ލައިފްސްޓައިލް

އަތުގެ އިޝާރާތުން ވާހަކަ ދައްކާ މީހުން އުޅޭ އަވަށެއް

އިންޑޮނީޝިއާ އަކީ ވަރަށް ތަފާތު ސަގާފަތްތަކާއި އާދަކާދަތައް ގެންގުޅޭ ގިނަ ބަޔަކު ދިރިއުޅޭ ގައުމެކެވެ.

އެ ގައުމަށް ޒިޔާރަތްކުރާ މީހުންނަށް އެ ރަށު ބަސް ނޭނގުނަސް އިނގިރޭސި ބަސް އެނގޭނަމަ މާބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ. ނަމަވެސް އެ ގައުމުގެ ބާލީގައި އެއްވެސް ބަހުރުވައަކުން ވާހަކަ ދައްކާ ނޫޅޭ ވަރަށް ގިނަ ބަޔަކު އުޅެ އެވެ. މި އަވަށުގެ ގިނަ މީހުން އެކަކު އަނެކަކާ މުއާމަލާތްކުރަނީ އަތުގެ ހަރަކާތުން (ސައިން ލޭންގްއޭޖް) އިންނެވެ.

ބެންގްކާލާ ކިޔާ މި އަވަށުގެ މީހުން ވާހަކަ ދައްކާ ބަހުރުވަޔަށް ކިޔަނީ ކަޓާ ކޮލޮކް އެވެ. މިއީ އެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަން ބޭނުންކުރާ ސައިން ލޭންގްއޭޖަކަށް ކިޔާ ނަމެކެވެ.

މި އަވަށުގެ މީހުން ސައިން ލޭންގްއޭޖުން ވާހަކަ ދައްކާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެ އަވަށުގައި ކަންފަތަށް އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ އެތައް ބަޔަކު ދިރިއުޅޭތީ އެވެ. އެ އަވަށުގެ ކޮންމެ އާއިލާއެއްގައި އެފަދަ އެކަކު ނުވަތަ ދެ މީހަކު ތިބެ އެވެ. އެހެންވެ މި އަވަށް ޑެފް ވިލެޖް (ބީރު އަވަށް)ގެ ނަމުން މަޝްހޫރުވެފައި ވެއެވެ.

ކަޓާ ކޮލޮކް ބަހުން މި އަވަށުގައި ވާހަކަ ދައްކަނީ ހަމައެކަނި އަވަށު މީހުން އެކަންޏެއް ނޫނެވެ. އެ އަވަށުގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގައި ވެސް ވާހަކަ ދައްކަނީ އެ ބަހުންނެވެ.

ކަޓާ ކޮލޮކް އަކީ އެތައް ގަރުނެއް ކުރިން ފެށިގެންވެސް ބޭނުންކުރަމުން އަންނަ ސައިން ލޭންގްއޭޖެކެވެ. މިއީ ދުނިޔޭގައި އާއްމުކޮށް މި ވާހަކަ ދައްކާ ސައިން ލޭންގްއޭޖްއާ އެއްގޮތް ސައިން ލޭންގްއޭޖެއް ނޫނެވެ. މި މީހުން ވާހަކަ ދެއްކުމުގައި ބޭނުންކުރަނީ މުޅިން ތަފާތު ގޮތް ތަކެކެވެ. އެހެންވެ މި ސައިން ލޭންގްއޭޖް އެ އަވަށުގެ މީހުން ނޫން އެހެން ބަޔަކަށް ނޭނގެ އެވެ.

އެހެންވެ މި އަވަށަށް ޒިޔާރަތްކުރަން ފަތުރުވެރިންނާއި އެނޫންވެސް މީހުން ވަރަށް ފަސްޖެހެ އެވެ. އަވަށުގައި ކަންފަތަށް އިވުމުން މަހްރޫމްވެފައިވާ މީހުން ގިނަ ކަމުން އެމީހުންނާ ވާހަކަ ދައްކާނެ ގޮތެއް ނޭނގޭތީ އެވެ.

މި އަވަށުގައި 3000 މީހުން ދިރިއުޅޭއިރު މީގެ ތެރެއިން ގިނަ ބަޔަކު ބީރުވެފައިވަނީ ޑީއެފްއެންބީ3 ކިޔާ ޑީއެންއޭ މިއުޓޭޝަން އެއްގެ ސަބަބުންނެވެ. މީގެ 700 އަހަރު ކުރިއްސުރެ މި އަވަށުގެ މީހުންގެ ހަށިގަނޑުގައި މި ޖީން ހުންނަ ކަމަށް ވެއެވެ. ނަމަވެސް އަވަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމީހުންނަށް މިކަން ދިމާވެގެން އުޅެނީ ކަލާންގެ ފޮނުއްވި ކޯފާއަކުންނެވެ.

އެ އަވަށުގެ މީހުން ޒަމާނުއްސުރެ ކިޔާ އުޅޭ އެއް ވާހަކައެއްގައި ބުނަނީ އެ އަވަށުގައި ވަރަށް މޮޅަށް ފަންޑިތަ ހަދާ ދެ މީހަކު ވަރަށް ކުރީ ޒަމާނެއްގައި އުޅުނު ކަމަށެވެ. އެ ދެ މީހުންގެ މެދުގައި ވަރަށް ވަރުގަދަ ހަނގުރާމައެއް ވެސް ކުރި ކަމަށެވެ. މި ހަނގުރާމައިގެ ތެރޭގައި އެކަކު އަނެކަކު ބީރުވުމަށް އެމީހުން ބަދު ދުއާ ކުރި ކަމަށާއި އަވަށުގެ މީހުންނަށް މިކަން ދިމާވީ މި މީހުން ކުރި ބަދު ދުއާގެ ސަބަބުން ކަމަށެވެ.