ދީން

އަހަރެންގެ ފުރަތަމަ ހައްޖު: އުފަލާއި ހިތްހަމަޖެހުން އިންތިހާއަށް

އަބޫހުރައިރާ رضي الله عنه ރިވާކުރެއްވި އެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީީޘްކުރެއްވި އެވެ.

މާތް اللَّهގެ ރުއްސެވުން ލިބިގަތުމަށްޓަކައި ޙައްޖުގެ އަޅުކަން އަދާކުރާ މީހާ (އޭނާގެ އަނބިމީހާއާ އެއްދާން ނުކޮށް އަދި މުންކަރާތްތައް ދޫކޮށް ފާފައެއް ނުކުރާ މީހާ) ދަންނާށެވެ. އެމީހަކު ހައްޖަށް ފަހު އެނބުރި އަންނާނީ އަލަށް އުފަންވި ފަދައިން -- ފާފައެއް ނެތް މީހެއް ގޮތުގަ އެވެ. (ބުޚާރީ 1521)

މަބްރޫރު ހައްޖެއް ލިބުމަށް އެދޭ މީހާ ނިޔަތަށްފަހު އުއްމީދުކުރަންވީ މި ޙަދީޘްގައި އޮތް ގޮތަށް އަމަލުތައް ބެހެއްޓުމަށެވެ.

މުސްލިމަކަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުމަކީ މާތް اللَّه ދެއްވާ ބޮޑު އަދި މަތިވެރި ނިއުމަތެކެވެ.

ޙައްޖުގެ އަޅުކަމަށްފަހު މި ނިއުމަތުގެ ބޮޑުކަމާއި އުފާވެރިކަން އެތައް ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. މިއީ އެފަދަ ލިޔުމެކެވެ.

އޭނާގެ ފުރަތަމަ ހައްޖަށް ފަހު މީހަކު ލިޔުނެވެ.

ދަނގަޑު ސާފުކުރާ މަރުހަލާގައި އަލިފާނަށް ލައި އަނގުރަށް ވަންދެން އަންދަ އެވެ. އަދި ދަގަނޑުގަނޑުން އަލި ފާޅުވާ ވަރަށް ދޮންވުމުން ނަގައި އެކަތަގަނޑެއްގެ މަތީގައި ބާއްވައި އެކަތަ މުގުރަކުން ތަޅަ އެވެ.

މިގޮތުގައި އެ ދަގަނޑުގަނޑެއްގައި ހުރި ނަމަ ހުރި ދަގުޔެއް އެއިން ވަކިވެދެ އެވެ. އަދި އެއަށް ފަހުވެސް ދަގަނޑުގަނޑު އަލިފާނަށް ލައި ދެވަނަ ފަހަރަށް އަނގުރަށް ވަންދެން އަންދަ އެވެ. އެއީ އޭގައި އިތުރު ދަގުޔެއް ހުރި ނަމަ ބޭރުކުރުމަށެވެ.

ހައްޖަކީ މިކަހަލަ ކަމެކެވެ. އިތުރަށް ކުރާނެ އެންމެ ލަފުޒެއްވެސް ނެތެވެ. ފޭލިގެތަކުގައި އަދި ގަދައަވީގައި ހޭދަކުރަން ޖެހޭ ފަސް ދުވަަހުގެ މިސާލަކީ، ދަގަނޑު ސާފުކުރުމުގެ މިސާލެވެ.

ހައްޖަކީ މުސްލިމެއްގެ އެތެރެ އާއި ބޭރު ސާފުކޮށްދޭ އަޅުކަމެކެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިސްވެ ގޮސްފައިވާ ޖީލުތަކުން އުފުލި ވޭނާއި ތަކުލީފް މި ޒަމާނުގެ މީހުންނަށް އިހުސާސެއް ނުކުރެވޭނެ އެވެ.

މައްކާއަށް ދިއުމަށްޓަކައި އަހަރެއްހާ ދުވަސް ކުރިން ދަތުރު ފަށަ އެވެ. ކަނޑުމަގުން އަދި އެއްގަމު މަގުންނެވެ. ރޯދަމަސް ފާއިތު ވަނީ ދަތުރުމަތީގަ އެވެ. މައްކާއަށް ފޯރުމުގެ ކުރިން ބައެއް މީހުން މި ދުނިޔެ ދޫކުރެ އެވެ.

ކާބަފައިން ދިލަ ހޫނުގައި ގާތަކުގެ މަތީގައި ތަވާފުކުރި އެވެ. އަރަފާތު ދުވަހު ގައިން ހިއްލާ ދަލުން އާވިއަރަ އެވެ. ކަނދުރާ ބިނދޭ ވަރުމުންވެސް ބޯ ތިރިކޮށްލަން ލިބެނީ ގާބުރި އެކެވެ. ނުވަތަ މޫގަނޑެކެވެ.

ހައްޖަށްފަހު އެނބުރި ގައުމަށް ނުދެވި ސަހަރާތަކުގައި އެތައް ބަޔަކު ވަޅުލަ އެވެ. ކަނޑުމަތީގައި މަރުވެއްޖެނަމަ ކަނޑުފައްތަނީ އެވެ.

ހައްޖުގެ އަޅުކަމުގައި އަޅުގަނޑުމެން މިއަދު އުފުލަނީ ކޮން ބުރައެއްތޯ އެވެ.

އަޅުގަނޑުމެންނަކަށް ބުރައެއް އަދި ތަކުލީފެއް ނެތެވެ. އަޅުގަނޑުމެންނަށް ހައްޖު ބުރަ ކަމަކަށް ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުންނެވެ.

އަޅުގަނޑުގެ ހަޔާތުގައި އެންމެ ފުރަތަމަ ފޭލިގެއެއްގައި ހޭދަކުރީ މިނާގައި ޛުލްޚިއްޖާ މަހު ހަތްވަނަ ދުވަހު އެވެ. ފޭލިގެތައް ހުރީ އޭސީކޮށްފަ އެވެ. އެކަމަކުވެސް އެ ވަރަކުން ނުފުދެ އެވެ.

އަޅުގަނޑުގެ ހުރިހާ އެއްޗެއް އާދައިގެ އަތްދަބަހަކަށް ފަސޭހަކަމާ އެކު ލެވެ އެވެ. ނިދަން ލިބުނު ގޮދަޑި ވަނީ ސިންގަލް ގޮދަޑިއެއްގެ ދެބައިކުޅަ އެއްބައި ވަރެވެ. ބާލީސް ވަނީ ސޯފާ ކުޝަނެއް ވަރެވެ.

ކާން ހުރި ތަކެތި ރަނގަޅެވެ. އެކަމަކު ފޯނު ޗާޖުކުރެވޭނެ ގޮތެއް ނުވި އެވެ. ވަރަށް ފޫހިވި އެވެ. އެކަމަކު އެ ފޫހިކަން އުފާވެރިކަމަށް ބަދަލުވެގެން ދިޔަގޮތް ދުވަހަކުވެސް ހަނދާންނުން ނުނެތޭނެ އެވެ.

ޤުރުއާން ކިޔަވައި ޒިކުރުކުރަން ވަރަށް ގިނަ ވަގުތު ލިބުނެވެ. ޤުރުއާން ކިޔެވުމުގައި މަސްއޫލުވި ވަރަކަށް ދުނިޔޭގެ ފަސޭހަަތަކަށް އޮތް ހާޖަތު ނެތެމުން ދިޔަ އެވެ. ހަށިގަނޑަށް ކުރިންވީ ހޫނު ފިލައި، ފިނިވާން ފެށީ ހިތަށެވެ.

އަޅުގަނޑަށް ހައްޖުގެ މަރުހަލާތަކުގައި ވަރަށް ގިނަ ކަންތައްތަކާ ވިސްނަން މަޖުބޫރުވި އެވެ. ކުރާނެ އިތުރު އެއްވެސް ކަމެއް ނެތެވެ. މޫނުމަތީގައި ހުރަަސްކަނޑާނެ ޓީވީއެއް، ސްކްރީނެއް ނެތެވެ. ގައިގައި ލެނގޭނެ ރައްޓެއްސަކުވެސް ނެތެވެ.

އަރަފާތު ދުވަހުގެ މަތިވެރިކަން ހޯދުމަށް އެއްވެ ތިބި މީހުން ފެނިފައި ހިތަށް އެރި އެވެ. އަޅުގަނޑެކޭ އެއްފަދައިން މިތިބީ އެއް ބޭނުމަކު އައިސް ތިބިހާ މީހުންނެވެ. މާތް ﷲގެ ރުއްސެވުމާ ފުއްސެވުން ލިބިގަތުމަށެވެ.

ޙައްޖަށް ފަހު މައްކާ ދޫކޮށް ގައުމަށް އަންނަ ހިތެއް ނުވި އެވެ. މަޖުބޫރުން އައީ އެވެ. އެއަށް ފަހު އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެ އެވެ. އަދިވެސް މައްކާއަށް ދަމާބާރު އަޅުގަނޑަށް އިހުސާސްކުރެވެ އެވެ.

ޙައްޖަކީ ކޮންފަދަ މަތިވިވެރި މާތް އަޅުކަމެއް ހެއްޔެވެ.