ދެން ބާއްވާ ކޮންމެ އިންތިހާބެއްގައި ވޯޓްލާ ނިމުމުން ބާކީ ހުންނަ ވޯޓް ކަރުދާސް ޕާޓީތަކުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައި ވަގުތުން ނައްތާލަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމުން އެކަން ރަސްމީކޮށް ކަމާބެހޭ އިދާރާއަށް ހުށައަޅުއްވާނެ ކަމަށެވެ.
ޕީޕީއެމްގެ މައި އޮފީހުގައި ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންތިހާބުތަކުގެ އިންސާފުވެރިކަން ޔަގީން ކުުރުމަށް އަދިވެސް ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެފަދަ އެއް ކަމަކީ ވޯޓްލާ ނިމުމުން ބާކީ ހުންނަ ވޯޓް ކަރުދާސް ޕާޓީތަކުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައި ވަގުތުން ނައްތާލުން ކަމަށެވެ.
ބާކީ ހުންނަ ވޯޓް ކަރުހާދަކީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވޯޓް ފޮއްޓާއި ހަވާލުވެ ހުންނަ މަންދޫބުގައި އަތުގައި ރައްކާކޮށްފައި ބައްޓާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާ އަދި އެއީ މާލެ ގެނަން ޖެހޭ އެއްޗަކަށް ވެގެން ވެސް ނުވާނެ ކަމަށެވެ. ވޯޓްލާން ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުން ވޯޓް ފޮށި ބަންދުކޮށް ބާކީ ހުންނަ ކަރުދާސްކޮޅުތައް ވަގުތުން ނައްތާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ވޯޓްލާ ފޮއްޓެއްގައި ވޯޓްލާ މީހުން ނިމުމުން އެ ހިސާބުން ދެން އެ ނިމުނީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެކަމަކު އަޅުގަނޑުމެންގެ ޕާޓީން ރަސްމީކޮށް އެބަ އެދެން މިހާރުން ފެށިގެން ދެން އަންނަ އިލެކްޝަންތަކުގައި ވޯޓްލާ ނިމުނީމަ އަޅުގަނޑުމެންގެ ހާޒިރުގައި ބާކީ ހުރި ހުރިހާ ވޯޓް ކަރުދާހެއް ނައްތާލަން. ހުރިހާ ވޯޓް ކަރުދާސްތައް ނައްތާލަން ޖެހޭނެ. އެއްގޮތަކަށްވެސް އިލެކްޝަންސް ފޮށި ބަލަހައްޓާ މީހާ އަތުގައި އަނބުރާ މާލެގެންނަން ކަރުދާސް ހުރެގެން ނުވާނެ. އެލިބޭ ވަގުތުކޮޅުގެ ތެރޭގައި ނާންނަ މީހުންގެ ނަންނަން މި ހުންނަނީ ކަރުދާސްތަކުގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ރޭވެސް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށެވެ. އެއީ ބަޔަކު "ވަގަށް" ނެގި އިންތިހާބެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އިންތިހާބާ ގުޅިގެން ކުރީން ފެށިގެން ކުރައްވާ ތުހުމަތުތައް އާ ކުރައްވާ ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ނެތް އެތައް ބައެއްގެ ނަން މަތީގައި ވޯޓްލާފައިވާ ކަމަށެވެ. އެކަން ކުރަނީ ބާކީ ހުންނަ ވޯޓް ކަރުދާސް ކޮޅުތައް ބޭނުން ކޮށްގެން ކަމަށް ވިދާޅުވިއެވެ. ވޯޓްލާ ނިމުމުން ބާކީ ހުންނަ ކަރުދާސްތައް ނައްތާލަން ޖެހެނީ އެ "މަކަރު" ހެދުމަށް ފުރުސަތު ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މިދިޔަ ރިޔާސީ އިންތިހާބުގައި... ވަގަށް ނެގި ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ނެތް މީހުންގެ ނަމުގައި އެބަހުރި ވޯޓްލާފައި. އެ މީހުން ވޯޓް ނުވެސް ލާ. އެހެންވީމަ މިހެން ހުންނަ ވޯޓް ކަރުދާސްތައް މީކީއެއް އިލެކްޝަންގެ އޮފިޝަލުންގެ ހަވާލުގައި ހުންނަން ޖެހޭ އެއްޗެއް ނޫން. ވޯޓްލާ ނިމުނީމަ ވޯޓްފޮށި ބަންދު ކުރަންވާނީ އަޅުގަނޑުމެންގެ ހާޒިރުގައި. ބާކީ ހުރި ހުރިހާ ވޯޓް ކަރުދާސް، ފާހަގަ ނުޖަހާ ހުރި ހުރިހާ ވޯޓް ކަރުދާސްތައް ނައްތާލާފައި. އެއީ ދަތިވާނެ ކަމެއްވެެސް ނޫން. އެރަށުގައި އަލުން ވޯޓްލާން ވެއްޖެނަމަ މާލޭގައި އަލުން ޗާޕު ކޮށްގެން ވޯޓް ކަރުދާސް ގެންދާނީ. މިވަރު ނުކުރާ ކަމަށް ވެއްޖިއްޔާ ވަގުން ވައްކަން ކުރާނެ. މިހާތަނަށް ހުރީ ވައްކަން ކޮށްފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
މިހާރު އަމަލުކުރާ އުސޫލަކީ ވޯޓްލުން ނިމޭއިރު ބާކީ ހުންނަ ވޯޓްކަރުދާސް ވަކީން ސިޓީ އުރައެއްގައި ބަންދު ކުރަނީ އެވެ. ވޯޓް ކަރުދާސްކޮޅު ތައް ގުނާ ސިޓީ އުރާގައި ބަންދު ކުރަނީ މަންދޫބުންގެ ހާޒިރުގައެވެ.
އަދި އިންތިހާބުގައި ބޭނުންކުރި ހުރިހާ ވޯޓްކަރުދާސްކޮޅުތައް ގާނޫނުގައި ކަނޑައަޅާފައިވާ ވަކި ތާރީހެއްގެ ފަހުން ނައްތާލަނީ އެވެ. މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާސްކޮޅުތައް މާ ކުރީން ނައްތާލި ކަމަށް ތުހުމަތުކޮށް ޕީޕީއެމުން ވަނީ މައްސަލަ ޖައްސާފައެވެ. ނަމަވެސް ވޯޓް ކަރުދާސްކޮޅުތައް ނައްތާލީ ގާނޫނުގައި ބުނާ މުއްދަތު ހަމަކުރުމަށް ފަހު އުސޫލުތަކުގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ޕީޕީއެމުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެޕާޓީގެ އެންމެ ބޮޑު ތުހުމަތެއް އޮތީ އޭރު ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު ޝަރީފަށެވެ. ނަމަވެސް އިންތިހާބު އޮޅުވާލަން އެއްވެސް މަަސައްކަތެއް ނުކުރައްވާ ކަމަށް ޝަރީފް ވިދާޅުވެއެވެ.
ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޝަރީފް މިހާރު ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ ގެންދަވަނީ ރައީސް ސޯލިހް އެދިވަޑައިގެންފިނަމަ އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވަމުންނެވެ.