މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހްބާން ފަހްމީ މަގާމުން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އެމްއެމްސީގެ މެމްބަރުންގެ ފަރާތުން ގަރާރެއް ނެރެފި އެވެ.
އެމްއެމްސީގައި ހިމެނޭ 15 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު މި ގަރާރުގައި ސޮއިކުރައްވާފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ ޝަހުބާން ހިއްސާވާ ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވުމަކީ ބޮޑެތި މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން އެމްއެމްސީގެ ގިނަ މެމްބަރުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް ބޭފުޅެއްގެ މައްޗަށް ވެސް އެފަދަ ތުހުމަތެއް ކުރެވުމުން އެމްއެމްސީގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް ޝަހްބާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ޝަހްބާން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް މެންބަރުން އެދިވަޑައިގަތުމުން އެކަމަށް ވިސްނާ ވަޑައިގަތުމަށް މިއަދާ ހަމައަށް ވަގުތު ދެއްވުމަށް ޝަހްބާން އެދިވަޑައިގެންނެވި ނަމަވެސް އެ ވަގުތު ހަމަވެގެން ދިޔައިރު އޭނާ އިސްތިއުފާ ދެއްވާފައި ނުވާތީ ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.
އެމްއެމްސީގެ ރައީސް ކަމުން ޝަހްބާން ވަކިކުރުމަށް ކައުންސިލް މެންބަރުން މީގެކުރިން މަސައްކަތް ކުރައްވާފައިވެ އެވެ. ނަމަވެސް އެކަމަށް ބޭނުންވާ 10 މެންބަރުންގެ ވޯޓު ނުލިބުމާ ގުޅިގެން އޭނާ މަގާމުން ވަކިކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ޝަހްބާންގެ މައްޗަށް ފުލުހުން ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އޭނާއާ ސުވާލުކޮށްފަ އެވެ.
ޝަހްބާން ހިއްސާވާ ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ވަނީ ކިންގްސް ކުންފުނީގެ ބައިވެރިއެއް ކަމުގައިވާ ޝަހްބާންގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށްވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ.
ކިންގްސް ކުންފުނިން ހިންގީ ޕޮންޒީ ސްކީމެއް ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަށް އެ ކުންފުނިން އަބަދުވެސް ދޮގުކުރެ އެވެ.