މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ވިއަވަތި ކޮންފަރެންސް ބޮއިކޮޓްކޮށްފި

May 28, 2022

ސަރުކާރުން އިންތިޒާމުކޮށްގެން އއ. އުކުޅަހުގައި ކުރިއަށް ގެންދާ ވިއަވަތި ކޮންފަރެންސް މާލޭ ސިޓީ ކައުންސިލުން ބޮއިކޮޓްކޮށްފި އެވެ.

މިއަދުން ފެށިގެން ތިން ދުވަހަށް މި ކޮންފަރެންސް ކުރިއަށް ގެންދަނީ ތިން ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސަކީ މާލެ ހިމެނޭ ގޮތަށް މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ މުހިއްމު ކޮންފަރެންސެއް މާލެ ސިޓީ ކައުންސިލުން ބޮއިކޮޓް ކުރީތީ އެކަން ފާހަގަކުރައްވާފަ އެވެ. އެކަމަކު މި ކޮންފަރެންސްގައި މާލެ ސިޓީގެ އަންހެން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ބޭފުޅަކު ބައިވެރިވެ އެވެ.

ސަރުކާރުން ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި ކޮންފަރެންސެއް އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބޮއިކޮޓް ކޮށްފައި މިވަނީ އެ ކައުންސިލް ހިންގުމަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނަމުންދާ ވަގުތެއްގަ އެވެ.

ވިއަވަތި ކޮންފަރެންސްގައި ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ މަންދޫބުން ބައިވެރިވާއިރު މީގެތެރޭގައި ޕީޕީއެމްގެ ކައުންސިލަރުން ވެސް ހިމެނެ އެވެ.

މި ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް، ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާ ގޮތަށް އެ ނިޒާމު ބައްޓަންކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބެލުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ސަރުކާރުގެ ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާކުރައްވައިގެން ހައްލުތައް ހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިއްމު ބޭނުމެކެވެ.