ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންޑިއާއިން އަންނަ ދިވެހިން ކަރަންޓީނަށް، ޓޫރިސްޓުންނަށް ކަރަންޓީނެއް ނެތް

އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ނިންމައިފި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް މިރޭ ވަނީ ފިޔަވަޅުތައް ހަރުކަށިތައް ކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ އެންގުމުގަައި ބުނެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ އިންޑިއާއިން ޓޫރިސްޓް ވިސާގައި އަންނަ މީހުންނަށް އަދިވެސް ކަރަންޓީނެއް ނެތެވެ. ނަމަވެސް އިންޑިއާގެ ޓޫރިސްޓުންނަށް މިހާރު އާދެވޭނީ ހަަމައެކަނި ރިސޯޓްތަކަށެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ނެރުނު އެންގުމެއްގައި އިންޑިއާއިން އަންނަ ޓޫރިސްޓުން ގެސްޓް ހައުސްތަކުގައި ތިބުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ މިރޭ ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު މަނާކުރުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުމަށްވެސް ވަނީ ނިންމާފައެވެ.