ދީން

މަހާނަ ގައު ޖެހުމާއި ކައްވަޅުގެ ހުކުމްތައް

މަހާނަ ގައު ޖެހުމާއި މާހަނަ މަތީ ބިސްތާނަ ކޮށިގަނޑެއް ހެދުމާއި، އަދިވެސް އެނޫން ގޮތްގޮތުން މަހާނަގަލާއި ގަބުރުގެ ވަށައިގެން ޒީނަތްތެރިކޮށް އުޅުމަކީ ދިވެހީންގެ ތެރޭގައި ކާބަފައިންގެ ޒަމާނުއްސުރެން ކޮށްއުޅުނު ކަމެއްކަން ދިވެހި ތާރީޚާއާއި އާސާރުތަކުން ފެންނާން އެބަހުއްޓެވެ. މިއާދަ ކެނޑިގެންގޮސްފައިވަނީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، އެކަމަކީ ދީނީ ގޮތުން ކިހާވަރެއްގެ ކަމެއްކަން މީސްތަކުންނަށް އެނގުމުންނެވެ. ނަމަވެސް މިއަދު އަނެއްކާވެސް މަހާނަ ގައު ޒީނަތްތެރި ކުރުމައި، ގަބުރުގެ ވަށައިގެން ކޮށިގަނޑު ރާނާ ހެދުންފަދަ ކަންތައްތައް ވަނީ އިތުރުވެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ވީޑިއޯ ކޮޅެއްގެ ސަބަބުން ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. އެއީ މާލޭ ހުކުރު މިސްކިތް ކަމަށް ބެލެވޭ، މިސްކިތެއްގައި ހުރި މަހާނަތަކެއްގެ މައްޗަށް ބަޔަކު އަރައި، އެ މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގައުތައް ސާފުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

ހިތާމަޔައެކު ފާހަގަ ކޮށްލަންޖެހެނީ އެ ވީޑިޔޯގައި ފެންނަ މަންޒަރުތަކުގެ ތެރޭގައި، މަހާނަ ގައުތަށް މަރާމާތު ކުރުމާއި ސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ މީހުން ތިބީ އެ މަހާނަތަކުގެ މައްޗަށް އަރައެވެ. އަނެއް ބަޔަކު ތިބީ މަހާނަމަތީ އިށީދެގެންނެވެ. މީގެ އިތުރުންވެސް، މާލޭ އާސަހަރާގައި ހުރި ބައެއް މަހާނަތަކުގައި މަހާނަ ގައު ޖަހައި، ބިސްތާނަ ހަދާފައިވާ މަންޒަރުތަކެއްވެސް ސޯޝަލް މީޑިޔާއިން ފެނިގެން ދިޔައެވެ. ކަން މިހެން އޮތުމާއެކު، މަހާނައާއި ގަބުރުސްތާނާ ގުޅޭ ދީނީ ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދިނުމަކީ ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކެމެވެ.

މާތްވެގެންވާ އިސްލާމް ދީނުގައިވަނީ އިންސާނާ ޙުރުމަތްތެރި ކުރައްވާފައެވެ. އެގޮތުން މަރުވެ ގޮސްފައިވާ މީހުންނަށް ފުރައްސާރަކޮށް ބަދުބަސް ބުނެ ނުހެދުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. «لاَ تَسُبُّوا الأَمْوَاتَ، فَإِنَّهُمْ قَدْ أَفْضَوْا إِلَى مَا قَدَّمُوا» رواه البخاري މާނައީ: " މަރުވެފައިވާ މީހުންނަށް ތިޔަބައިމީހުން ފުރައްސާރަކޮށް ނަހަދާށެވެ. އެހެނީ އެބައިމީހުން އެވަނީ އެމީހުން ކޮށް އުޅުނު ޢަމަލުތަކާ ބައްދަލުވުމަށް ގޮސްފައެވެ."

މައްޔިތުންގެ ކަށި ބިންދައި ހެދުންވެސް ވަނީ ނަހީކުރައްވާފައެވެ. މުއުމިނު އަޅަކު ދިރިހުރިއިރު އޭނާއަށް ލިބިގެންވާ ޙުރުމަތްތެރިކަން އޭނާ މަރުވުމަށްފަހުގައިވެސްވަނީ ލައްވާފައެވެ. އެގޮތުން ދިރިހުއްޓާ މީހަކަށް ގެންލުންދިނުން މަނާކުރައްވާފައިވާ ފަދައިން މަރުވުމަށްފަހުގައިވެސް މައްޔިތާގެ ހަށިގަނޑަށް ގެއްލުންދީ ހެދުމަކީ މަނާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "كَسْرُ عَظْمِ الْمَيِّتِ كَكَسْرِ عَظْمِ الْحَيِّ فِي الْإِثْمِ" رواه ابن ماجه މާނައީ: "މައްޔިތެއްގެ ކަށިގަނޑެއް ބިންދައިލުމަކީ އޭނާ ދިރިހުއްޓައި އޭނާގެ ގައިން ކަށިގަނޑެއް ބިންދާލުމާއި ފާފައިގެ ގޮތުން އެއްވަރުގެ ކަމެކެވެ."

ކަށްވަޅަކީ އާޚިރަތުގެ މަންޒިލުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލެވެ. އާޚިރަތުގައި ކުރިމަތިވާ ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަ ލައިގަންނަ ކަންތަކެވެ. ކަށްވަޅުގައި ކުރިމަތިވާ ކަންކަމުން ނަޖާވެ ސަލާމަތްވެއްޖެ މީހާއަށް އެއަށް ފަހުގައި ކުރިމަތިވާ، ޤިޔާމަތުގެ ކަންތައްތައް ލުއިވެގެންވެއެވެ.

ކަށްވަޅުގައި ނަޖާ ނުވެއްޖެ މީހާއަށް އެއަށްފަހުގައި ކުރިމަތިވެގެންދާ ކަންތައްތަކުގެ ބިރުވެރިކަން އަދި މާބޮޑެވެ. ހަމައެފަދައިން އެ ކައްވަޅުތަކަކީ ނުވަތަ ޤަބުރުތަކަކީ އަނދިރިކަމުން ފުރިގެންވާ ތަނެއްކަމާއި، ދިރިތިބީންގެ ދުޢާތަކުން އެކަށްވަޅުގެ އަހުލުވެރީންނަށް ކަށްވަޅުތައް އަލިކޮށްދެއްވާކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކަށްވަޅުގެ ޙުކުމްތަކުގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ، މަހާނަ މައްޗަށް އަރާހެދުމާއި، މަހާނަ މަތީ އިށީދެ އިނުމާއި، މަހާނައަށް ނުވަތަ ޤަބުރަށްވާ ގޮތަށް ނަމާދު ކުރުން ނަހީކުރެއްވިގެން ވުމެވެ.ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «لَا تَجْلِسُوا عَلَى الْقُبُورِ، وَلَا تُصَلُّوا إِلَيْهَا» رواه مسلم މާނައީ: "ތިޔަބައިމީހުން މަހާނަ މަތީގައި އިށީދެ ނުހަދާށެވެ. އަދި މަހާނައަށް (ޤަބުރާ ދިމާލަށް) ނަމާދު ނުކުރާށެވެ."

މަހާނަ ނުވަތަ ޤަބުރާ ދިމާލަށް ނަމާދު ކުރުން ނަހީކުރެއްވުމުގެ ޙިކުމަތަކީ އެއީ އަޅުކަންކުރެވޭ ތަންތަނަށް ބަދަލުވެގެން ދިޔަ ނުދިނުމަށްޓަކައެވެ. އެހެނީ ކުރީގެ އުއްމަތްތަކުގެ މީހުން އެބައިމީހުންގެ ނަބިއްޔުންނާއި، އަދި މާތް ޞާލިޙުންގެ ގަބުރުތަކަކީ އަޅުކަންކުރާ ތަންތަންކަމުގެ ހެދިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «لَعَنَ اللهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» رواه البخاري ومسلم މާނައީ: "މާތް ﷲ ޔަހޫދީންނާއި ނަޞާރާއިންނަށް ލަޢްނަތް ލައްވާށިއެވެ! އެބައިމީހުންގެ ނަބިއްޔުންގެ މަހާނަތަކަކީ (ޤަބުރުތަކަކީ) އަޅުކަންކުރެވޭ ތަންތަން ކަމުގައި އެބައިމީހުންވަނީ ހަދާފައެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم އަވަހާރަވެވަޑައިގަތުމުގެ ފަސް ދުވަސް ކުރިން، ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އޮންނަވައި ޙަދީޘް ކުރެއްވިއެވެ. « أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، إِنِّي أَنْهَاكُمْ عَنْ ذَلِكَ» رواه مسلم މާނައީ: "ދަންނާށެވެ! ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުން އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބިއްޔުންނާއި، އެމީހުންގެ ތެރޭގައިވި ޞާލިޙު އަޅުތަކުންގެ މަހާނަތައް (ޤަބުރުތައް) އަޅުކަންކުރާ ތަންތަން ކަމުގައި އެމީހުން ހެދިއެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމުއެވެ." މި ސަބަބައްޓަކައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަހާނަ މިއަދާއި ހަމައަށްވެސްވަނީ މީސްތަކުންނަށް އެއާ ކައިރި ނުވެވޭނޭހެން ފޮރުވާ ބަންދުކުރެވިފައެވެ.

މުސްލިމުންގެ ތެރެއިންވެސް ޚުރާފާތާއި ބިދުޢަތަކަށް ތަބާ އެތައް ބަޔަކު މަހާނައަށް ނުވަތަ ގަބުރަށް އަޅުކަންކޮށް، ދުޢާކޮށް، ނަދުރުބުނެ، މަހާނަ ވަށައިގެން ތޮވާފުކޮށް ހަދައެވެ. މާތް ﷲގެ ރަޙުމަތުން، އަޅުގަނޑުމެންގެ ރާއްޖޭގައި ގަބުރަށް އަޅުކަންކޮށް، ނަދުރުބުނެ، ދުޢާކޮށް ހެދުން ނެތިގެން ގޮސްފައި ވިއެއްކަމަކު، އަދުގެ ދުނިޔޭގައިވެސް އެތަކެއް މުސްލިމުން މިފަދަ ޝިރުކުގެ ޢަމަލުތައް ހިންގަމުންދާކަމީ ހިތާމަހުރި ކަމެކެވެ.

މިފަދަ ޙުކުމްތަކުގެ ތެރެއިން ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، މަހާނަމަތީ ބިނާ ހެދުމާއި، މަހާނަ ގައު ޖަހާހެދުންވެސް ނަހީކުރެއްވިގެންވާ ކަމެވެ. ޖާބިރު رضي الله عنه ވިދާޅުވިއެވެ. «نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ» رواه مسلم މާނައީ: "މަހާނަ (ޤަބުރު) މަތީގައި ސިމެންތިޖަހައި ޒީނަތްތެރިކުރުމާއި، މަހާނަ މަތީ އިށީނުމާއި، މަހާނަ މަތީ ބިނާކޮށް ހެނދުން، ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ."

ތާބިޢީ ބޭކަލެއް ކަމުގައިވާ އަބުލްޙައްޔާނު އަށް ޢަލީގެފާނު رضي الله عنه ވިދާޅުވިއެވެ. "ރަސޫލު ﷲ صلى الله عليه وسلم އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވި ކަމެއް ކުރެއްވުމަށް ކަލޭގެފާނު ފޮނުއްވަމުތޯއެވެ؟ އެއީ، އެއްވެސް ބުދެއް ފެނިއްޖެނަމަ ތަޅައި ސުންނާފަތި ކުރުމަށާއި، މަހާނަމަތީ އުސްކޮށް ބިނާކޮށްފައިވަނިކޮށް ފެނިއްޖެނަމަ، އެ ތަން ބިމާ ހަމަކުރުމަށެވެ." ރިވާކުރެއްވީ އަލްއިމާމު މުސްލިމް އެވެ.
މަހާނަ މަތީގައި ކައިވަތަކަށްވުރެ އުސްކޮށް އެއްވެސް އެއްޗެއް ބެހެއްޓުމަކީ ނުވަތަ ބިނާކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އެ ތަނަކީ މަހާނައެއްކަން އެންގުމަށް ކައިވަތެއް ނުވަތަ އެއަށްވުރެ ތިރިކޮށް ގަލެއް ބޭއްވުމާއި، ފާހަގަވާނޭ ގޮތެއް ހެދުމަކީ ހުއްދަކަމެކެވެ. ވީމާ، އަތްކަން ކޮށް، ކުރަހާ، ގަލުވަޑާކޮށްފައި ހުންނަ އަގުބޮޑު މަހާނަގައު ޖެހުމަކީ މި މާތް ދީން ހުއްދަ ކުރާކަމެއް ނޫނެވެ. އަދި އެއީ އެ މަހާނައިގައިވާ މީހާއަށް އެއިން އެއްވެސް މަންފާއެއް ކުރާނޭ ކަމެއްވެސް ނޫނެވެ. އޭގެ އިތުރުން ދިރިތިބީންނަށް އޮތީ އެ މައްޔިތާއަށް ހެޔޮ ދުޢާކޮށްދިނުމެވެ. އަދި މަރަކީ ކޮންމެ މީހަކުވެސް އޭގެ ރަހަ ދެކޭނޭ އެއްޗެކަންދަނެ މަރަށް ތައްޔާރުވެ ހެޔޮ ޢަމަލު ކުރުމެވެ.