އެމްޑީޕީ

އެމްޑީޕީ މެނިފެސްޓޯ: މީޑިއާ މިނިވަންކުރަން ދައުލަތުން ފައިސާ ދޭން ހިމަނައިފި

މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނެއްގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ވަކި އިންސައްތައެއްގެ ފައިސާ މީޑިއާތަކަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކެއް ހިމަނާފަ އެވެ. އެގޮތުން މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން މަރުހަލާގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރަން ހުށަހަޅާފައިވެ އެވެ.

މީޑިއާތައް މިނިވަންކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ މީޑިއާ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނެއްގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ ހަމަޖެއްސުމަށެވެ.

މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް އޮންނަ ރޭޓިން ނިޒާމެއް ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ޔަގީންކުރެވިފައިވާ ހަބަރުތަކާ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތަކެއް މީޑިއާ ކައުންސިލް މެދުވެރިކޮށް ގާއިމުކުރުމަށްވެސް ހިމަނާފައިވެ އެވެ.

ދިވެހި ސްޓްރީމިން ސާވިސް ތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ތައްޔާރުކުރާ މީހުންގެ ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހިމަނާފައިވެ އެވެ.

މީގެއިތުރުން ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް، ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްއެމްއީ ބޭންކް މެދުވެރިކޮށް ހަމަޖައްސައިދިނުމަށްވެސް ހިމަނާފައިވެ އެވެ.

ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާ މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭ އަދި ފޯރުކޮށްދެވޭ ކޮންޓެންޓަށް ހަދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ނޫސްވެރިކަމަށް އަލަށް ނިކުން ކުދިން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.