ބޮލީވުޑް

ޕޫނަމްގެ ޕަލޯމީ އާއި ސަނީގެ ރާޖްވީރްގެ ފިލްމެއް

"ސޯނީ މަހިވާލް" އާއި "ސަމުންދަރް" ގައި ލީޑް ރޯލު ކުޅެފައިވާ ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޫނަމް ދިލަން އާއި ސަނީ ޑެއޯލްގެ ދަރިން އެކުގައި ކުޅޭ ފިލްމެއް އިއުލާން ކޮށްފި އެވެ.

ރާޖްޝްރީ ޕްރޮޑަކްޝަން އިން އުފައްދާ މި ފިލްމުގައި ޕޫނަމްގެ އަންހެން ދަރިފުޅު ޕަލޯމީ ބަތަލާގެ ބައި ކުޅޭއިރު ސަނީގެ ހަގު ފިރިހެން ދަރިފުޅު ރާޖްވީރް ބަތަލުގެ ބައި ކުޅެން ވަނީ ހަމަޖެހިފަ އެވެ. މިއީ ޕަލޯމީ އާއި ރާޖްވީރްގެ ފުރަތަމަ ފިލްމެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ "ހަމް އާޕް ކޭ ހޭ ކޯން" އާއި "މައިނޭ ޕިޔާރް ކިޔާ" އަދި "ވިވާ" ފަދަ ރީތި ފިލްމުތައް ޑައިރެކްޓްކުރި ސޫރަޖް ބަރްޖަތިޔާގެ ދަރިފުޅު އަވްނީޝް އެވެ.

މި ފިލްމުގެ މަސައްކަތް އަންނަ ޖުލައި 22 ވަނަ ދުވަހު ފަށާނެ އެވެ. ޕަލޯމީ އާއި ރާޖްވީރް މިފިލްމުގައި ކުޅޭނީ ވަރަށް ގަދަޔަށް ލޯބިވެގެން އުޅޭ ދެ ލޯބިވެރިންގެ ރޯލެވެ. މިއީ ވަރަށް ޒަމާނީ ލޯބީގެ ވާހަކައެއް ކަމަށް ވެއެވެ.

މި ފިލްމު އިއްޔެ އިއުލާން ކުރުމާއެކު ޕަލޯމީއަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ ބަތަލާ މާދުރީ ޑިކްޝިޓް އެވެ. މާދުރީ ކުރި ޓުވީޓެއްގައި ރާޖްޝްރީ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކޮށް ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓްކުރި "ހަމް އާޕް ކޭ ހޭ ކޯން" ގައި ބައިވެރިވެ އޭނާއަށް ލިބުނު މަޝްހޫރުކަމާއި ކާމިޔާބީ މަތިން ހަނދާންކޮށް ޕަލޯމީއަށް ވެސް އެފަދަ ކާމިޔާބަކަށް އެދިފައި ވެއެވެ.

އަދި ޕަލޯމީ ކަހަލަ ހުނަރުވެރި ބަތަލާއެއްގެ ފިލްމީ ކެރިއަރު ރާޖްޝްރީ ކަހަލަ ގަދަރުވެރި ބަޔަކާއެކު ފެށޭކަމީ އޭނާގެ ނަސީބު ކަމަށް މާދުރީ ލިޔެފައި ވެއެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ޕަލޯމީއަކީ އޭނާގެ މަންމަ ޕޫނަމްގެ ރީތިކަން ލިބިފައިވާ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އަނެއްކޮޅުން ރާޖްވީރް އަކީ ސަނީގެ ރީތިކަން ލިބިފައިވާ ވަރަށް ރީތި، ކުޅަދާނަ އެކްޓަރެކެވެ.

ޕޫނަމް އާއި ސަނީގެ ފޭނުން ޕަލޯމީ އާއި ރާޖްވީރްގެ މިފިލްމު ބަލާލަން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާނެ ކަން ޔަގީނެވެ.