ބޮލީވުޑް

ފޮށިތައް ގެއްލި ވަރަށް ހާސްވި: ޕޫޖާ ހެގްޅޭ

ކާން ފިލްމް ފެސްޓިވަލުގައި ބައިވެރިވުމަށް ގޮސް އުޅޭ ބޮލީވުޑް ތަރިން އެ ފެސްޓިވަލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަރަށް ފާޑު ފާޑުގެ ހެދުންތައް އަޅައިގެން ރެޑް ކާޕެޓްގައި ހިނގި ތަން ވަނީ ފެނިފަ އެވެ. ރެޑް ކާޕެޓްގައި ހިނގި ބޮލީވުޑް އެކްޓަރުންގެ ތެރޭގައި ބަތަލާ ޕޫޖާ ހެގްޅޭ ވެސް ހިމެނެ އެވެ. ނަމަވެސް ޕޫޖާއަށް ރެޑް ކާޕެޓްގައި ހިނގުނީ އޭނާ އާއި މުޅި ޓީމުން ނުކައި ނުބޮއި ވަރަށް ބުރަކޮށް މަސައްކަތް ކުރުމުންނެވެ. ސަބަބަކީ އެންމެ ފަހު ވަގުތު ޕޫޖާގެ ހެދުންތަކާއި ގަހަނާތައް ވީނުވީތަނެއް ނޭނގި ގެއްލިފައިވާތީ އެވެ.

ކާން ފިލްމް ފެސްޓިވަލުގައި މިފަހަރު އަލަށް ބައިވެރިވާ ޕޫޖާ ބުނި ގޮތުގައި މި ފެސްޓިވަލުގައި ބައިވެރިވާން ފްރާންސަށް ދިޔަ ތަނުން އޭނާގެ ފޮށި ގެއްލި އޭނާ އާއި އޭނާގެ މުޅި ޓީމު ހާސް ކަމެއްގެ ތެރެއަށް ވެއްޓުނު ކަމަށެވެ.

ނަމަވެސް ކޮންމެ ހާލަކުން ނަމަވެސް ރެޑް ކާޕެޓްގައި އޭނާއަށް ހިނގޭނެ ގޮތް ހެދުމަށް އޭނާގެ ޓީމުން އާދަޔާޚިލާފު ހިތްވަރެއް ދެއްކި ކަމަށް ޕޫޖާ ބުންޏެވެ.

"އަހަރެންގެ ހެދުންތަކާއި ގަހަނާތައް އަދި މޭކަޕް ސާމާނުތައް ވެސް ގެއްލުމުން އަހަރެންގެ ޓީމުގެ ހުރިހާ މެމްބަރުން ވަގުތުން އެކި ފިހާރަތަކަށް ގޮސް ހުރިހާ އެއްޗެއް ގަނެ ހަމަކޮށްފައި އަހަރެން ރެޑް ކާޕެޓަށް ތައްޔާރު ކޮށްދިނީ. އަހަރެންގެ ރެޑް ކާޕެޓްގައި ހިނގަން ނުކުތުމާ ހަމަޔަށް އަހަރެންގެ ޓީމުގެ އެއްވެސް މީހަކު ކެއުމެއް ބުއިމެއް އަރާމު ކުރުމެއް ނެތި މަސައްކަތް ކޮށްފައިވޭ. އެމީހުން އެހާ ހިތްވަރު ނުކުރިނަމަ އަހަރެންނަށް ރެޑް ކާޕެޓްގައި މިފަހަރު ހިނގޭނެ ގޮތެއް ނުވީސް،" ޕޫޖާ ބުންޏެވެ.

ޕޫޖާ ބުނި ގޮތުގައި އޭނާގެ އަތްދަބަހުގައި ކޮންމެވެސް ވަރަކަށް ގަހަނާ ހުއްޓެވެ. އޭނާ ބޭނުން ކުރީ އެ ގަހަނާތަކެވެ. އެހެން ހުރިހާ އެއްޗިއްސަކީ އޭނާގެ ޓީމުގެ މެމްބަރުން އެކި ތަންތަނަށް ދުވެގެން ވަގުތުން ގަނެފައި ހުރި އެއްޗިއްސެވެ.

"އަހަރެމެން ފްރާންސަށް ލޭންޑް ކުރުމާއެކު މި މައްސަލައާ ކުރިމަތިލާން ޖެހުނު. އަހަރެމެންނަށް ފޮށި ގެއްލިގެން އެކަމާ ރޯން ތިބޭނެ ވަގުތެއް ނެތް. އަހަންނަށް ހީވަނީ އަހަރެންނަށް ވުރެ މިކަމާ އަހަރެންގެ މެނޭޖަރު ހާސްވިހެން. އެކަމަކު އަހަރެން ބުނި އޯކޭ އޭ ގެއްލުނު އެއްޗެއް ގެއްލުނީ އޭ. ކާރަށް އަރައިގެން އަވަހަށް ހިނގާށޭ އެއްޗެތި ގަންނަން ދަމާ. އަހަރެން އަމިއްލައަށް ލާނެ ހެދުމެއް ވެސް ހޯދާނަމޭ،" އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޕޫޖާ ބުންޏެވެ.

ޕޫޖާ ބުނި ގޮތުގައި އޭނާގެ ޓީމުގެ ހުރިހާ އެންމެން އެ ދުވަހު ހަތަރު ދަމު އެކި ފިހާރަތަކަށް ދުވީ އެވެ. ހެއާ ޕްރޮޑަކްޓްސް އާއި އާ މޭކަޕް ސާމާނު ގަތުމަށެވެ. ވަގުތު ނެތުމުން އެމީހުން އެކަކުވެސް ކާއެއްޗެއް ކާން ވެސް ހަނދާންނެތެވެ.

"އަހަރެން ވެސް އެ ދުވަހު އެއްޗެއް ކެއީ ރެޑް ކާޕެޓްގައި ހިނގާ ނިމުމުން. އެންމެ ފަހު ވަގުތު އަހަރެންގެ ހެއާ ސްޓައިލިސްޓަށް ކާނާ ވިހަވުމުގެ މައްސަލަ ދިމާވެ އޭނާ ހުރީ ދެންމެ ދެންމެ އަނބުރައިގަނެގެން ވެއްޓޭ ވަރު ވެފަ. ނަސީބަކުން އަހަރެންނާއެކު ސްޓޭންޑް-އަޕް ޓީމެއް އޮތް. އަހަރެންނަށް މި ފެސްޓިވަލުގައި ބައިވެރި ވެވުނީ އެމީހުންގެ ހިތްވަރުން،" ޕޫޖާ ބުންޏެވެ.

ޕޫޖާ ބުނި ގޮތުގައި އިންޑިއާ އިން އޭނާގެ ފޮށިތައް މަތިންދާބޯޓަށް އެރުވިއިރު އެންމެ ދަބަހެއް ފިޔަވައި އެހެން އެއްވެސް ދަބަހެއް އަރުވާފައެއް ނުވެ އެވެ. އަދި އޭނާ ގެންގުޅުނު ހަމައެކަނި ޓްރެވަލް ބޭގް ވެސް ދަތުރުމަތީގައި ގެއްލުނީ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ހުރިހާ ކަމެއް ވެސް ރަނގަޅަށް ނިމުމުން އޭނާ މިހާރު ހުރީ ހިތްހަމަޖެހިފަ އެވެ.

ރެޑް ކާޕެޓްގައި ޕޫޖާ ހިނގާފައިވަނީ ޕްރިންސަސް އިން ލާ ކަހަލަ ގައުނެއްގަ އެވެ.

"ކޮން ފަދަ ދުވަހެއް!" ރެޑް ކާޕެޓްގެ ފޮޓޯއެއް ޝެއާ ކުރަމުން ޕޫޖާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައި ވެއެވެ.