ހަތަރު ފަޔާއި ހަތަރު އަތް ހުރި ކުއްޖެއްގެ ވީޑިއޯ އިންޓަނެޓުގައި ދައުރުވެ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މި ކުއްޖާއަށް މިހާރު 2.5 އަހަރު ވެއްޖެ އެވެ. ކުއްޖާ އުފަންވީއިރު ވެސް ހަތަރު ފަޔައި ހަތަރު އަތް ހުއްޓެވެ.
އިންޑިއާގެ ބިހާޜުގެ ނެވާޑާ ޑިސްޓްރިކްޓްގައި ދިރިއުޅޭ މި ކުއްޖާގެ މައިންބަފައިންނަކީ ބަނޑުހައިހޫނުކަމުގައި ދިރިއުޅޭ ފަގީރު ބައެކެވެ. އެހެންވެ ސާޖަރީ ހަދައިގެން މިކަން ރަނގަޅުކުރަން އެމީހުންނަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެވިފައި ތިބީ އެވެ.
އެންމެފަހުން އެ ދެމަފިރިން ވަނީ ނެވާޑާގެ ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން ކައިރިއަށް ގޮސް އެހީއަށް އެދިފަ އެވެ. މި ކުއްޖާގެ ވީޑީއޯ އިންޓަނެޓުގައި ޝާއިއުކޮށް އޭނާއަށް އެހީތެރިވެދޭން ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރީ މި ދެމަފިރިންގެ އެދުމުގެ މަތިންނެވެ.
މި ވީޑިއޯ އެތައް ހާސް ބަޔަކު ބަލާފައި ވެއެވެ. އަދި ހަމަ އެހާ ގިނަ މީހުން ކޮމެންޓު ވެސް ކޮށްފައި ވެއެވެ. ނަމަވެސް ކުއްޖާއަށް އެހީތެރިވުމުގައި އިސް ނެގީ މިފަހަރު ވެސް ބޮލީވުޑް އެކްޓަރު ސޯނޫ ސޫދެވެ. ފާއިތުވީ ދެ އަހަރު ތެރޭގައި ހާލުގައި ޖެހިފައިވާ އިންޑީއާގެ އެތައް ހާސް ބަޔަކަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ސޯނޫ އަށް މި ވީޑިއޯ ފެނުމާއެކު ވަގުތުން ކުއްޖާގެ ސާޖަރީއަށް ފައިސާ ދޭނެކަމަށް ވަނީ ބުނެފަ އެވެ.
ކުއްޖާގެ ހަށިގަނޑުގައި އިތުރަށް އިން ދެ އަތާއި ދެ ފައި ނުކުމެފައިވަނީ ކުއްޖާގެ ބަނޑުންނެވެ. އެހެންކަމުން ސާޖަރީ ހަދައި އެ ދެ އަތާއި ދެ ފައި ކުއްޖާގެ ގައިން ވަކިކުރުމަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވެ އެވެ.
"އެއްވެސް ކަމަކާ ހާސް ނުވޭ. މިހާރު ކުއްޖާގެ ފަރުވާ ފަށައިގެން ކުރިޔަށް އެބަދޭ. އެ ކުއްޖާއަށްޓަކައި އެންމެން ވެސް ހެޔޮ ދުއާ ކުރޭ،" ސޯނޫގެ ޓުވީޓުގައި ވެއެވެ.