ވަގުތާއި ހާލަތަށް ބަލައި ރާއްޖެއިން މި އަހަރު މީހުން ހައްޖަށް ގެންދަން އަމިއްލަ ހައްޖު ގުރޫޕް ތަކަށް ފުރުސަތު ނުދޭން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެ މިނިސްޓްރީން ބުރާސްފަތި ދުވަހު މި ނިންމުން އާންމު ކޮށްފައިވާއިރު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމުގެ ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެފައިވާތީ މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ގުރޫޕްތަކަށް އެ ފުރުސަތު ދެވެން ނެތީ އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ފޮނުވަން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރު ހުޅުވާ ނުލަނީ ވެސް ސައުދީ ހައްޖު މިނިސްޓްރީން ރާއްޖެއަށް ދޫކުރާ ކޯޓާގެ އަދަދު ރަސްމީކޮށް އަންގާފައި ނުވާތީ އެވެ. ކޯޓާގެ އަދަދު ސާފު ކުރަން ސައުދީގެ ހައްޖު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސިޓީގައި ރާއްޖެއަށް ކޯޓާ ލިބޭނެ އަދަދާއި ހައްޖުވެރިން އަމަލު ކުރަން ޖެހޭ އުސޫލާއި މިންގަނޑުތައް ސާފު ކޮށްދިނުމަށް އެދިފައި ވާނެ. ރަސްމީ ސިފައެއްގައި އަދި ޖަވާބެއް ނުލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ރާއްޖެއަށް ދޭ ކޯޓާ ޔަގީންވުމުން އެ ހުރިހާ ކޯޓާ ވެސް ދޭން ނިންމާފައި ވަނީ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުނި، ހައްޖު ކޯޕަރޭޝަނަށެވެ.
މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން އަމިއްލަ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ބައެއް ކުންފުނިން ބުނި ގޮތުގައި ހާލަތަށް ބަލާފައި ކަމަށް ބުނެ އަމިއްލަ ކުންފުނިތަކަށް ހައްޖު ކޯޓާ ނުދޭން ނިންމި ހަރުދަނާ ސަބަބެއް ނެތެވެ. އަދި އެއީ މިނިސްޓްރީން ކޮށްގެން ވާނެ ކަމެއް ނޫނެވެ.
"ފުރަތަމަ ކަމަކަށް މިވަރުގެ ކަމެއް ނިންމާއިރު ކުންފުނިތަކާ ކޮންމެ ވެސް މަޝްވަރާއެއް ކޮށްލުން ވެސް ރަނގަޅު ނޫންތޯ؟ ރާއްޖެ މިހާ ހަމައަށް މި އައީ އަމިއްލަ ޖަމާއަތްތަކުން ދިވެހިން ހައްޖާއި އުމްރާއަށް ގެންގޮސްދީގެން. އެތައް އަހަރެއްވީ ތަޖުރިބާކާރު ކުންފުނިތައް އެބަހުރި. އެހެންވީއިރު މިފަހަރު ހުއްދަ ދޭނީ ސަރުކާރު ކުންފުންޏަށް އެކަނި ކަމަށް ބުނަން ވާނީ ކޮންމެވެސް ހަރުދަނާ ސަބަބެއް އޮވެގެން. އެ ސަބަބެއް ނުބުނެވޭ،" ހައްޖާއި އުމްރާއަށް ދިވެހިން ގެންގޮސްދޭތާ އަހަރުތަކެއްވީ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.
އަވަސްއާ ވާހަކަ ދެއްކި އެހެން ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި މިނިސްޓްރީގެ ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި މިފަދަ ހާލަތެއްގައި އެފަދަ ނިންމުމެއް ނިންމުމަކީ ހައްޖާއި އުމްރާއަށް މީހުން ގެންދާ އަމިއްލަ ކުންފުނިތައް ނިކަމެތި ކުރުމެކެވެ.
"ސައުދީން ހުއްދަ ދީފިނަމަ އަޅުގަނޑުމެންނަށް ނެތް ވަކި ފަސޭހައެއް ސަރުކާރު ކުންފުންޏަކަށް ނުލިބޭނެ. އެހެންވީމަ އަޅުގަނޑުމެންނަށް ހުއްދަ ނުދޭންވީ ސަބަބެއް ނެތް. އަނެއް ކޮޅުން މިދިޔަ އަހަރުގެ އޭޕްރީލުން ފެށިގެން ހުރިހާ ކުންފުނިތަކުގެ މަސައްކަތް މި ވަނީ ހުއްޓިފައި. އަޅުގަނޑުމެންނަކީ އޮފީސް ހަދައިގެން އެ ކަމަށް ތަންތަން ކުއްޔަށް ނަގައިގެން މަަސައްކަތް ކުރާ މީހުން. މިހާތަނަށް ޖަމާއަތްތަކުގެ ހާލަތެއް ވެސް ބަލާ ނުލާ އަދި ޖަމާއަތްތަކަށް އެއްވެސް އެހީތެރިކަމެއް ނުދީ މި ނިންމަނީ ފުރުސަތު ވެސް ނުދޭން. މިއީ ކޮންފަދަ ބޭއިންސާފެއް،"
ބައެއް ޖަމާއަތްތަކުން ބުނި ގޮތުގައި ހައްޖާއި އުމްރާގެ ދަތުރުތައް ހުއްޓި އާމްދަނީ ލިބުން މެދުކެނޑުމާއި ގުޅިގެން ކުންފުނިތަކަށް ވަނީ މާލީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެކަމާއި ގުޅިގެން ބައެއް ޖަމާއަތްތަކަށް ވަނީ ކުއްޔަށް ހިފާފައިވާ އޮފީސް ވެސް ދޫކޮށްލަން ޖެހޭ ހިސާބުގަ އެވެ. އެހެން ކަމުން ހައްޖާއި އުމްރާއަށްދާން ކިތަންމަ ހަނި ފުުރުސަތެއް ލިބުނަސް ޝަރުތު ހަމަވާ ކުންފުނިތަކަށް ހަމަހަމަ ކޮށް އެ ފުރުސަތު ދޭން ޖެހެ އެވެ.
"އަޅުގަނޑުމެންގެ ހުށައެޅުމަކީ ކުރީ އަހަރުތަކާ އެއްވަރަށް މިފަހަރު 1000 ކޯޓާ ލިބުނަސް ހުރިހާ ޖަމާއަތްތަކަށް ހަމަހަކޮށް ބަހާލުން. ޖަމާއަތަކަށް 100 ނަމަވެސް އަދި 50 ކޯޓާ ވިޔަސް ހަމަހަމަކޮށް ދިނުން. އެއީ މި ޖަމާއަތްތައް ބަނގުރޫޓް ނުވެ ދެމި އޮތުމަށް މުހިންމު ކަމެއް،"
ޖަމާއަތްތަކުން ބުނަނީ މިނިސްޓްރީގެ ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގައި ރަސްމީކޮށް ޝަކުވާ ކޮށްފައިވާ ކަމަށެވެ. އެ ޝަކުވާތަކާއި ގުޅިގެން ހައްޖު ކޯޕަރޭޝަނަށް ފުރުސަތު ދެނީ އެތައް ބަޔަކު އެ ޖަމާއަތަށް ފައިސާ ދައްކާފައި ހުރުމުން ކަމަށް މިނިސްޓްރީން ބުނާ ކަަމަށެވެ. ނަމަވެސް އެއީ ހަމައެކަނި އެ ކޯޕަރޭޝަނަށް ހައްޖު ކޯޓާތައް ދޭންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ފައިސާ ނުނަގަނީ ހުއްދަ ނޯންނާތީ. ކޯޕަރޭޝަނުން އެކަން ކުރަނީ ހުއްދަ އޮންނާތީ. އަޅުގަނޑުމެންނާއެކު އުމްރާއާއި ހައްޖަށްދާން ވެސް އެތައް ބަޔަކު ރަޖިސްޓްރީ ކޮށްފައި އެބަހުރި. އެހެންވީމަ އެއީ އެއްވެސް ސަބަބެއް ނޫން،"
އެެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އެ މައްސަލާގައި އަމަލު ކުރެވިދާނެ އެހެން ގޮތެއް އެބައޮތެވެ. އެއީ ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެ ފައިސާ ދައްކާފައިވާ މީހުން ޖަމާއަތްތަކަށް ބަހާލައިގެން ހައްޖަށް ގެންދިއުމެވެ. އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް މިފަހަރު ފުރުސަތު ލިބެނީ 1000 މީހުންނަށް. ހިންގަވާ 10 ޖަމާއަތަށް ހުއްދަ ދޭން. ކޮންމެ ޖަމާއަތަަކަށް 100 މީހުން. ނޫނީ 20 ޖަމާއަތަށް ކޮންމެ ޖަމާއަތަކަށް 50 ޖާގަ. އެންމެންވެސް ގެންދާނީ ކޯޕަރޭޝަންގެ ދަފްރަތުގައި ތިބި މީހުން. އެ ފައިސާ ޖަމާއަތްތަކަށް ދިނުމުން އިންތިޒާމު ހަމަޖައްސާނެ. ކީއްވެތޯ އެކަން ނުކުރެވޭނީ،"
އޭނާ ވިދާޅުވި ގޮތުގައި އޭރުން އިންތިޒާމްތައް ވެސް ރަނގަޅު ވާނެ އެވެ. އަދި ހައްޖުވެރިންނަށް ލުއިވެފައި ފަސޭހަވާނެ އެވެ.
"އޭރުން ދެތިން ޖަމާއަތުން ވެގެން ފްލައިޓް ޗާޓާ ކުރާނެ. އަޅުގަނޑުގެ ވާހަކައަކީ މި ހާލަތުގައި މަސައްކަތް ހުއްޓިފައި ވަނިކޮށް ޖަމާއަތްތައް އަލުން ކޮޅަށް ޖެހޭނެ ގޮތަށޭ ކަންކަން ކުރަންވާނީ. މިނިސްޓްރީން ކަނޑައަޅަންވީ އަގު. މިނިސްޓްރީން ކަނޑައަޅަންވީ އުސޫލު. ކަންކަން ކުރަންވީ ގޮތް. އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނެ،"
މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއިން އުމްރާއަށް ދިޔަ މީހުންގެ ފަހުން އިތުރު ބަޔަކު އަދި އުމްރާއަށް ގޮސްފައެއް ނުވެއެވެ. ކޮވިޑާ ގުޅިގެން 2020 ގައި އުމްރާއަށް ދެވިފައިވަނީވެސް ދެ ޖަމާއަތެއްގެ މީހުންނަށް އެކަންޏެވެ.