ޕީޕީއެމް

ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިދިކޮޅު މައި ޕާޓީ ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތަށް ހަރަދުތައް ބަލަހައްޓާފައި ނުވާތީ އެވެ. އެެހެން ކަމުން ޕީޕީއެމް 50،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން "އަވަސް" އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މިހާރު ވަނީ ޕީޕީއެމްއަށް އަންގާފައެވެ. އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ޕީޕީއެމް ޖޫރިމަނާ ކުރީ މީގެ ކުރިން މި މައްސަލާގައި އެ ޕާޓީއަށް ނަސޭހަތް ދީފައިވާތީ ކަމަށެވެ.

ގާނޫނާ ހިލާފު ވެގެން މީގެ ކުރިންވެސް ތިން ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ. ފިޔަވަޅު އަޅާފައިވަނީ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ އިތުރުން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ކަމަށެވެ.

އެމްޑީއޭ ޖޫރިމަނާ ކޮށްފައިވަނީ 50،000 ރުފިޔާއިންނެވެ. އެމްޓީޑީ ޖޫރިމަނާ ކޮށްފައިވަނީ 30،000 ރުފިޔާއިންނެވެ. ޑީއާރުޕީއަށް އެންމެ ފަހުގެ ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.