މާލޭ ސިޓީ ކައުންސިލް

ކޮންފަރެންސް ބޮއިކޮޓެއް ނުކުރަން: ނަރީޝް

May 28, 2022
3

ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުން ގެންދާ ވިއަވަތި ކޮންފަރެންސް ބޮއިކޮޓްކޮށްފައި ނުވާނެ ކަމަށާއި ކޮންފަރެންސްގައި ބައިވެރިނުވެވުނީ ދައުވަތު ލިބުން ލަސްވުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ އއ. އުކުޅަހުގައި މިއަދު ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި އެހާ މުހިއްމު ކޮންފަރެންސެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރި ނުވާކަން ފާހަގަކުރައްވާފައިވާތީ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ކޮންފަރެންސްގެ ދައުވަތު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ދައުވަތު ލިބުނުއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ކަމަށްވެފައި އަދި ބައެއް ކައުންސިލަރުން ތިއްބެވީ ރަސްމީ ދަތުރެއްގައި ތުރުކީގައި ކަމަށްވުމުން ދައުވަތާ މެދު ގޮތެއް ނިންމަން އެކަށީގެންވާ ވަގުތު ނުލިބުނީ ކަމަށެވެ.

"އަޅުގަނޑުމެން އެ ކޮންފަރެންސް ބޮއިކޮޓް ކުރި ކަމަށް ބުނާނަމަ އެއީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް އެ ކޮންފަރެންސަށް ނުދެވުނީ ޝޯޓް ނޯޓިސްއެއް ދިނުމުން. ރަށުން ބޭރުގައި އއ. އުކުޅަހުގައި މިފަދަ ކޮންފަރެންސެއް ބާއްވާއިރު މިއަށް ވުރެ ދުރާލައި ދައުވަތު ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ރާއްޖޭގެ ވެރިކަން ކުރާ ސިޓީގެ ހުރިހާ ކަމެއްގައި 24 ގަޑިއިރު އެލާޓްގައި ތިބެގެން މަސައްކަތް ކުރާ ކައުންސިލަކަށް ވާތީ ކުއްލިއަކަށް ނިންމަންޖެހޭ ކަންކަން ވަރަށް ގިނައިން ދިމާވާ ކަމަށެވެ. އެހެންކަމުން ރަށުން ބޭރުގައި އޮންނަ ބައްދަލުވުމަކަށް ވަޑައިގަތުމަށް މާލޭގެ ކައުންސިލަރުންނަށް ދައުވަތު ދޭނަމަ ދުރާލައި އެކަންކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ސަރުކާރުން ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި ކޮންފަރެންސެއް އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބޮއިކޮޓް ކޮށްފައި މިވަނީ އެ ކައުންސިލް ހިންގުމަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނަމުންދާ ވަގުތެއްގަ އެވެ. އަދި ސަރުކާރާއި މާލެ ސިޓީ ކައުންސިލާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެ އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުވެސް ކިޔަމުންދާ ވަގުތެއްގަ އެވެ.