ލައިފްސްޓައިލް

ސިކުނޑި ހަަމަނުޖެހޭ މީހަކު ބަނދެފައި އަށް އަހަރު!

ރުޅި ގަދަ ކަމުން މައިންބަފައިންނަށް ގެންގުޅެވޭނެ ގޮތެއް ނެތިގެން ގަހެއްގައި ބަނދެފައި އަށް އަހަރު ވަންދެން ބަހައްޓާފައި ހުރި ޒުވާން ފިރިހެނަކު ސަލާމާތް ކުރެވޭނެ ގޮތް ވެއްޖެ އެވެ.

އިންޑިޔާގެ ގުޖްރާތުގެ ބޮޓާޑް ޑިސްޓްރިކްޓްގެ ސަރްވާ އަވަށުގައި ދިރިއުޅޭ 22 އަހަރުގެ މި ޒުވާން ފިރިހެންމީހާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ގަހެއްގައި ޗޭނު ޖަހާ ބަނދެފައި ބަހައްޓައިގެނެވެ. މަހޭޝް އޯލަކިޔާ ނަމަކަށް ކިޔާ މި މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ ސޯޝަލް އެކްޓިވިސްޓެކެވެ. އޭނާއަށް މަހޭޝްގެ ޚަބަރު ލިބިގެން އަވަށަށް ގޮސް އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެހެން މީހުންނެކޭ އެއްގޮތަށް ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު މިމީހާއަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް މިހާރު އުންމީދު ކުރެވޭ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

މަހޭޝްގެ މައިންބަފައިންނަކީ ސަރްވާ އަވަށުގައި އުޅޭ އެންމެ ފަގީރު މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ފަން ޖިފުޓިއެއްގައި ދިރިއުޅޭ މި އާއިލާ އަށް ބަނޑުފުރާނަ މުއްތިކުރެވޭ ވަރަށް ވެސް ފައިސާ ނުލިބެ އެވެ. މިހާ ފަގީރު ހާލުގައި އުޅެނިކޮށް ދަރިފުޅު ރުޅިގަދަކޮށް މީހުންނަށާއި އެއްޗިއްސަށް ގެއްލުން ދޭން ފެށުމުން ގަހެއްގައި ޗޭނު ޖެހުން ނޫން އެހެން ގޮތެއް އެމީހުންނަށް ނެތުނީކަމަށް މަހޭޝްގެ ބައްޕަ ޕްރަގްޖީ ބުނެފައި ވެއެވެ.

ޕްރަގްޖީ ބުނި ގޮތުގައި އޭނާގެ ފިރިހެންދަރިފުޅަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެކެވެ. އެހެންވެ އޭނާ ދޫކޮށްލައިފިނަމަ މީހުންނަށާއި އެއްޗިސަށް ގެއްލުންދީ އެންމެންނަށް އުނދަގޫ ކުރާނެ އެވެ. އަދި ގަހުގައި ބަނދެފައި ހުންނައިރު ވެސް އޭނާ އާ ކައިރިވާ ކޮންމެ މީހަކާ ދިމާލަށް ހިލަ އުކާނެ އެވެ. އެހެންވެ އެއްވެސް މީހަކަށް އޭނާއާ ކައިރިވާކަށް ނުކެރެ އެވެ. އަދި އެމީހުންގެ ފަގީރު ކަމުން މަހޭޝް އަށް ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ޕްރަގްޖީ ބުންޏެވެ.

ސޯޝަލް އެކްޓިވިސްޓް ނިތިން ޖާނީ އަށް މި އާއިލާގެ ހާލަތު އެނގިގެން އަވަށަށް ގޮސް އެމީހުންނާ ބައްދަލުކުރި އެވެ. ކާޖޫބާއީގެ ނަމުގައި ނިތިން އަމިއްލަ ޔޫޓިއުބު ޗެނަލެއް ހިންގަ އެވެ. މި ޗެނަލުން މައުލޫމާތު ފަތުރަމުން އޭނާ ބުނި ގޮތުގައި މަހޭޝްގެ އާއިލާއަށް ޒިޔާރަތްކޮށް އަވަށުގެ ރަށްބޭރުގައި އެ އާއިލާއަށް ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރުގެ ގެއެއްވެސް އޭނާ ވަނީ ބިނާ ކޮށްދީފަ އެވެ.

އަދި މަހޭޝް އަށް ބޭނުންވާ ކާނާ އާއި ފެން އަދި ފަންކާ އާއި ހޮޅިބުރި ފަދަ ތަކެތި ވެސް އޭނާ ގަނެދީފައިވާ ކަމަށާއި މިހާރުވެސް މަހޭޝް އުޅެނީ ވަރަށް ރުޅިގަދަކޮށްލައިގެން ކަމަށް ވެސް ސޯޝަލް އެކްޓިވިސްޓް ބުނެފައި ވެއެވެ. އޭނާ އިތުރަށް ބުނީ ކުރިޔަށް އޮތް ދެ ދުވަހެއް ތެރޭ މަހޭޝް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ހަމަޖައްސާފައިވާ ކަމަށެވެ.