މީހެއްގެ މޫނަށް އުފާވެރިކަމުގެ ހިނިތުންވުމެއް ގެނެސްދެވިއްޖެނަމަ އެ ލިބޭ ހިތްހަމަޖެހުމާއި އުފަލަކީ ބަޔާންކުރަން ވެސް ދަތި އުފަލެކެވެ. ބޮލިވުޑް އެކްޓަރު ސޯނޫ ސޫދުގެ އެހީތެރިކަން އިންޑީއާ މީހުންނަށް ލިބުނީ ހަމައެކަނި ކޮވިޑް-19ގެ ޕެންޑެމިކް ތެރޭ އެކަންޏެއް ނޫނެވެ. މިހާރު ވެސް އޭނާގެ އެހީތެރިކަމަށް ބޭނުންވާ އެތައް ބަޔަކަށް ސޯނޫ ގެންދަނީ އެހީތެރިކަން ފޯރުކޮށްދީ އެމީހުންނަށް ލިބޭ ހިތްހަމަޖެހުމުން އުފާވެރިކަން ހޯދަމުންނެވެ.
އެގޮތުން އޭނާގެ އެހީތެރިކަން އެންމެ ފަހުން ފޯރުކޮށްދީފައިވަނީ ބިހާރުގައި ދިރިއުޅޭ 10 އަހަރުގެ އަންހެންކުއްޖަކަށެވެ. ސީމާ ނަމަކަށް ކިޔާ މި އަންހެންކުއްޖާގެ އެއްފައި ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިނގި އެކްސިޑެންޓަކަށް ފަހު ބުރިކޮށްލާފަ އެވެ. އެހެންވެ އޭނާ ކޮންމެ ދުވަހަކުވެސް ސްކޫލަށް ދަނީ އެއްފައިން ކޮރަމުންނެވެ. ސީމާގެ ގެއާއި ސްކޫލާ ދެމެދު އެއް ކިލޯމީޓަރުގެ ދުރު ރާސްތާއެއް އޮވެ އެވެ. ނަމަވެސް ސީމާ ހިތްވަރުކޮށްފައި ކޮންމެ ދުވަހަކުވެސް މިގޮތަށް ސްކޫލަށް ދެއެވެ.
ސީމާ އެއްފައިން ކޮރަމުން ސްކޫލަށް ދަނިކޮށް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި މީހަކު ޕޯސްޓްކުރި އެވެ. މި ޕޯސްޓް ސޯނޫ އަށް ފެނުމާއެކު ވަގުތުން މި ޕޯސްޓަށް ޖަވާބު ދިނެވެ. އަދި ސީމާ ކުރިން އެއްފައިން ހިނގި ނަމަވެސް ވަރަށް އަވަހަށް ދެ ފައިން ހިނގަން ފަށާނެ ކަމަށާއި ވަގުތުން ސީމާ އަށް ޓިކެޓް ފޮނުވައިގެން ގެނެސް ޕްރޮސްތެޓިކް ފަޔެއް ޖަހައިދިނުމުގެ މަސައްކަތް ކޮށްދޭނެކަމަށް ސޯނޫގެ ޓުވީޓުގައި ބުނެފައި ވެއެވެ.
ސޯނޫގެ މި ޓުވީޓާއެކު ގިނަ ބަޔަކު ވަނީ އޭނާގެ ދީލަތިކަމާއި އިހްސާންތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. ސޯނޫއަށް ވުރެ ފައިސާވެރި އެތައް ހާސް މަހުޖަނުން އިންޑިޔާގައި އުޅޭއިރު ސީމާ ކަހަލަ ތަކުލީފުގައި އުޅޭ މީހުންނަށް އަމިއްލަ އަށް ފެނިގެން އެހީތެރިވާ މީހުން މަދުން ނޫނީ ނުފެންނަ ކަން ކޮމެންޓު ކުރި މީހުން ވަނީ ފާހަގަ ކޮށްފަ އެވެ.