ޕީޕީއެމް

އުޅެނީ ރިޔާސީ އިންތިހާބު ވަގަށް ނަގަން: ޕީޕީއެމް

އާންމުންނަށް އޮޅުވާލައިގެން އެންމެ ގިނަ މީހުންގެ މެންބާޝިޕް ފޯމް ހުށަހަޅާފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- ޕީޕީއެމް އިން ކަމަށް ބުނުމުން އެ ޕާޓީން އެ ވާހަކަތަކަށް ރައްދު ދީފި އެވެ.

ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޫބަރު 1، 2021 އިން ފެށިގެން ޕީޕީއެމްގެ 5000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ ސަމާލު ކަމަށް ގެނެސް އެކަމުގައި އިންސާފު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅާ އެވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާ އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި މިއީ ސަރުކާރުން އަންގައިގެން ކުރަމުން ގެންދާ ކަމެކެވެ.

2018 ވަނަ އަހަރުން ފެށިގެން 2022 އާއި ދެމެދު 391 ވަގު ފޯމު ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ވައްދާފައިވާ ކަމަށް އެ ކޮމިޝަނުން ބުނަމުން ގެންދަނީ ކިހާވަރަކަށް ބައްލަވާފަތޯ އާއި އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ އަދި އެއީ 2018 އިން 2022 އަށް ހުށަހަޅާފައިވާ ފޯމުތަކުން ނަގާފައިވާ އަދަދުތަކެއްތޯ އެ ޕާޓީން ސުވާލު ކުރެއެވެ. އަދި މި އަދަދު ހާމަކޮށްފައި ވަނީ އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހުތޯ ނުވަތަ އެފަރާތްތަކުގެ ފިނގާޕްރިންޓް ވެރިފައި ކުރުމަށްފަހުތޯވެސް ސުވާލުކޮށްފައިވެއެވެ.

އެ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ހުށައަޅާފައިވާ ކަމަށް ބުނާ 391 ވަގު ފޯމުގައި ހިމެނޭ މީހުންގެ މައުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް ޕީޕީއެމް އަށް ފޮނުވާދިނުމަށްވެސް އެދިފައިވެއެވެ.

"ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް އެކަން ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީ އާއި މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް މި ކޯލިޝަނުން ގަބޫލު ކުރަމެވެ. އަދި އެއީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ފަރާތްތައް ރުއްސުމުގެ އަމަލެއް ކަމުގައިވެސް ބެލެވެއެވެ،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2018 އިން މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ޕީޕީއެމް އިން ވަނީ 391 ފޯމް ހުށަހަޅާފަ އެވެ. އޮޅުވާލައިގެން ޕީޕީއެމް އިން އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 166 ފޯމު ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ދެހާސް އަށާރައިން ފެށިގެން މިއަހަރުގެ މިހާތަނަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީ އިން ވަނީ އޮޅުވާލައިގެން 213 ފޯމް ހުށަހަޅާފަ އެވެ. އޮޅުވާލައިގެން އެމްޑީޕީން އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު 92 ފޯމު އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

އޮޅުވާލައިގެން ތިންވަނަ އަށް އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ އުވާލުމަށް ނޯޓިސް ދީފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިންނެވެ. އެ ޕާޓީން ވަނީ 145 ފޯމް އޮޅުވާލައިގެން ހުށަހަޅާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ ޕާޓީ އަކަށް ވެސް 2018 އިން ފެށިގެން މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން މެންބަރުން ވައްދާފައިވެ އެވެ.