ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަފްތާއެއް؛ ރިސޯޓްތަކުން ކޮވިޑްގެ 500 ކޭސް

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިސޯޓްތަކުން އެކަނިވެސް 500އެއްހާ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު 96،000 ވުރެ މައްޗަށް ގޮސްފައިވާއިރު މިދިޔަ ދުވަސްތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މި ފަހުން ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައި ވަނިކޮށް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިދިޔަ 8 ދުވަހުގެ ތެރޭގައި ރިސޯޓްތަކުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އޮޕަރޭޝަނަލް ރިސޯޓްތަކުން 80 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު 71 މީހަކު އަދި 29 ވަނަ ދުވަހު 60 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ 8 ދުވަހުގެ ރިސޯޓް ނަންބަރުތައް

  • ޖަނަވަރީ 2 - 80 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 1 - 66 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 31 - 51 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 30 - 27 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 29 - 60 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 28 - 71 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 27 - 50 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 26 - 42 މީހަކު ޕޮޒިޓިވް

ރިސޯޓްތަކުގެ ޕޮޒިޓިވް ނަންބަރު މައްޗަށް ދިޔަނަމަވެސް އެކަމުގެ ތަފްސީލެއް އެޗްޕީއޭ އިން އަދި ޓޫރިޒަމް މިނިސްޓްރީންވެސް ހާމައެއް ނުކުރެއެވެ. އަދި ޕޮޒިޓިވް މީހުން ތިބި ރިސޯޓްތަކުގެ ނަމާއި އަދަދެއްވެސް ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު މައްޗަށް ދާއިރު މިދިޔަ ދެ ހަފްތާގައިވެސް ކޮންމެ ދުވަހެއްގެ ޕޮޒިޓިވް ނަންބަރު ހުރީ 100 އިން މަތީގައެވެ. މިދިޔަ ހަފްތާގައި އެކަނިވެސް 1،188 މީހަކަށް ކޮވިޑް ޖެހުނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޑިސެންބަރު 29 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 198 މީހަކަށް ބަލި ޖެހުނެވެ. ޖަނަވަރީ ފުރަތަމަ ދުވަހު 191 އަދި ޑިސެންބަރު 28 ވަނަ ދުވަހު 190 މީހަކަށް ބަލި ޖެހިފައިވެއެވެ.

މިދިޔަ ހަތް ދުވަހު ރާއްޖޭގެ ކޮވިޑް ނަންބަރު

  • ޖަނަވަރީ 2 - 161 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 1 - 191 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 31 - 160 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 30 - 120 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 29 - 198 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 28 - 190 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 27 - 168 މީހަކު ޕޮޒިޓިވް

ކޮވިޑްގައި ރާއްޖެއިން މިހާތަނަށް 262 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު 13 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ރާއްޖޭގެ އެކްޓިވް ކޭސްގެ އަދަދަކީ 2،463 އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް "އެމިކްރޯން" ގެ ކޭސްތަކެއްވެސް ރާއްޖެއިން ވަނީ ފެނިފައެވެ. އެ ވައިރަސް ދިވެއްސެއްގެ ގައިން އަދި ފެނިފައެއް ނުވެއެވެ.