ހަބަރު

މާލޭގެ މަގުތަކުގައި ބެނާ ދަމައިގެން އިސްތިހާރުކުރުން މަނާކޮށްފި

ވެރިރަށް މާލޭގެ މަގުތަކުގައި ބެނާފަދަ ތަކެތި ދަމައިގެން އެއްވެސް ބާވަތެއްގެ އިސްތިހާރުކުރުން ހައުސިން މިނިސްޓްރީން މަނާކޮށްފި އެވެ. މީގެ ކުރިން އެކި ފަރާތްތަކުން ބާއްވާ ހަފްލާތަކާއި، ބާޒާރުގައި ވިއްކާ ބައެއް ބާވަތްތައް އިޝްތިހާރު ކުރަން މަގުމަތީގައި ބެނާ ދަމަ އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކި ބާވަތްތަކުގެ އިސްތިހާރު ހަރުކުރުމަށް މަގުފާރާއި އެއްގަމު ތޮށިގަނޑާއި، ހޮޅިދަނޑިތަކާއި މަގުމަތީގައި އިންދާފައިވާ ގަސްތަކާއި، މަގުގެ ކަންމަތީގައި ހަދާދައިވާ ރޭލިން އަދި އާންމު ހިދުމަތް ދިނުމަށް މަގުފާރު ކައިރީގައި ހުންނަ ފޮށިތަކުގައި އިސްތިހާރު ހަރުކޮށްގެން ނުވާނެ ކަމަށެވެ. އެއީ ހައުސިން މިނިސްޓްރީން ހުއްދަކުރާ ކަމެއް ނޫން ކަމަށް އިއުލާނުގައިވެ އެވެ.

އެހެންކަމުން މީގެފަހުން އިއުލާނުގައި ބަޔާންކޮށްފައިވާ ތަންތާގައި އިސްތިހާރު ހަރުކޮށްފިނަމަ އެ ފަރާތްތަކާމެދު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު ގައިވާ ގޮތުގެ މަތިން އަމަލުކުރަމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މިގޮތަށް ހައުސިން މިނިސްޓްރީން ނިންމާފައިވަނީ މާލޭގެ މަގުތައް ރީތިކޮށް ބޭއްވުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ބެނާފަދަ ތަކެތި ދަމައިގެން ކެމްޕެއިން ދުވަސްވަރު އިސްތިހާރުކުރުން އިތުރުވާކަން ފާހަގަކޮށްލެވެ އެވެ.