ލައިފްސްޓައިލް

ހިނިތުންވުމަކާއެކު އުފަންވީ ކުއްޖެއް ސޯޝަލް މީޑިއާ ތަރިއަކަށް!

އައިލާ ސަމާ މުޗާ އުފަންވީ ޑިސެމްބަރު 2021 ގައެވެ. އައިލާ އުފަންވީއިރުވެސް އޭނާއަށް ވަނީ ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ބައިލެޓްރަލް މައިކްރޮސްޓޯމިއާ ކިޔާ ބައްޔެއް ޖެހިފަ އެވެ. ބަލީގެ ސަބަބުން އައިލާގެ އޯރަލް ކެވިޓީގައި ވަރަށް ބޮޑު އައިބެއް ހުރެ އެވެ. އެހެންވެ އޭނާގެ މޫނުމަތީގައި ގުދުރަތީ ގޮތުން ވަރަށް ލޯބި ހިނިތުންވުމެއް އަބަދުވެސް ހުރެ އެވެ. އަދި އައިލާގެ ފޮޓޯތައް ސޯޝަލް މީޑީއާގައި ދައުރުވެ މިހާރު އާއިލާއަކީ އިންޓަނެޓުގައި ވަރަށް މަޝްހޫރު ތަރިއެކެވެ.

އައިލާގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާކުރީ އޭނާގެ މަންމަ އެވެ.

އޮސްޓްރޭލިޔާގައި ދިރިއުޅޭ ކްރިސްޓީނާ ވާޗާ އާއި ބްލެއިޒް މޫޗާއަށް ލިބުނު މި ދަރިފުޅުގެ އައިބުތަކެއް ހުރިކަން ބަނޑުބޮޑުއިރު ހެދި ސްކޭންތަކުން ފެނިފައެއް ނުވެ އެވެ. އަދި ދަރިފުޅަށް ޖެހިފައިވާ މި ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ އަށާއި ފިރިމީހާ އަށް ވެސް މީގެ ކުރިން ލިބިފައެއް ނެތެވެ. އެހެންވެ ދަރިފުޅު ފުރަތަމަ ފެނުނު ފަހަރު އެމީހުންނަށް ވެސް ލިބުނީ ބޮޑު ޝޮކެއް ކަމަށް ކްރިސްޓީނާ ބުންޏެވެ.

އެމީހުންގެ ދަރިފުޅަށް ޖެހިފައިވާ ބައްޔާ ގުޅޭ މައުލޫމާތު ގިނަ ބަޔަކަށް ނޭނގޭތީ އެކަމަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ދަރިފުޅުގެ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކުރަނީ ކަމަށް ކްރިސްޓީނާ ބުންޏެވެ.

ދުނިޔޭގައި މިހާތަނަށް މިބަލި ހުރިކަމަށް ރެކޯޑް ކުރެވިފައިވަނީ އެންމެ 14 ކުއްޖެކެވެ. ނަމަވެސް ކުއްޖާ އުފަންވީ ފްލިންޑާސް މެޑިކަލް ސެންޓަރުގެ ޑޮކްޓަރުންނަށް މިފަދަ ކުއްޖެއް ފެނުނީ އަދި އަލަށެވެ.

ދަރިފުޅުގެ މި އައިބު ފިލުވައި އޭނާގެ މޫނުމަތީގައި ދާއިމީކޮށް ހުރި ހިނިތުންވުން ނައްތާލަން ކްރިސްޓީނާގެ ދެމަފިރިން ބޭނުންވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ޑޮކްޓަރުންނާ މަޝްވަރާ ކުރަމުންދާ ކަމަށް އެމީހުން ބުނެފައި ވެއެވެ.

ރީތި ހިނިތުންވުމެއް އަބަދު މޫނުމަތީގައި ހުރުމަކީ ކިތަންމެ ލޯބި ސިފައެއް ނަމަވެސް އަބަދު ހިނިތުންވެފައި ހުންނަނަމަ ކުއްޖާ ބޮޑުވެގެން ބައެއް ކަހަލަ މައްސަލަތައް ކުރިމަތިވެދާނެކަމަށް ކުއްޖާގެ މައިންބަފައިން ގަބޫލުކުރެ އެވެ.

ކުޑަ ސާޖަރީއެއް ހަދައިގެން ނަމަވެސް މައްސަލަ ހައްލުކުރަން އެމީހުން މަސައްކަތްކުރަނީ އެހެންވެ އެވެ.