މޯލްޑިވްސް މީޑިއާ ކައުންސިލް

ޝަހްބާން ވަކިކުރެވޭ ގޮތެއް ނުވި

May 23, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހްބާން ފަހްމީގެ އިތުބާރު ނެތް ކަމަށް ނެގުނު ވޯޓުގައި އޭނާ ވަކިކުރެވޭ ގޮތެއް ނުވި އެވެ.

އެމްއެމްސީގެ މެންބަރު ކަމުން ޝަހްްބާން ވަކިކުރުމުގެ މަސައްކަތް ކައުންސިލުން ފެށީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭތީ އެވެ. އަދި އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

ޝަހުބާންގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް އިއްޔެގެ ވަގުތެއްގައި ވަނީ ހުށަހަޅާފަ އެވެ.

އެމްއެމްސީން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އެމްއެމްސީގެ މެންބަރު ކަމުން ޝަހްްބާން ވަކިކުރުމަށް ނެގުނު ވޯޓުގައި އެކަމަށް ތާއީދުކުރައްވާ ވޯޓު ދެއްވީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ ތެރެއިން 8 މެންބަރުންނެވެ. ޝަހްބާން މެންބަރު ކަމުން ވަކިކުރުމަށް ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.

އެމްއެމްސީގެ ގާނޫނުގައި އެ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތެއް ނޯވެ އެވެ. ގާނޫނުގައި އޮންނަ ގޮތުން ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން އެ ކައުންސިލްގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މެންބަރު ކަމުން ވަކިކުރެވިދާނެ އެވެ.

އެހެންވެ އެމްއެމްސީގެ މެންބަރުން ރޭ މަސައްކަތް ކުރެއްވީވެސް އެމްއެމްސީގެ މެންބަރު ކަމުން ޝަހްބާން ވަކިކުރުމަށެވެ. އެމްއެމްސީގައި ޖުމްލަ 15 މެންބަރުން ތިއްބަވާއިރު އެ ކައުންސިލްގެ މެންބަރަކު، މެންބަރު ކަމުން ވަކިކުރުމަށް 10 މެންބަރުންގެ ތާއީދު ބޭނުންވެ އެވެ. އެމްއެމްސީގެ މެންބަރު ކަމުން ޝަހްބާން ވަކިކުރުމަށް އެ އަދަދަށް ވޯޓު ލިބިފައި ނުވާތީ އޭނާ މަގާމުން ވަކިކުރަން ފާސްނުވީ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެމްއެމްސީގެ ބައެއް މެންބަރުން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލްގެ އާންމު ނިންމުންތައް ދެބައިކުޅަ އެއްބައިގެ އަގުލަބިއްޔަތަކުން ނިންމޭއިރު ޝަހްބާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވެސް މެންބަރުން އެގޮތަށް ވޯޓު ދީފައިވާތީ ޝަހްބާން މިވަގުތު މަގާމުގައި ހުރުމަކީ އަހްލާގީ ގޮތުން ދަށްފެންވަރުގެ އަމަލެއް ކަމަށެވެ.

"ގާނޫނުގައި ބުނާ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ޝަހްބާން މަގާމުން ވަކިނުކުރެވުނު ނަމަވެސް މުޅި ކައުންސިލްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން އޭނާއާ ދެކޮޅަށް ވޯޓުދީ އިތުބާރު ނެތް ކަމަށް އެވަނީ ނިންމާފައި. މާނައަކީ ކައުންސިލް މެންބަރުންގެ އިތުބާރެއް ޝަހްބާނަކަށް ނެތޭ. އެހެންވީމާ ރީތި ގޮތަކީ އިސްތިއުފާ ދިނުން،" އެމްއެމްސީގެ މެންބަރަކު ވިދާޅުވި އެވެ.

ޝަހްބާންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން ރޭގެ ބައްދަލުވުމުގައި އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ވެސް ދީފައިވެ އެވެ. އެ ފުރުސަތުގައި ޝަހްބާން ވަނީ ޖަވާބުދާރީވެފަ އެވެ. ނަމަވެސް މިބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވާތީ އިތުރު ތަފްސީލްތައް ލިބޭ ގޮތެއް ނުވި އެވެ.

އެމްއެމްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެމްއެމްސީގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތަކާ ގުޅިގެންނެވެ. މީގެތެރޭގައި ހިމެނެނީ ދައުރު ހަމަވުން، ކައުންސިލްގެ މެމްބަރުކަމުން ވަކިކުރުން، އިސްތިއުފާދިނުން، މަރުވުން ނުވަތަ މެންބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމެވެ.

ޝަހްބާނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބޮޑެތި ފިއްތުއްތަކެއް ކުރިމަތިވި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.

ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ ކިންގްސް ކުންފުނީގެ ބައިވެރިއެއް ކަމުގައިވާ ޝަހްބާންގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ.

ކިންގްސް ކުންފުނިން ހިންގީ ޕޮންޒީ ސްކީމެއް ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަށް އެ ކުންފުނިން އަބަދުވެސް ދޮގުކުރެ އެވެ.