މިނިސްޓްރީ އޮފް ހެލްތު

ހަތަރު ހޮސްޕިޓަލެއް އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

May 30, 2022
2

ސަރުކާރުން ހަތަރު ރަށެއްގައި އެޅުމަށް ހަމަޖައްސާފައިވާ ހޮސްޕިޓަލްތައް ޑިޒައިންކޮށް އިމާރާތްކުރުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް)އާ އެވެ.

ޓީސީއައިއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިން އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލް އެވެ.

ޓީސީއައިއެލްއާ މިއަދު ހަވާލުކުރީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލާއި، ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލާއި، ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލް ޑިޒައިންކޮށް އިމާރާތްކުރުމަށެވެ.

މިމަޝްރޫއުގެ އަގަކީ 57.2 މިލިއަން އެމެރިކާ ޑޮލަރެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖައްސާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ނަގާ ކްރެޑިޓް ސްކީމެއްގެ ތެރެއިންނެވެ.

މިއަދު ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ދިއްދޫ، ކުޑަހުވަދޫ އަދި ގއ. ވިލިނިގލިީގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ހެދުމަށް ހަމަޖެހިފައިވާއިރު އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް ހަދާނެ އެވެ.

ޓީސީއައިއެލްއާ ޑިޒައިންކޮށް އިމާރާތްކުރަން މިއަދު ހަވާލުކުރި ބައެއް ހޮސްޕިޓަލްތައް ޑިޒައިން ކުރުމަށް ރާއްޖޭގެ ކުންފުންޏަކާ ކުރިން ހަވާލުކޮށްފައިވެ އެވެ. ޓީސީއައިއެލްއާ މިމަސައްކަތް ފަހުން ހަވާލުކުރި ވަކި ސަބަބެއް ހެލްތު މިނިސްޓްރީން ނުބުނެ އެވެ.