޫ އަރާވަރުގެ ސިއްހީ މައްސަލަ އެކެވެ. އިންޑިއާގެ ހައިދަރުއާބާދުގެ މީހަކަށް ވެސް ދިމާވީ މިފަދަ ކަމެކެވެ. އުމުރުން 56 އަހަރުގެ މި މީހާ ފާއިތުވީ ހައެއްކަ މަސް ދުވަހު އުޅެފައިވަނީ ވަރަށް ވޭނުގަ އެވެ.

ވީރަމައްލާ ރާމަލަކްޝްމަޔާ ކިޔާ މި މީހާ އަލަށް ނަލަގޮންޑާ އަވަށުގައި ދިރިއުޅޭ މީހެކެވެ. ބަނޑުގެ ވާތް ފަރާތުގައި ރިއްސާވަރުން ކެތް ނުވެގެން މި މީހާ ހައެއްކަ މަސް ދުވަހު އުޅުނެވެ. އެ އަވަށުގައި މަސައްކަތްކުރާ ޑޮކްޓަރެއް ކައިރިއަށް އޭނާ ދާ ކޮންމެ ފަހަރަކު ބޭހެއް ދީފައި ފޮނުވާލަނީ އެވެ. ނަމަވެސް އެ ބޭހަކުން ވިރަމައްލާ އަކަށް ވޭނަކަށް ލުޔެއް ނުލިބެ އެވެ.

މިކަމުގެ ސަބަބުން އޭނާއަށް މަސައްކަތްކޮށް އުޅެން ވެސް ދަތިކަމަކަށް ވިއެވެ. އަދި ހޫނުމޫސުމުގައި މި މައްސަލަ އިތުރަށް ބޮޑުވި އެވެ.
އެންމެ ފަހުން އޭނާ އެ އަވަށާ ދުރުގައި އޮންނަ ރަށަކަށް ގޮސް އެތާނގައި ހުރި ބޮޑު ހޮސްޕިޓަލަކަށް ދެއްކި އެވެ. ޑޮކްޓަރުން އޭނާގެ ވަރަށް ގިނަ ޓެސްޓުތައް ހެދި އެވެ. އަދި މި ޓެސްޓުތަކުން އޭނާގެ ކިޑްނިގައި ގިނަ އަދަދެއްގެ ހިލަ ހުރިކަމަށް ބުންޏެވެ.

ބަނޑު ތޮރުފައިގެން މި މީހާގެ ސާޖަރީ ހަދަން ގާތްގަނޑަކަށް ގަޑިއެއްހާއިރު ނެގި އެވެ. ސަބަބަކީ ކިޑްނީގައި ހުރި ހިލަ ގިނަ ކަމުންނެވެ. ޑޮކްޓަރުން ވަނީ ބަރާބަރު 206 ހިލަކޮޅު ވިރަމައްލާގެ ކިޑްނީން ނަގާފަ އެވެ.

މިހާރު ވީރަމައްލާ ވަނީ ބަލި ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ވީރަމައްލާ އަށް ފަރުވާ ދިން ޑޮކްޓަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހޫނުގަދަ ދުވަސްތަކުގައި ގިނަ މީހުން އެކަށީގެންވާ ވަރަށް ފެނެއް ނުބޮއެވެ. އެހެންވެ ގައިގައި ފެން މަދުވެ ކިޑްނީގައި ހިލަ އުފެދެން މެދުވެރިވެ އެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވީ ގިނައިން ފެން ބުއިމަށް އެންމެންވެސް އާދަކުރުމަށެވެ. އަދި ކުރުނބާ ފެން ކޮންމެވެސް ވަރަކަށް ބުއިމަށެވެ.