ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 78 އަށް އަރާފައެވެ.
އެޗްއީއޯސީން ބުނީ އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ޕޮޒިޓިވްވެ އެ ކްލަސްޓާ 78 އަށް އަރާފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވީވެސް މުޅީންވެސް އެ ރަށުގައި މަސައްކަތް ކުރާ މުވައްޒިފުންނެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުގެ މުވައްޒިފުން ކޮވިޑަށް ޓެސްޓްކޮށްފަައިވަނީ އެ ރަށުން ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.
މިއަދު އިތުރު ރިސޯޓްތަކުންވެސް ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. ސަންގެލިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 70 އަށް އަރާފައެވެ. މިއަދު އެ ރަށުން ޕޮޒިޓިވްވީ ހަ މީހުންނެވެ.
އަނަންތަރާ ރިސޯޓުން ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މިއަދު ޕޮޒިޓިވްވި ފަސް މީހުންނާއެކު އެވެ.
އިރުވެލި ރިސޯޓުން ފަސް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމަތް ހުރެގެން ޓެސްޓްކުރި ދެ މީހެކެވެ. މިއަދު ޕޮޒިޓިވްވީ އެކަކެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުން އަދިވެސް ސާމްޕަލް ނަގަމުންދާ ކަމަށެވެ.
ގއ. އަތޮޅުގައި ހިންގަމުންދާ ރެސިޑެންޓް މޯލްޑިވްސް އިން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ރިސޯޓުން މި މަހުގެ 17 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވިއެވެ. މިއަދު ޕޮޒިޓިވްވީ ތިން މީހުންނެވެ.
އަދި އަދާރަން ކްލަބް ރަންނާޅިން 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީން ބުނީ ކޮންމެ ރިސޯޓެއްގެ އައުޓްބްރޭކް ވަކިން މޮނިޓާ ކުރަމުންދާ ކަމަށެވެ.