ބަނގުރާ ކައްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ތަކެއްޗާއެކު ގއ. ކަނޑުުޅުދޫން ބަޔަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ.
އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ގއ.ކަނޑުހުޅުދޫ ގެއެއްގެ ތެރޭގައި ބަޔަކު ރާ ކައްކާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމީހުން ހޯދަން ހިންގި އޮޕަރޭޝަންގައި އެމީހުން ހައްޔަރުކޮށްފައި ވަނީ ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި ގއ.ކަނޑުހުޅުދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުހުޅުދޫ ގެއެއްގެ ތެރޭގައި ބަގުރާ ކައްކަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ. އެއީ 40 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ތިން މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގު ކުރަން 40 އަހަރުގެ މީހާއަށް 15 ދުވަސް، 19 އަހަރުގެ މީހާއަށް 10 ދުވަސް އަދި 33 އަހަރުގެ މީހާއަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.
މިމައްސަލަ ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.